ޚަބަރު

ޔޫތު ޗެންޕިއަންޝިޕްގެ ޗެންޕިއަންކަން ކުލަބް އީގަލްސް ހޯދައިފި


އެފްއޭއެމް ޔޫތު ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތު ޗެންޕިއަންކަން ކްލަބު އީގަލްސްއިން ހޯދައިފިއެވެ. ފ.އަތޮޅު ނިލަންދޫ ޓާފް ދަނޑުގައި ކުޅުނު މިމުބާރާތުގެ ފައިނަލް މެޗް ކާމިޔާބުކޮށް ޗެންޕިއަންކަން ކުލަބް އީގަލްސް ހޯދީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 1 ލަނޑު 0 ލަނޑުން ބަލިކޮށްގެންނެވެ.

މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ކުލަބް އީގަލްސްއެވެ. އަދި މިއީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އިން މިމުބާރާތުގެ ފައިނަލްގައި ކުޅުނު ފުރަތަމަ ފަހަރުއެވެ. ނިލަންދޫ ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މިމެޗް ފުރަތަމަ ކޮޅުގައި މޮޅަށް ކުޅެފައިވަނީ ސަސްއިންނެވެ. ނަމަވެސް މެޗްގައި ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލާފައިވަނީ ކުލަބް އީގަލްސްއިންނެވެ. އެޓީމަށް ލިބުނު ހިލޭ ޖެހުން ޒައިން ޒަފަރު ފޮނުވާލި ނަމަވެސް ސަސްގެ ކީޕަރު ޔޫސުފް މީސަމް އަބްދުﷲވަނީ އެބޯޅަ މަތަކޮށްފައެވެ. މެޗް ކުރިއަށްދިޔަ ވަރަކަށް ކުލަބް އީގަލްސްއިން މެޗްގެ ތެރެއަށްވަދެ، ނުރައްކާތެރި ހަމަލާތައް އުފައްދަން މަސައްކަތް ކުރިއެވެ. ފުރަތަމަ ހާފުގައި ސަސްއަށް ގޯލެއް ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސާލިފް ހުސައިން އަށެވެ. ނަމަވެސް އޭނާއަށް ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ.

މެޗްގައި ފެނިގެންދިޔަ ހަމައެކަނި ގޯލް މެޗްގެ ފުރަތަމަ ހާފްގެ 24ވަނަ މިނެޓްގައި ކުލަބް އީގަލްސްއަށް ކާމިޔާބުކޮށްދިނީ ޒައިން ޒަފަރުއެވެ. އަދި އޭގެ މިނެޓެއް ފަހުން ކުލަބް އީގަލްސްއަށް ލީޑް ފުޅާކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ފުރުސަތުގެ ބޭނުން އީގަލްސްގެ ކުޅުންތެރިންނަށް ހިފޭ ގޮތެއް ނުވިއެވެ.

މެޗްގެ ދެވަނަ ހާފްގައި ކުލަބް އީގަލްސްއިން ނިކުތީ ބަދަލުތަކަކާއެކުއެވެ. ދެވަނަ ހާފްގެ ކުރީކޮޅުގައި ދެ ޓީމްގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. މެޗް 61ވަނަ މިނެޓްގައި އީގަލްސްއިން ޕެނަލްޓީއަކަށްވެސް އެޕީލް ކުރިއެވެ. އީގަލްސްއިން ޕެނަލްޓީއަކަށް އެޕީލްކުރީ އޭރިޔާގެ ތެރެއިން އީގަލްސްގެ ޒައިންއަށް ސަސްގެ ކުޅުންތެރިން ފައުލް ކުރިކަމަށް ބަލާފައެވެ. ނަމަވެސް ރެފްރީ އަފްޝީން ނަސީރުވަނީ ސަސްގެ ކުޅުންތެރިން ފައުލް ނުކުރާކަމަށް ނިންމާ، ޕެނަލްޓީއެއް ނުދޭން ނިންމާފައެވެ. ދެވަނަ ހާފްގައި އީގަލްސްއަށް ލީޑް ފުޅާކުރުމަށް ދެތިން ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އެބޯޅައިގެ ބޭނުން އީގަލްސްގެ ކުޅުންތެރިންނަށް ހިފޭގޮތް ނުވިއިރު، ސަސްގެ ކުޅުންތެރިންނަށް މެޗްގެ ދެވަނަ ހާފްގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އިޝްފާއު މުހައްމަދުއަށެވެ. ނަމަވެސް އިޝްފާއު ފޮނުވާލި ބޯޅަ އީގަލްސްގެ ކީޕަރު ޝައިހާންވަނީ މަތަކޮށްފައެވެ. ސަސްއިން ގޯލް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވެ، މެޗް ނިމިގެންދިޔައީ ކުލަބް އީގަލްސް ކުރީގައި އޮވެގެންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޒައިން ޒަފަރުއެވެ. އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނީ އީގަލްސްގެ ކޯޗު އަހުމަދު ނިމާދު އަށެވެ. ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ މަހިބަދޫ ސްޕޯޓްސް ކްލަބް، މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިންނަށް ހޮވިފައިވަނީ އީގަލްސްގެ ސަމާހު، ސާއިފް، ހުމައިދާއި ސަސްގެ ކީޕަރު މީސަމް، ވިޝާހު، އިޝްއާފް، ޓީސީގެ އަހްނަފް، އައިހަމް ހަމްދޫނާއި އައިހަމް ސައީދުގެ އިތުރުން ޔުނައިޓެޑް ވިކްޓްރީގެ ޒައިން ސުޖާއު އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އިޔާންއެވެ.