ޚަބަރު

ފ.އަތޮޅުގެ ތަރައްޤީއާ ގުޅޭގޮތުން ނާއިބު ރައީސް މަޝްވަރާކުރައްވައިފި


ފ.އަތޮޅުގެ ތަރައްޤީއާ ގުޅޭގޮތުން އެ އަތޮޅުގެ ކައުންސިލަރުންނާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމް މަޝްވަރާކޮށްފިއެވެ.

ފ. އަތޮޅު ކައުންސިލާއި، ފ. ނިލަންދޫ ކައުންސިލާއި، ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި މި މަޝްވަރާތައް ބޭއްވީ ނައިބް ރައީސް އެ އަތޮޅޫ ދެ ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ނިލަންދޫއަށް ވަޑައިގެންނެވެ.

މިއަދު މެންދުރުފަހު ފ. އަތޮޅު ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ވަނީ އަތޮޅާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ފާހަގަކުރައްވައި، ތަރައްޤީއާގުޅޭ ގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި އިޙްސާސްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިއްސާކުރައްވާފައެވެ. މިގޮތުން، ނިލަންދޫ ކައުންސިލުން ވަނީ އެ ކައުންސިލުގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް އަތޮޅު ފިހާރައިގެ މަންފާ ލިބޭނެ ގޮތެއް ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ދަންނަވާފައެވެ. މީގެއިތުރުންވެސް ނިލަންދޫ ރައްޔިތުންނަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަމާއި، ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް އަވަސްކޮށްދިނުމާ ގުޅޭގޮތުންނާއި، މިސްކިތުގެ ޙާލަތު ދަށްވުމުގެ ސަބަބުން ހުރި ކަންބޮޑުވުންތަކާއި، ރަށުގައި ގޯތި ދޫކުރުމާ ގުޅޭގޮތުން ނިލަންދޫ ކައުންސިލުން ނައިބްރައީސްއާ މަޝްވަރާކުރެއްވިއެވެ.

ފ. އަތޮޅު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެ އަތޮޅު މަގޫދޫ ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ކައުންސިލްތަކަށް އާމްދަނީ އިތުރުކުރުމުގެ ގޮތުން ވިޔަފާރި ކުރުމުގައި ދިމާވާ ބައެއް އިދާރީ ގޮންޖެހުންތަކާއި، ކައުންސިލްތަކުގެ ބަޖެޓުގެ ދަތިކަން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވެސް ދަރަނބޫދޫގެ ރަށްގިރާތީ ހުރި ކަންބޮޑުވުންތަކާއި، ނިލަންދޫ މަގުތަކުގެ ޙާލަތު ގޯސްވުމުން އަތޮޅު ހޮސްޕިޓަލަށް ބަލި މީހުން ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތައް ވަނީ އަތޮޅު ކައުންސިލުން ފާހަގަކުރައްވާފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ ރަށުކައުންސިލުގެ ބަޖެޓުން ކޮމިޓީއަށް %5 ގެ ބަޖެޓެއް ކަނޑައަޅާފައި އޮންނައިރު، ކޮމިޓީ މެންބަރުންގެ މުސާރަ ބޮޑުކުރުމުން އިތުރު ޕްރޮގްރާމެއް ހިންގުމަށް ބަޖެޓުގެ ދަތިކަން ދިމާވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ފާހަގަކުރެއްވެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާކުރައްވައިގެން އެދެވޭ ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ. އަދި އެއަށްފަހު އެމަނިކުފާނު ވަނީ ފ. އަތޮޅު ތަޢުލީމީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ މެނޭޖްމަންޓާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ.