ޚަބަރު

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުގެ ވާދަވެރިކަން ބޮޑު


އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އިއުލާންކުރެއްވުމާއެކު އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ.

އަންނަ އޭޕްރީމް މަހުގެ 16ގައި ބާއްވާ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި މިހާތަނަށް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައި ވަނީ މިދެބޭފުޅުންނެވެ. މިއާއެކު އެމްޑީޕީގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން ވަނީ ތާޢީދުކުރައްވާ ކެނޑިޑޭޓުންނަށް ކެމްޕެއިން ފަށްޓަވާފައެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވާނެކަން އިމްތިޔާޒް ހާމަކުރެއްވިނަމަވެސް އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން އިމްތިޔާޒް ކުރައްވާތާ މިއީ 3ވަނަ ދައުރެވެ. ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވަން ނިންމެވިކަން ހާމަކުރައްވާ މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވީ، އެ މަޤާމަށް ކުރިމަތިލެއްވީ އެމްޑީޕީ އިތުރަށް ހަރުދަނާ ކުރުމަށްކަމަށެވެ. އަމާޒަކީ ޕާޓީ އިތުރަށް ހަރުދަނާކުރެއްވުމާއި އެމްޑީޕީގެ ހެޔޮ ވެރިކަން ދެމެހެއްޓުންކަމަށް މިނިސްޓަރ ފައްޔާޟްް ވިދާޅުވިއެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރުވެސް އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވާނެކަން އިއުލާންކުރެއްވިއެވެ. އެހެންނަމަވެސް މިހާރު އޭނާ ވަނީ ވާދަ ނުކުރައްވަން ނިންމަވާފައެވެ. ޢަމްރުގެ އެ ނިންމެވުމަކީ މިވަގުތު އެޕާޓިއަށް އެންމެ ރަނގަޅުގޮތް އެދިގެން ނިންމެވި ނިންމެވުމެއްކަމަށް ޢަމްރުގެ އަރިސް ބޭފުޅަކު ވިދާޅުވިއެވެ.

އަންނަ އޭޕްރީލް މަހުގެ 16ގައި ބޭއްވުމަށް އިއުލާންކޮށްފައިވާ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުޞަތު މިމަހުގެ 19އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު މި ބާއްވަނީ އެ މަޤާމުގައި ހުންނެވި ހެންވޭރު ހުޅަންގު ދާއިރާގެ މެންބަރު ޙަސަން ލަޠީފްގެ ދައުރު ހޮނިހިރު ދުވަހު ހަމަވުމާ ގުޅިގެންނެވެ.