ކުޅިވަރު

ބުންޑަސްލީގް: ބޮޗަމް އަތުން ބަޔާން ބަލިވެއްޖެ


ޖަރުމަނު ބުންޑަސްލީގާގައި ވީއެފްއެލް ބޮޗަމް އެއިޓީން ފޯޓީއެއީޓް އަތުން އެންމެފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކް ބަލިވެ ގިނަ ބަޔަކު ހައިރާން ކޮށްލައިފިއެވެ. ބޮޗަމްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 4 ލަނޑު 2ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާންއެވެ. އަދި މިމެޗްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީވެސް ބަޔާންއެވެ. މިލަނޑު މެޗްގެ 9 ވަނަ މިނެޓްގައި ޖަހައިދިނީ ރޮބަޓް ލެވަންޑޯސްކީއެވެ. ނަމަވެސް މިލަނޑު ޖެހިތާ ފަސް މިނެޓްފަހުން ބޯކަމްގެ ކްރިސްޓޮފަރ އެންޓްވީ އަޑްޖެއި ޖަހައިދިން ލަނޑާއެކު މެޗްގެ ނަތީޖާ ހަމަވެގެން ދިޔައެވެ. އަދި މިމެޗްގައި ބޮޗަމުން އެޓީމުގެ ދެވަނަ ލަނޑު ޖަހައި މިމެޗްގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ މެޗްގެ 38 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިޕެނަލްޓީ ކާމިޔާބުކޮށްދިނީ ޖަރގެން ލޮކާޑިއާއެވެ. އަދި ދެން ފެނިގެންދިޔައީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ބޮޗަމްއިން އިތުރު ދެލަނޑު ކާމިޔާބުކޮށް މިމެޗްގައި ބަޔޭންގެ މައްޗަށް ތިން ލަނޑުގެ ލީޑެއް ނެގި ތަނެވެ. މިމެޗްގައި ބޮޗަމްގެ ތިންވަނަ ލަނޑު މެޗްގެ 40 ވަނަ މިނެޓްގައި ކްރިސްޓިއަން ގަމްބޯއަ ކާމިޔާބުކޮށްދިން އިރު ފަހު ލަނޑު 44 ވަނަ މިނެޓްގައި ޖަހާދިނީ ގެރިޓް ހޯލްޓްމަންއެވެ. މިމެޗްގައި ބަޔާންގެ ދެވަނަ ލަނޑު މެޗްގެ 75 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން ލެވަންޑޯސްކީއެވެ. މިމެޗްގައި އިތުރު ލަނޑެއް ޖެހުމަށް ބަޔާންއިން ވަރަށް މަސައްކަތް ކުރި ނަމަވެސް ބޮޗަމްގެ ކުޅުންތެރިން ވަނީ އެފުރުސަތު ނުދީ މެޗް ނިމެންދެން އެނަތީޖާގައި ހިފަހައްޓާލާފައެވެ.

މިނާކާމިޔާބީއާއެކު ޕޮއިންޓްތާވަލްގައި ބަޔާން އޮތް މަގާމަށް ބަދަލެއް ނައި ނަމަވެސް އެޓީމަށް ލިބިފައިވާ ލީޑަށް ބަދަލު އައުމަކީ ގާތް ކަމެކެވެ. މިވަގުތު ޕޮއިންޓް ތާވަލްގެ އެއްވަނައިގައި ބަޔާންއަށް 9 ޕޮއިންޓްގެ ލީޑެއް ލިބިފައިވީ ނަމަވެސް މިރޭ ދެވަނައިގައި އުޅޭ ބޮރުޝިއާ ޑޯޓްމުންޑް ކުޅޭ މެޗް ކާމިޔާބުކޮށްފި ނަމަ މިފަރަގު 6 ޕޮއިންޓަށް ކުޑަވެގެން ދާނެއެވެ. ބޮޗަމްގެ މިކާމިޔާބީއާއެކު އެޓީމް މިހާރުވަނީ 22 މެޗުން ލިބިފައިވާ 28 ޕޮއިންޓާއެކު ތާވަލްގެ 11 ވަނަ އަށް ކުރިއަށް ޖެހިލާފައެވެ.