ކުޅިވަރު

މައިލޯ ވީ މީޑިއާ އިންވިޓޭޝަނަލް ކަޕްގެ ޗެންޕިއަންކަން ޓީވީއެމްއަށް


މައިލޯ ވީ މީޑިއާ އިންވިޓޭޝަނަލް ކަޕްގެ ޗެންޕިއަންކަން ޓީވީއެމްގެ ޓީމުން ހޯދައިފިއެވެ. ވީ މީޑިޔާއިން މީޑިޔާތަކަށް ހުޅުވާލެވިގެން ކުރިއަށްގެންދިޔަ މިމުބާރާތުގެ ޗެންޕިއަންކަން ޓީވީއެމްއިން ހޯދީ ފައިނަލް މެޗްގައި ޗެނަލް 13 އާއި ވާދަކޮށްގެން ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެންމެ ފުރަތަމަ ލީޑްނެގީ ޓީވީއެމްގެ ޓީމުންނެވެ. ނަމަވެސް މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ޗެނަލް 13އިން ވަނީ ލަނޑެއްޖަހައި، މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗްގެ ދެވަނަ ހާފްވެސް ދެ ޓީމްގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފެނިގެންދިޔައިރު، ދެވަނަ ހާފްގައި ޓީވީއެމްގެ ޓީމުން ވަނީ ލަނޑެއްޖަހާ މެޗްގައި ދެވަނަ ފަހަރަށް ލީޑް ނަގާފައެވެ. މިއާއެކު ޗެނަލް 13 އިން ވަރަށް ބޮޑަށް ކުޅުން ރަގަނޅުކޮށް ލަނޑެއް ޖެހުމަށް މަސައްކަތް ކުރިއެވެ. އެގޮތުން މެޗް ނިމެން ފަސްވަރަކަށް މިނެޓަށް ވެފައިވަނިކޮށް، ޗެނަލް 13 އިންވަނީ ލަނޑެއްޖަހާ މެޗްގައި ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްފައެވެ.

ކޮންމެ ޓީމެއްވެސް ދެ ލަނޑު ޖަހާފައިވުމުން ނަތީޖާ ނެރިފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ޓީވީއެމްގެ ޓީމް ކުރި ހޯދީ 5 ލަނޑު 4 ލަނޑުންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީވީއެމް ޓީމްގެ ރިމާޙު އަހުމަދެވެ. މިމުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީވީއެމްގެ ކީޕަރު ފަޒަލް އިބްރާހިމް، ފައިނަލް މެޗް އަދި މުބާރާތުގެ މޮޅު ކުޅުންތެރިޔާ ރިމާހު އަހުމަދު، އިބްރާހިމް ސުހެއިލް، ޗެނަލް 13ގެ މުހައްމަދު ޒާމިލް އަދި ކުލަބް ވީގެ ޝަރަފެވެ.

މައިލޯ ވީ މީޑިއާ އިންވިޓޭޝަނަލް ކަޕުގައި ހަތަރު މީޑިއާއަކުން ޖުމްލަ 6 ޓީމު ބައިވެރިވެރިވެފައިވާއިރު، މުބާރާތުގެ ޗެމްޕިއަން ޓީމަކަށް 5،000 ރުފިޔާ، 2ވަނަ ޓީމަށް 3،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.