ޚަބަރު

ބޮޑީ ވޯން ކެމެރާ، ފުލުހުން ޖަވާބުދާރީ ކުރުވުމަށް މުހިންމު ދައުރެއް އަދާކުރާނެ: ޙަމީދު


ބޮޑީ ވޯން ކެމެރާ ވެގެންދާނީ ފުލުހުން ޖަވާބުދާރީ ކުރުވުމަށް މުހިންމު ދައުރެއް އަދާކުރާނެ ވަސީލަތަކަށް ކަމަށާ، މިއާއެކު ފުލުހުންގެ ޚިދުމަތަށް ރައްޔިތުންކުރާ އިތުބާރު ބޮޑުވެގެންދާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ޙަމީދު މިހެން ވިދާޅުވީ ފުލުހުންގެ ޚިދުމަތުގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުން އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފުލުހުންގެ ޚިދުމަތުގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުން އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމިދު ވިދާޅުވީ، ފުލުހުންގެ ޚިދުމަތަށް ތަޢާރަފްކުރި މި އައު ވަސީލަތަކީ ފުލުހުންގެ މަސައްކަތަށް ބޮޑު ބަދަލެއް ގެނެސްދޭނެ ވަސީލަތެއްކަމަށެވެ. ބޮޑީ ވޯން ކެމެރާއަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ތައާރަފްކޮށް ބޭނުންކުރެވެމުން އަންނަ ވަސީލަތެއްކަން ފާހަގަކުރައްވައި ސީޕީ ޙަމީދު ވިދާޅުވީ، މިއީ ކުށްކުރުމާއި، ކުށުގެ ބިރުވެރިކަން ކުޑަކުރުމަށް ފުލުހުން ކުރާ މަސައްކަތަށް ލިބިގެންދާ އިތުރު އެހީތެރިކަމަކާއި، ތަހްގީގްތަކަށް ބޭނުންވާ ހެކި ލިބިގަނެވޭނެ އައު ވަސީލަތެއްކަމަށެވެ.

މި ޤާބިލްކަން ދިވެހި ފުލުހުން ހޯދުމަށް މަސައްކަތްކުރާތާ ދެތިން އަހަރުވެފައިވާކަން ފާހަގަކުރައްވަމުން ހަމީދު ވިދާޅުވީ މިހާތަނަށް މި ވަސީލަތް ތަޢާރަފްކުރުން ލަސްވީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީ ދަށްވެ ޚަރަދުތައް ކުޑަކުރަން ޖެހިގެންކަމަށެވެ. ނަމަވެސް ބޮޑީ ވޯން ކެމެރާ ބޭނުންކުރަން މިފެށީ މިކަމަށް ބޭނުންވާ އުސޫލްތައް ޤާއިމްކޮށް ފުލުހުންވެސް ތަމްރީން ކުރުމަށް ފަހުކަމަށެވެ. އެގޮތުން މިދުމަތާއެކު ފުލުހުން ޢާންމުންގެ މީހަކާ ކުރެވޭ ހުރިހާ މުއާމަލަތެއް ރިކޯޑްކުރެމުންދާނެކަމަށާ، ވީޑިއޯ ފޫޓޭޖްގެ ރައްކާތެރިކަމާއި ހާމަކުރަންޖެހޭ ހާލަތްތަކުގައި މި އުސޫލްގެ ދަށުން ވީޑިއޯ ހާމަކުރެވޭނެކަމަށް ހަމީދު ވިދާޅުވިއެވެ. ފުލުހުންގެ އެކި އޮޕަރޭޝަންތަކުގެ އިތުރުން މުޒާހަރާތަކާ އެއްވުންތަކާ އެނޫންވެސް ތަފާތު ހާލަތްތަކުގައި ހަރަކާތްތެރިވާއިރު ބޮޑީ ވޯން ކެމެރާ ބޭނުންންކުރެވޭނެކަމަށް ޙަމީދު ވިދާޅުވިއެވެ.

މި ވަސީލަތާއެކު ފުލުހުންގެ ޚިދުމަތް ޖަވާބުދާރީވުން ހަރުދަނާކޮށް، ފުލުހުންގެ ޚިދުމަތަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުކުރުމާއި، ފުލުހުންގެ މަޤްޞަދުތައް ހާސިލްކުރުމަށް ފަސޭހަވާނެކަންވެސް ސީޕީ ޙަމީދު ފާހަގަކުރެއްވިއެވެ.

"ތި އެންމެ ބޭފުޅުން ހަނދުމަހުންނާނެ ދާދިފަހުން އެމެރިކާގެ މެނެސޯޓާގައި ދޮން ނަސްލުގެ ފުލުހަކު ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑް ނަމަކަށް ކިޔާ މީހަކު ހައްޔަރުކުރުމުގެ ތެރޭގައި ހިނގާދިޔަ ކަންކަމާ ގުޅިގެން ހިންގުނު ޝަރިޢަތުގަ އޮފިސަރ ޑެރެކް ޗޯވިންގެ ބޮޑީވޯން ކެމެރާއިން ނަގާފައިވާ ފުޓޭޖްތަކަށް އެ ޝަރިޢަތުގައި ވަނީ ވަރަށް ބޮޑަށް ރިޔާއަތްކޮށްފައި. މިގޮތުން ކުށް ސާބިތުކުރުމުގައި ބޮޑީ ވޯން ކެމެރާއިން ލިބިފައިވާ ހެކި ބޮޑު ދައުރެއް އަދާކޮށްފައިވޭ. އެހެންކަމުން ރާއްޖޭގައިވެސް މުސްތަޤްބަލުގައި ބޮޑީ ވޯން ކެމެރާ ވެގެންދާނީ ފުލުހުން ޖަވާބުދާރީ ކުރުވުމަށް މުހިންމު ދައުރެއް އަދާކުރާނެ ވަސީލަތަކަށް." ޙަމީދު ވިދާޅުވިއެވެ.

ސީޕީ ޙަމީދު ވިދާޅުވީ، ބޮޑީ ވޯން ކެމެރާގެ ހަމައެކަނި ބޭނުމަކީ ފުލުހުން ގޯސްކަމެއް ކުރާތޯ ބަލައި ފާރަވެރިވެ ފިޔަވަޅު އެޅުން ނޫންކަމަށާ، މި ކެމެރާއިން ފުލުހުންގެ ތަފާތު ގިނަ މަޤްޞަދު ހާސިލްކުރުމަށް އެހީތެރިވެދޭނެކަމަށެވެ. އަދި ފުލުހުންގެ ރައްކާތެރިކަމުގައިވެސް މުހިންމު ދައުރެއް އަދާކުރާނެ ވަސީލަތަކަށް މި ކެމެރާ ވާނެކަމަށް ޙަމީދު ވިދާޅުވިއެވެ. އަދި ފުލުހުންގެ މައްޗަށް ކުރެވޭ ދޮގު ތުހުމަތުތަކާއި އަސްލެއް ނެތް އިލްޒާމްތަކަށް ޖަވާބުދާރީވެ ހަގީގަތް ހާމަކޮށްދިނުމުގައިވެސް އެހީތެރިވެދޭނެ ވަސީލަތަކަށް ވާނެކަމަށް ޙަމީދު ވިދާޅުވިއެވެ.

"މިހާރު ކަން ހިނގާގޮތަށް ބަލާއިރުގަ ފުލުހުން އެޓެންޑުވާ ހާދިސާތަކާ ސީންތަކުގަ ފުލުހުން ހަރަކާތްތެރިވާ ގޮތް ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ވައިރަލްކުރުން އެއީ ޢާންމުކޮށް ހިނގާކަމެއް. ނަމަވެސް މިފަދަ ހާލަތްތަކުގައި އެ ފެންނަނީ މަންޒަރުގެ އެއް ފަރާތް. ފުލުހުންގެ މީހާގެ ނަޒަރުން ކަން ހިނގާދިޔަ ގޮތް ފެންނާކަށެއް ނުއެއް ހުރޭ. ބޮޑީ ވޯން ކެމެރާ ހަރުކޮށްގެން ހުރި ފުލުހެއް ނަމަ އެފުލުހަކަށް ފެނުނު މަންޒަރު ރެކޯޑްވަމުންދާނެ. އަދި އެ ފުލުހެއްގެ ނަޒަރުން އެ ހާދިސާ އަލުން ތަކުރާރުކޮށް ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެ." ޙަމީދު ވިދާޅުވިއެވެ.

އެހެންކަމުން ބޮޑީ ވޯން ކެެރާ ބޭނުންކުރަން ފެށުމުން ފުލުހުންނަށް ކުރެވޭ އަސްލެއް ނެތް ޝަކުވާއާއި، ފުލުހުންގެ ޕްރޮފެޝަނަލިޒަމް ރަނގަޅުކުރުމަށް މި ވަސީލަތުގެ ސަބަބުން ބާރުއެޅިގެންދާނެތީ، ފުލުހުންގެ ފަރާތުން ގޯސްކޮށް ހިނގާ ކަންކަމާމެދު ރައްޔިތުންގެ ޝަކުވާތައް މަދުވެ، ކުރެވޭ ޝަކުވާތައް ތަހްގީގްކުރުމާއި ހަގީގަތް ހޯދުމަށް ޒަމާނީ ފުރިހަމަކަމެއް ގެނުވިގެންދާނެކަން ހަމީދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ފުލުހުންނަށް ފާރަވެރިވާ މުއައްސަސާތައްކަމަށްވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި، އެޗްއާރުސީއެމް ފަދަ މުއައްސަސާތަކަށްވެސް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ފުލުހުންނާއި ރައްޔިތުންނާ ބައްދަލުވާ ބައްދަލުވުންތަކުގެ ފެންވަރު ރަނގަޅުވެ ބޮޑީ ވޯން ކެމެރާގެ އަލީގައި މައްސަލަތައް ތަހްގީގްކުރުމަށް އަވަސްވެ، ފުލުހުން ހަރަކާތްތެރިވާންޖެހޭ ޙާލަތްތަކާ ގުޅޭ ތަމްރީންތައް ދިނުމުގައި އަދި ގޮތް ނިންމެވުމުގައިވެސް ބޭނުންކުރާނެކަމަށް ހަމީދު ވިދާޅުވިއެވެ. އަދި ކުށްތަކަށް އަރައިގަންނަ މީހުންނާއި އާންމު އިޖްތިމާއީ މިންގަނޑާ ޚިލާފްވެގެން ފުލުހުން ބައްދަލުވާ މީހުންގެ ޢަމަލުތަކަށް ހެޔޮ ބަދަލުތަކެއް އައިސް، އެފަދަ ފަރާތްތަކުން ފުލުހުންނަށް ނުކިޔަމަންތެރިވެ އަނިޔާވެރިވުމަށް އޮންނަ ފުރުޞަތު ހަނިވުމަށްވެސް އެހީތެރިވެގެންދާނެކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ފްރޮންޓްލައިން އަދި އޮޕަރޭޝަަނަލް މަޤަމުތަކުގައި މަސައްކަތްކުރާ އިތުރު ފުލުހުންނަށް ބޮޑީ ވޯން ކެމެރާ ހޯދައި ދިނުމަށް މަސައްކަތްކުރާނެކަމަށާ، އެ މަޝަވްރާތައްވެސް ސަރުކާރާއެކު ކުރަމުން އަންނަކަމަށެވެ.

ބޮޑީ ވޯން ކެމެރާ ބޭނުންކުރަ ފެށީ 200 ކެމެރާއިންކަމަށް ވީނަމަވެސް، އިތުރު 1200 ކެމެރާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޙަމީދު ވިދާޅުވިއެވެ. ބޮޑީ ވޯން ކެމެރާ އެންމެ ފުރަތަމަ މާލެ ސަރަހައްދާއި އައްޑޫ ސަރަހައްދުގައި އެކަނި ބޭނުންކުރަން ފެށިނަމަވެސް ކައިރި މުސްތަގްބަލެއްގައި ފުލުހުންގެ ހުރިހާ ރީޖަނަކަށް ބޮޑީ ވޯން ކެމެރާގެ ޕްރޮގްރާމް ފުޅާކުރާނެކަމަށް ހަމީދު ފާހަގަކުރެއްވިއެވެ.

ބޮޑީ ވޯން ކެމެރާ ބޭނުންކުރަމުންދާނީ ޑިމޮކްރަޓިކް ޤައުމުތަކުގައި އެ ބޭނުންކުރާ ހަމަތަކާ އުސޫލްތަކަށް ބިނާކޮށްކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވިއެވެ.