ވިޔަފާރި

އޮންލައިންކޮށް ޓިކެޓެއް ގަނެގެން، ބޭރަށްދާން ޓިކެޓް ހިލޭ!


އޮންލައިންކޮށް މޯލްޑިވިއަންގެ ޓިކެޓް ގަނެގެން ބޭރުޤައުމެއްގެ ރިޓާން ޓިކެޓް ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަންގެ ދަށުން ރިޓާން ޓިކެޓް ދޭނީ މޯލްޑިވިއަނުން ދަތުރުކުރާ ބޭރުގެ މަންޒިލަކަށެވެ. އެއީ ޑާކާ، ކޮޗިން، އަދި ޓްރިވެންޑްރަމްއެވެ.

މި ޕްރޮމޯޝަންގައި އޮންލައިންކޮށް ޓިކެޓް ގަންނަ މީހުންގެ މެދުގައި ކޮންމެ ހަފްތާއަކު ގުރުއަތު ނަގާނެއެވެ. އަދި ނަސީބުވެރި އެކަކު ހޮވާނެއެވެ.

ކޯވިޑް-19އާ ގުޅިގެން މޯލްޑިވިއަނުން ވަނީ އޮންލައިންކޮށް ޓިކެޓް ގަންނަ އެޕްލިކޭޝަނެއް ތަޢާރަފްކޮށް އޮންލައިންކޮށް ޓިކެޓް ގަތުމަށް ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ. މޯލްޑިވިއަންގެ ޚިދުމަތް ފުޅާކުރުމަށް އެ ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އެތެރޭގެ އުދުހުމުގައި ބޭނުންކުރުމަށް އައު 3 ބޯޓު ގަތުމަށް އޭޓީއާރް ކުންފުންޏާއެކު ސޮއިކޮށްފިއެވެ. އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރުމަށް ގަތުމަށް ނިންމާފައިވަނީ އޭޓީއާރް 72-600 މަރުކާގެ ދެ ބޯޓާއި އޭޓީއާރް 42-600 މަރުކާގެ ބޯޓެކެވެ. މިއީ އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ބޯޓުތަކެއް ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

މީގެއިތުރުން އެމިރޭޓްސްއާއި މޯލްޑިވިއަން ގުޅިގެން ޚިދުމަތް ފުޅާކުރުމުގެ އެއްބަސްވުމެއްގައިވެސް މިހާރު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ދެ އެއަރލައިނުން ދެމުން އަންނަ ޚިދުމަތްތައް ގުޅުވައި ފުޅާ ކުރުމަށް މަގު ފަހިވެގެންދާނެކަމަށް މޯލްޑިވިއަނުން ބުނެއެވެ.