ޚަބަރު

އައިޖީއެމްއެޗްގެ ލެބޯޓްރީ ޚިދުމަތްދޭ ވަގުތު އަނެއްކާވެސް އިތުރުކޮށްފި


އައިޖީއެމްއެޗްގެ ލެބޯޓަރީ އޯޕީޑީ ޚިދުމަތް 8 ގަޑިއިރަށް އިތުރުކޮށްފިއެވެ.

ކޯވިޑް-19ގެ ޙާލަތު މާލެ ސަރަޙައްގުގައި ގޯސްވުމާގުޅިގެން އައިޖީއެމްޗްއިން ޚިދުމަތްތައްދޭ ބައެއް ވަގުތާއި އެޕޮއިންޓްމަންޓް ދޫކުރާ ޢަދަދު މަދުކުރިއެވެ. އައިޖީއެމްއެޗްއިން އެންމެ ގިނަބަޔަކު ހޯދަމުން އަންނަ އެއް ޚިދުމަތަކީ ލެބޯޓަރީގެ ޚިދުމަތެވެ. ކޯވިޑްގެ ޙާލަތާ ގުޅިގެން ލެބޯޓަރީގެ ޚިދުމަތް ދޭ ވަގުތު މިދިޔަ މަހު، 4 ގަޑިއިރަށް ކުޑަކުރިއެވެ. އެހެންނަަވެސް އޭގެފަހުން ޙާލަތަށް އައި ބަދަލުތަކަށް ބަލައި، މި މަހު ގެނައި ބަދަލުތަކާއެކު އެތަނުން ޚިދުމަތްދޭ ވަގުތު ވަނީ 6 ގަޑިއިރަށް އިތުރުކޮށްފައެވެ.

މިހާރު ލެބޯޓްރީގެ ޚިދުމަތްދޭ ވަގުތު 8 ގަޑިއިރަށް މިވަނީ އިތުރުކޮށްފައެވެ. ހެނދުނު 08:00އިން ފެށިގެން ހަވީރު 16:00އަށް މިހާރު އައިޖީއެމްއެޗްގެ ލެބޯޓްރީގެ ޚިދުމަތް ލިބޭނެއެވެ. ވަގުތު އިތުރުކުރުމާއެކު އެޕޮއިންޓްމަންޓް ދޫކުރާ ޢަދަދުވެސް ވަނީ އިތުރުކޮށްފައެވެ. ނަންބަރު ދޫކުރަން ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 07:45އިން ފެށިގެންނެވެ.

މިދިޔަ މަހުގެ 22ވަނަ ދުވަހުން ފެށިގެން އައިޖީއެމްއެޗްއިން ވަނީ، އެ ހޮސްޕިޓަލުން ދުރާލައި ތާވަލްކޮށްގެން ހަދާ ސަރޖަރީތައް މެދުކަނޑާލަން ނިންމާފައެވެ. ނަމަވެސް މިމަހު ގެނައި އިތުރު ބަދަލުތަކުގައި، މިފަދަ ބައެއް ސަރޖަރީތައް އަލުން ވަނީ ފަށާފައެވެ.

އައިޖީއެމްއެޗްއިން ވިދާޅުވީ ކުރިއެކޭވެސް އެއްގޮތަށް ހޮސްޕިޓަލްގެ އިމަންޖެސީ(އީ.އާރް)ގެ ޚިދުމަތްތައް 24 ގަޑިއިރު މެދުކެނޑުމެއްނެތި ކުރިއަށްދާނެކަމަށެވެ.