ޚަބަރު

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވަން އިމްތިޔާޒް ނިންމަވައިފި


މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަންގެ މަޤާމަށް މާފަންނު އުތުރު ދައިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވާއްދަކުރައްވަން ނިންމަވައިފިއެވެ.

އެމްޑީޕީގެ ވާދަވެރި އިންތިޚާބުގައި ވާދަކުރައްވާނެކަން އެމްޑީޕީގެ ތަރުޖަމާން އިމްތިޔާޒް ވަނީ ޓްވިޓާގައި އިއުލާންކުރައްވާފައެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވަން ނިންމެވިކަން ހާމަކުރެއްވިނަމަވެސް އިތުރު އެއްޗެއް އިމްތިޔާޒް ހާމަކުރައްވާފައެއް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން އިމްތިޔާޒް ކުރައްވާތާ މިއީ ތިން ވަނަ ދައުރެވެ.

އަންނަ އޭޕްރީލް މަހުގެ 16ގައި ބޭއްވުމަށް އިއުލާންކޮށްފައިވާ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުޞަތު މިމަހުގެ 19 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވާނެކަމަށް މިހާތަނަށް ދެން އިއުލާންކުރައްވާފައިވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލާއި، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަމްރެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު މި ބާއްވަނީ އެ މަޤާމުގައި ހުންނެވި ހެންވޭރު ހުޅަންގު ދާއިރާގެ މެންބަރު ޙަސަން ލަޠީފްގެ ދައުރު ހޮނިހިރު ދުވަހު ހަމަވުމާ ގުޅިގެންނެވެ.