ވިޔަފާރި

އިމްޕޯޓް އެކްސްޕޯޓުން ލިބުނު އާމްދަނީ %30 އިތުރު


މިއަހަރު ޖެނަވަރީ މަހު ދައުލަތައް ލިބުނު ޢާމްދަނީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު %30 އިތުރު ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން 2021ވަނަ އަހަރުގެ ޖަނަވަރީ މަހު ދިވެހިރާއްޖެއަށް 2.8 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު މިއަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

ރާއްޖެއަށް އެތެރެކުރި މުދާ ޖަނަވަރީ މަހު އިތުރުވެފައިވާއިރު ދައުލަތައް ލިބުނު ޢާމްދަނީވެސް ވަނީ އިތުރުވެފައެވެ. އެގޮތުން 2021 ވަނަ އަހަރުގެ ޖަނަވަރީ މަހާއި އަޅާބަލާއިރު މިއަހަރުގެ ޖަނަވަރީ މަހު ދައުލަތައް ލިބުނު ޢާމްދަނީ ވަނީ %30 އިތުރުވެފައެވެ. މިގޮތުން 2021ވަނަ އަހަރު އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް 240 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރުގެ ޖަނަވަރީ މަހު ލިބިފައިވަނީ 312 މިލިއަން ރުފިޔާއެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ޤައުމުތަކަކީ ޗައިނާ، އޮމާން، ސިންގަޕޫރ، ޔޫއޭއީއާއި އަދި އިންޑިއާއިންނެވެ. ޗައިނާއިން 603 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އޮމާންއިން 529 މިލިއަން ރުފިޔާގެ މުދާ އަދި ޔޫއޭއީއިން 463 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައިވާ 3 ޤައުމުގެ ތެރޭގައި ހިމެނެނީ ތައިލޭންޑް، އިންގިރޭސިވިލާތް، އަދި މޮރީޝަސްއެވެ. ތައިލޭންޑަށް %54 މުދާ، އިނގިރޭސިވިލާތަށް %10 އަދި މޮރީޝަސްއަށް %7 މުދާ ވަނީ ބޭރުކޮށްފައެއެވެ.

މީގެ އިތުރުން މިދިޔަ އަހަރު ޖަނަވަރީ މަހު ޕްރޮސެސްކުރެވުނު ޑިކްލަރޭޝަން މިއަހަރުގެ ނޮވެމްބަރުމަހު ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރު ޖަނަވަރީ މަހު ޕްރޮސެސްކުރި ޑިކްރަލޭޝަންގެ ޢަދަދަކީ 16،248އެވެ. މިދިޔަ މަހު މިޢަދަދު 19،873އަށް ވަނީ އިތުރުވެފައެވެ.

މިދިޔަ އަހަރު މިމުއްދަތުގައި ރާއްޖެއަށް 126 އުޅަނދު އައިސްފައިވާއިރު، 144 އުޅަނދު ވަނީ ފުރާފައެވެ. ނަމަވެސް މިދިޔަ މަހު 123 އުޅަނދު އައިއިރު ފުރާފައިވަނީ 142 އުޅަނދެވެ.

މިއާއެކު މިދިޔަ މަހު ރޯޔަލްޓީގެ ގޮތުގައި ދައުލަތައް ލިބިފައިވަނީ ޖުމްލަ 1،216،369 ރުފިޔާ ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.