ވިޔަފާރި

އައްޑޫ ޓުއަރިޒަމް ޒޯން އެއްބަސްވުންތައް ސިޓީ ކައުންސިލް ދަށަށް ބަދަލުކޮށްފި


އައްޑޫ ޓުއަރިޒަމް ޒޯނުން ބިންތައް ހަވާލު ކުރެވިފައިވާ ފަރާތްތަކުގެ އެއްބަސްވުންތައް އައްޑޫސިޓީ ކައުންސިލްގެ ދަށަށް ޓުއަރިޒަމް މިނިސްޓްރީން ބަދަލުކޮށްފިއެވެ.

މިއީ އައްޑޫގައި ޓުއަރިޒަމަށް ކަނޑައެޅި 91 ބިމުގެ ތެރެއިން ފުރަތަމަ އިއުލާން ކުރެވިގެން މިދިޔަ އަހަރު މާރިޗު މަހު، ހަވާލު ކުރެވުނު ބިންތަކެވެ. މި ބިންތައް އޭރު ވެރި ފަރާތްތަކާއި ހަވާލު ކުރެވުނީ ޓުއަރިޒަމް މިނިސްޓްރީއާއި ވެރިފަރާތްތަކާއި ވެވުނު އެއްބަސްވުމުގެ ދަށުންނެވެ. ނަމަވެސް ދާދި ފަހުން ލާމަރުކަޒީ ޤާނޫނަށް ގެނެވެނު އިސްލާހާއެކު މި އެއްބަސްވުންތައް ސިޓީ ކައުންސިލްގެ ދަށަށް މިވަނީ ބަދަލުކޮށްފައެވެ.

މި އެއްބަސްވުންތަކުގައި އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ މޭޔަރ އަލީ ނިޒާރު އަދި ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުޢާއުއެވެ. ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ޕާމަނެންޓް ސެކެޓަރީ ފާތިމަތު ނިލްފާއެވެ.

ކައުންސިލުގެ ދަށަށް ބަދަލު ކުރެވުނީ 31 ބިމުގެ އެއްބަސްވުމެވެ. އެއީ ހިތަދޫ ޓުއަރިޒަމް ޒޯނުން 7 ބިމަކާއި، މަރަދޫ ޓުއަރިޒަމް ޒޯނުން ބިމަކާއި ފޭދޫ ޓުއަރިޒަމް ޒޯނުން 12 ބިމަކާއި ހުޅުދޫ ޓުއަރިޒަމް ޒޯނުން 9 ބިމާއި މީދޫ ޓުއަރިޒަމް ޒޯނުން 2 ބިމެވެ.

އައްޑޫ ޓުއަރިޒަމް ޒޯންތަކުގެ އައު އެއްބަސްވުންތަކުގައި ބުރާސްފަތި ދުވަހު ސޮއިކޮށްފައިވާއިރު، އެ އެއްބަސްވުންތަކުގެ ދަށުން އައްޑޫގެ ބައެއް ޓުއަރިޒަމް ޒޯންތަކުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. އެގޮތުން އިންޑިއާގެ ސަރުކާރުގެ އެހީގެ ދަށުން އައްޑޫގެ 5 ޓުއަރިޒަމް ޒޯން ލޭންޑް ސްކޭޕް ކުރުމުގެ މަސައްކަތް ވަނީ ހަވާލު ކުރެވިފައެވެ. މީގެތެރެއިން ގިނަ ޒޯންތަކުގެ މަސައްކަތުގެ ބޮޑު ބައި ނިމިފައިވާއިރު އެ ސަރަހައްދުތަކަށް އަސާސީ ޙިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.