ރާއްޖެއިން މިސަރަހައްދުގެ ވޮލީގައި ކުރިއަރަން ބޭނުންކަމަށްވާނަމަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީ، ޒުވާން ކުޅުންތެރިންނަށް އިސްކަން ދޭންޖެހޭކަމަށް ބަންގްލަދޭޝް ޓީމުގެ ހެޑް ކޯޗުގެ ޒިންމައާ ހަވާލުވެހުރި އެމްޑީ އިމްދާދުލް ހަގް ބުނެފިއެވެ. ރާއްޖެ އާއި ބަންގްލަދޭޝް ކުޅުނު ފަހު މެޗް ބަންގްލަދޭޝް ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. ރާއްޖެއާއެކު ކުޅުނު އެކުވެރިކަމުގެ ތިން މެޗްގެ ތެރެއިން މެޗަކަށް ފަހު މެޗެއް ބަންގްލަދޭޝް ޓީމް ދިޔައީ ރަގަނޅު ކުރަމުންނެވެ.
ތިންވަނަ މެޗަށްފަހު ވާހަކަދައްކަމުން ބަންގްލަދޭޝް ޓީމުގެ ހެޑް ކޯޗުގެ ޒިންމައާ ހަވާލުވެހުރި އެމްޑީ އިމްދާދުލް ހަގް ބުނީ ފަހު މެޗްގައި ބަންގްލަދޭޝް ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާކަމަށާއި މެޗުން މޮޅުވުމުން ވަރަށް ހިތްހަމަޖެހޭކަމަށެވެ. އަދި މެޗްގައި ރާއްޖޭގެ ޓީމްގެ ފަރާތުންވެސް ފެނުނު ކުޅުމާއި މެދުވެސް ވަރަށް ހިތްހަމަޖެހޭކަމަށާއި މެޗުން ރާއްޖޭގެ ޓީމް ބަލިވިނަމަވެސް، ރާއްޖޭގެ ޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަކަމަށް ބަންގްލަދޭޝް ޓީމުގެ ހެޑް ކޯޗުގެ ޒިންމައާ ހަވާލުވެހުރި އެމްޑީ އިމްދާދުލް ހަގް ބުންޏެވެ.
"ރާއްޖެއިން ދަނީ އެމީހުންގެ ފެންވަރު ވަރަށް ބޮޑަށް މަތިކުރަމުން. ރާއްޖޭގެ ޓީމުގައިވެސް ވަރަށް ޒުވާން ކުޅުންތެރިން ގިނަ. ތަޖްރިބާކާރު އަދި ގިނަ ދުވަސްވީ ކުޅުންތެރިން ރާއްޖޭގެ ޓީމުގައި ވަރަށް މަދު. ރާއްޖޭގެ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ. މިސަރަހައްދުގެ ވޮލީ ކުރިއަރުވަން ބޭނުންވާކަމަށްވާނަމަ، މިފަދަ އެކުވެރިކަމުގެ މެޗްތައް ކުރިއަށް ގެންދިއުން ވަރަށް މުހިންމު." އެމްޑީ އިމްދާދުލް ހަގް ބުންޏެވެ.
ބަންގްލަދޭޝް ޓީމުގެ ހެޑް ކޯޗުގެ ޒިންމައާ ހަވާލުވެހުރި އެމްޑީ އިމްދާދުލް ހަގްބުނީ މިތިން މެޗް ކުޅުމަށް ރާއްޖެއައިސް ރާއްޖޭގައި މިހޭދަކުރެވުނު ދުވަސްތަކަކީ ވަރަށް ފާހަގަކޮށްލެވޭ ދުވަސްތަކެއްކަމަށާއި ރާއްޖޭއިން ކީ މެހެމާންދާރީއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާކަމަށެވެ.