އެކުވެރިކަމުގެ ފަހު މެޗުގައި ރާއްޖޭގެ ޤައުމީ ވޮލީ ޓީމް، ބަންގްލަދޭޝްގެ ވޮލީ ޓީމް އަތުން ބަލިވެއްޖެއެވެ. ބަންގްލަދޭޝް ޓީމާއި ރާއްޖޭގެ ވޮލީ ޓީމާ ދެމެދު ވަނީ އެކުވެރިކަމުގެ ތިން މެޗް ކުޅެފައެވެ. ފުރަތަމަ މެޗް ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 3 ސެޓް 1 ސެޓުންނެވެ. ދެވަނަ މެޗުގައި ރާއްޖެ ބަލިވެފައިވަނީ 3 ސެޓް 1 ސެޓުންނެވެ. އެކުވެރިކަމުގެ ފަހު މެޗުގައި ރޭ ރާއްޖޭގެ ޓީމް ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ބަންގްލަދޭޝުން ކާމިޔާބުކުރީ 25-18، 25-21 އަދި 25-18 އިންނެވެ.
ރޭގެ މެޗު ޝަރަފްވެރި ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމާއި މިނިސްޓަރު މަހުލޫފާއި ސަރުކާރުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ، ބަންގްލަދޭޝް ވޮލީބޯޅަ ފެޑެރޭޝަންގެ ރައީސް އަދި ޑާކާގެ ނޯތު ސިޓީ ކޯޕަރޭޝަންގެ މޭޔަރު މުޙައްމަދު އަތީގުލް އިސްލާމް ވަޑައިގެންނެވިއެވެ.
މިމެޗްގެ ފުރަތަމަ ސެޓްގައި ރާއްޖޭގެ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ފުރަތަމަ ސެޓްގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، އެއްވެސް ޓީމަކަށް މާބޮޑު ލީޑެއް ނެގޭގޮތެއް ނުވިއެވެ. މެޗްގެ ފުރަތަމަ ޓައިމް އައުޓާއި ހަމައަށް ދިޔައިރު ލީޑް ކުރަމުންދިޔައީ ބަންގްލަދޭޝް ޓީމުންނެވެ. އެއީ 15-11އިންނެވެ. މެޗްގައި އިސްމާއީލް ސާޖިދާއި ޢަލީ ހުޒާމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ރާއްޖޭގެ ކުޅުންތެރިންނަށް ބަންގްލަދޭޝް ޓީމްގެ އެޓޭކްތައް ހުއްޓުވޭ ގޮތެއް ނުވިއެވެ. ފުރަތަމަ ސެޓްގެ ބޮޑުބައިގައި ބަންގްލަޑޭޝްއިން ލީޑްގައި އޮވެގެން ކުޅެމުން ގޮސް މެޗްގެ ފުރަތަމަ ސެޓް 25-18އިން ކާމިޔާބުކުރިއެވެ.
މެޗްގެ ދެވަނަ ސެޓް ރާއްޖެއިންފެށީ ރަގަނޅަށެވެ. އެގޮތުން މެޗްގެ ފުރަތަމަ ތިން ޕޮއިންޓް ރާއްޖެއިން ނެގިނަމަވެސް، ބަންގްލަދޭޝް ޓީމުންވަނީ ފަހަތުން އަރާ އެއްވަރުކޮށްފައެވެ. މެޗްގެ ކުރީކޮޅުގައި ސާޖިދާއި އާދަމް ނަސީމްގެ ހަމަލާތައް ފާހަގަކޮށްލެވުނުއިރު، ފައިރޫޒްގެ ފަރާތުން މޮޅު ބުލޮކްތަކެއްވެސް ފެނިގެންދިޔައެވެ. ދެވަނަ ސެޓްގެ ކުރީކޮޅުގައި ވަރަށް ހަމަހަމަކޮށް ސްކޯތައް ދިޔަނަމަވެސް، ފުރަތަމަ 10ވަނަ ޕޮއިންޓާއި ހަމައިން ބަންގްލަދޭޝްއިން ލީޑްނަގާ ސެޓް ނިމެންދެން ލީޑްގައި އޮވެގެން ކުޅުނެވެ. މިސެޓްގައި ބަންގްލަދޭޝްގެ ސެޓަރުގެ މޮޅު ކުޅުން ފެނިގެންދިޔައިރު، އަމިއްލަ މިސްޓޭކްތައް ބަންގްލަދޭޝް ޓީމުން މަދުކޮށް، އެޓޭކްތައް ވަރުގަދަ ކުރިއެވެ. ސެޓްގެ ފަހުކުޅުގައި ބަންގްލަޑޭޝްއިންވަނީ ލީޑް ފުޅާކޮށްފައެވެ. މޮޅު ކުޅުމަކަށް ފަހު ބަންގަލަދޭޝްއިން މެޗްގެ ދެވަނަ ސެޓް ގެންދިޔައީ 21-25އިންނެވެ.
އެކުވެރިކަމުގެ ތިންވަނަ މެޗްގެ ދެ ސެޓް ގެއްލުމާއެކު ރާއްޖެއިން ތިންވަނަ ސެޓަށް ނިކުތީ ވަރަށް ބޮޑު ސެޓް ހޯދުމުގެ އަޒުމްގައެވެ. އަދި ބަންގްލަދޭޝް ޓީމްގެ ފަރާތުން މެޗަކަށް ފަހު މެޗެއް ރަގަނޅު ކުރިތަން ފެނިގެންދިޔައެވެ. ތިންވަނަ ސެޓްގެ ވަރަށް ކުރީކޮޅުގައި ބަންގްލަދޭޝް ޓީމްގެ ފަރާތުން ލީޑްނަގާ، ސެޓް ނިމެންދެން ޓީމް ދަމަހައްޓަމުން ދިޔައެވެ. މިސެޓްގައި ރާއްޖޭގެ އެޓޭކްތައް އެންމެ ބޮޑަށް ބިނާވެފައިވާ ކެޕްޓަން އިސްމާޢީލް ސާޖިދުގެ ފަރާތުން މާ ރަގަނޅު ކުޅުމެއް ފެނިގެންނެއް ނުދެއެވެ. އަދި ޢަލީ ހުޒާމާއި އާދަމް ނަސީމްގެ ފަރާތުންވެސް މާ ރަގަނޅު ހަމަލާތަކެއް ފެނިގެން ނުދެއެވެ. މެޗްގެ ފަހު ސެޓް ބަންގްލަދޭޝްއިން ގެންދިޔައީ 25-18އިންނެވެ.
ރާއްޖެ އާއި ބަންގްލަދޭޝްގެ މެދުގައި ކުޅުނު އެކުވެރިކަމުގެ ތިން މެޗަކީވެސް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ބަންގްލަދޭޝަށް ކުރެއްވި ދަތުރުގައި ކުރެވުނު މަޝްވަރާތަކަށް ފަހު، ހަމަޖެހުނު އެކުވެރިކަމުގެ މެޗްތަކެކެވެ.