ކުޅިވަރު

ބާސްކެޓް ސީޒަން ގައުމީ ބާސްކެޓް ލީގުން ފަށަނީ


ކޯވިޑް-19އާއި ގުޅިގެން ބާސްކެޓް މުބާރާތެއް ނުބޭއްވި އޮތުމަށްފަހު މިއަހަރުގެ ބާސްކެޓް ސީޒަން ގައުމީ ބާސްކެޓް ލީގުން ފެށުމަށް މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަނުން ހަމަޖައްސައިފިއެވެ. ކޯވިޑް-19އާއި ގުޅިގެން ފާއިތުވެގެންދިޔަ ދެ އަހަރު ބާސްކެޓްގެ ޤައުމީ ލެވެލްގެ އެއްވެސް ޙަރަކާތެއް ކުރިޔަށް ގެންދެވިފައެއް ނުވެއެވެ. ބާސްކެޓްގެ ޤައުމީ މުބާރާތްތެއް ކުރިއަށް ނުގެންދެވުނީ ރާއްޖޭގައި ބާސްކެޓްގެ ބޮޑެތި މުބާރާތްތައް ބާއްވާ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓް، ކޯވިޑް-19ގެ ޓެސްޓްތައް ހެދުމަށް، ފުލޫ ކްލިނިކެއގެ ގޮތުގައި ބޭނުން ކުރަން ފެށުމާއި ގުޅިގެންނެވެ. އަދި މިދިޔަ އަހަރު އެކުވެރި އައުޓްޑޯ ކޯޓްގައި ވެސް ބާސްކެޓް މުބާރާތެއް ކުރިއަށް ގެންދިޔަ ނަމަވެސް، މުބާރާތުގެ ވަކި ހިސާބަކުން މުބާރާތް ހުއްޓާލަން ޖެހުނެވެ. އެއީ މާލެ ސަރަހައްދުގެ ކޯވިޑް-19ގެ ކޭސްތައް އިތުރުވުމާއި ގުޅިގެންނެވެ.

ދެ އަހަރުގެ މެދު ކުޑުމަކަށްފަހު، ފާށާ ގައުމީ ބާސްކެޓް ލީގް ފުރަތަމަ މެޗްގައި ވާދަކުރާނީ ވައިކިންސް ބާސްކެޓް ބޯލް ކްލަބާއި ވުލްވްސް ބާސްކެޓްބޯލް ކްލަބެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭގައެވެ. 15ވަނަ ޤައުމީ ބާސްކެޓް މުބާރާތް މާދަމާ ރޭ ފަށާއިރު، ލީގުގެ ގަދަ ހަތަރު ޓީމު ވާދަކުރާ 39 ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ކުޅުން ލީގަށް ފަހު ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެންބައި އަދި އަންހެންބައިގައި 6 ޓީމް ވާދަކުރާއިރު، ދެވަނަ ޑިވިޝަނެއްގައި 21 ޓީމެއް ވާދަކުރާނެއެވެ. 2 ވަނަ ޑިވިޝަންގައި ހިމެނޭ 21 ޓީމު ވަނީ 9 ގްރޫޕަކަށް ބަހާލައިފައެވެ. ލީގުގެ ދެ ވަނަ ޑިވިޝަންގެ 2 ވަނަ ބުރުގައި ވާދަކުރާނީ ކޮންމެ ގްރޫޕެއްގެވެސް ގަދަ 3 ޓީމެވެ.

އެންމެ ފަހުން 2020 ވަނަ އަހަރު އަހަރު ބޭއްވި 14 ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގާއި 38 ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ކިންގްސް ބީސީއެވެ. އަދި ދެ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކުއީންސް ބީސީއެވެ.