ވިޔަފާރި

ފަތުރުވެރިކަމުގެ ޚާއްސަ އެވޯޑްތަކެއް މިއަހަރު ދޭން ފަށަނީ


ފަތުރުވެރިކަމުގެ ޚާއްސަ އަހަރީ އެވޯޑްތަކެއް މިއަހަރުން ފެށިގެން ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މި އެވޯޑްތަކުގެ ތެރޭގައި ހިމެނެނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކަންތައްތައް ފަހިކޮށްދިނުމަށް ދޭ 4 އެވޯޑާއި، ދިވެހި ފަންނާނުން ކުރިއެރުވުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަ 3 އެވޯޑަކާއި ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭ އެވޯޑެކެވެ. އަދި ޓޫރިޒަމް ދާއިރާއަށް މީހުން ބިނާކުރަން ބާރު އެޅުމަށް ދޭ އެވޯޑަކާއި އަންހެނުންނަށް ވަޒީފާ ފަހިކޮށްދޭން މަސައްކަތްކުރާ ފަރާތްތަކަށް ދޭ އެވޯޑެއްގެ އިތުރުން ދިވެހި އުފެއްދުންތައް ބޭނުންކުރާ ފަރާތްތަކަށް ކަނޑައަޅާފައިވާ އެވޯޑެއް ވެސް މީގެތެރޭގައި ހިމެނޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

މި އެވޯޑްތައް ދެނީ ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން އަމިއްލައަށް ހުށައެޅުމުން ފޯމުތައް އިވެލުއޭޓް ކުރުމަށް ފަހުއެވެ. މިއެވޯޑްތަކަށް ކުރިމަތިލުމަށް މި އަހަރުގެ ޖޫން މަހު ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން މަޢުލޫމާތުދެއެވެ. އެވޯޑްތަކަށް ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓް ހައުސްއާއި، ސަފާރީތަކަށް ވެސް ކުރިމަތިލެވޭނެއެވެ. ފަތުރުވެރިކަމުގެ ރަން އަހަރާއި ގުޅުވައިގެން މިއަހަރު ދޭންފަށާ މި އެވޯޑްތައް ދެން ކޮންމެ އަހަރަކުވެސް ދޭނެކަމަށެވެ.

މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރެވެ. އެގޮތުން މިއަހަރަށް ބަހާލައިގެން ޚާއްސަ އެކި ހަރަކާތްތައް ބޭއްވުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ.