ޚަބަރު

އައިކޮމްގެ ނިންމުންތައް ހައިކޯޓަށް ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ޙުކުމްކޮށްފި


މަޢުލޫމާތު ހޯދައި ލިބިގަތުމުގެ މައްސަލަތައް އިސްތިއުނާފްކުރުމާއި ގުޅޭގޮތުން ހައި ކޯޓުން ނެރުނު ޢަމުރު ގޯސްކަމަށް ކަނޑައަޅައި، އިސްތިއުނާފްގެ އެފަދަ މައްސަލަތައް ހައިކޯޓުން ބަލަން ޖެހޭ ކަމަށް ސުޕްރީމް ކޯޓުން ޙުކުމްކޮށްފިއެވެ.

އެމްޑަބްލިއުއެސްސީން ވަޒީފާއިން ވަކިކުރި މީހަކު، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް މެދުވެރިކޮށް ހޯދަން ހުށަހެޅި ރިޕޯޓަކާ ގުޅޭ މައުލޫމާތު ދިނުމަށް އެމްޑަބްލިއުއެސްސީއަށް އެންގުމުން، އެ ކުންފުނިން އެނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބަޔާންކުރަނީ އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ ހައިކޯޓަށް އިލްތިމާސްކުރުމުގެ ފުރުސަތު ލިބިދޭކަމަށެވެ.

އެމްޑަބްލިއުއެސްސީން ހައިކޯޓުގައި އިސްތިއުނާފްކުރުމަށް ހުށައެޅި މައްސަލާގައި އެކޯޓުން ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގައި އިސްތިއުނާފުން މައްސަލަ ބެލުމުގެ ބާރެއް ހައިކޯޓަށް ލިބިގެން ނުވާކަމަށް ނިންމާފައެވެ. މިގޮތުން ހައިކޯޓުގެ ނިންމުމުގައި އެ ކޯޓުގެ އިސްތިއުނާފީ އިހްތިސާސް ބިނާވެފައިވަނީ ދަށު ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުން ބެލުމުގެ މައްޗަށްކަމަށެވެ. އަދި އެއީ ދަށު ކޯޓަކުން ނުވަތަ ގާނޫނަކުން އުފައްދާފައިވާ ޓްރައިބިއުނަލަކުން ނިންމާފައިވާ މައްސަލައެއް ނުވަތަ ޤާނޫނު އަސާސީއާއި، ޤާނޫނަކާ ނުވަތަ ޤަވާއިދަކާއި ޚިލާފުވާކަމަށް ފާހަގަވެގެން މަސްލަހަތު އޮތް ފަރާތަކުން ހުށަހަޅާ މައްސަލަތަކެއް ކަމަށްވެސް ހުކުމްގައި ބަޔާންކޮށްފައިވެއެވެ.

ހައިކޯޓުން މާނަކޮށްފައިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ އަމިއްލަ ފަރުދެއް ކަމާއި، އެއީ މުއައްސަސާއެއް ނުވަތަ އިދާރާއެއް ނޫންކަމަށެވެ. އެހެންކަމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމުންތައް އެ އޮފީހަށް ނުބެލޭނެކަމަށްވެސް ހައިކޯޓުން ނިންމި ނިންމުމުގައިވެއެވެ.

ހައިކޯޓުގެ އެ ނިންމުމާއި ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމުންތަކަކީ ފަހުގެ ނިންމުންތައްކަމަށް ބަލައި ހައިކޯޓްގައި އިސްތިއުނާފްކުރުމުގެ ފުރުޞަތު ގެއްލިގެން ދިޔައެވެ. މިއާއެކު އެއީ އަސާސީ ހައްގެއް ހަނިކުރުން ކަމަށް ދެކި އެކަމުގެ ތެރެއަށް ބަންޑާރަނާއިބުގެ އޮފީހުން ވަނެވެ. އަދި ބަންޑާރަ ނާއިބުގެ އޮފީހުން މި މައްސަލަ ސުޕްރީމް ކޯޓްގައި އިސްތިއުނާފްކުރިއެވެ.

މި މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ޙުކުމުގައި ވަނީ، އެމްޑަބްލިއުއެސްސީން ހައިކޯޓަށް ހުށައެޅި މައްސަލައަކީ، އެ މައްސަލަ އިސްތިޢުނާފުން ބެލުމުގެ އިޚްތިޞާޞް ޤާނޫނުން ހައި ކޯޓަށް ލިބިދީފައި ނެތް މައްސަލައެއް ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށެވެ. އަދި ހައި ކޯޓުގެ ޙުކުމް ބާޠިލްކުރުމަށް ކަނޑައަޅުއްވައި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ހުށަހެޅޭ މައްސަލަތަކަކީ އެ ޤާނޫނުގައި ޞަރީޙަ ޢިބާރާތުން ދިވެހިރާއްޖޭގެ ހައި ކޯޓަށް އިސްތިއުނާފުން ބެލުމުގެ އިޚްތިޞާޞް ލިބިދީފައިވާ މައްސަލަތަކެއް ކަމަށް ކަނޑައަޅާކަމަށެވެ.

އެހެންކަމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމުންތައް ހައިކޯޓްގައި އިސްތިއުނާފް ކުރެވޭނެކަން ކަނޑައަޅައި ހުކުމް ކުރެއްވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިއްތިފާޤުންނެވެ.