ވިޔަފާރި

މޯޑިވިއަންއާއި އެމިރޭޓްސް އެއަރލައިން ގުޅިގެން ޚިދުމަތް ފުޅާކުރުމަށް އެއްބަސްވުމަކަށް


ދުނިޔޭގެ އެންމެ މަޝްހޫރު އެއަރލައިން ކަމަށްވާ އެމިރޭޓްސްއާއި ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން ގުޅިގެން ޚިދުމަތް ފުޅާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މޯލްޑިވިއަންއާއެކު އެމިރޭޓްސްއިން ވެވުނު މި އެއްބަސްވުމުގެ ދަށުން ދެ އެއަރލައިނުން ދެމުން އަންނަ ޚިދުމަތްތައް ގުޅުވައި ފުޅާ ކުރުމަށް މަގު ފަހިވެގެންދާނެއެވެ. އަދި އެއްބަސްވެވޭ ގޮތުގެ މަތީން، އެމިރޭޓްސް އާއި މޯލްޑިވިއަންގެ ކަނެކްޓިވިޓީ ފުޅާކޮށް ފަސިންޖަރުންނަށް ދެ އެއަރލައިން ގުޅިގެން ދޭ ޕެކޭޖްތައް ތަޢާރަފު ކުރެވޭނެއެވެ. އެގޮތުން ހެދޭ ޕެކޭޖްތަކުން އެމިރޭޓްސްއިން ދަތުރުކުރާ ފަރާތްތަކަށް މޯލްޑިވިއަން މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ދިމާލަކަށްވެސް ދަތުރު ކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މީގެ ތެރޭގައި ފްރީކުއެންޓް ފްލަޔަރ ޕްރޮގްރާމްގެ ފުރުސަތުތައްވެސް ލިބޭނެއެވެ.

މީގެ އިތުރުން މޯލްޑިވިއަން މެދުވެރިކޮށް ދަތުރުކުރާ ފަސިންޖަރުންނަށް އެމިރޭޓްސް މެދުވެރިކޮށް ދުބާޢީ މަގުން ކަނޑައެޅޭ ރޫޓްތަކެއްގައި ދަތުރުކޮށް ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރުކުރުމަށް ހާއްސަ ޕެކޭޖްތައް ލިބިގެންދާނެއެވެ. އަދި ދެ އެއަރލައިންގެވެސް މާކެޓިން ހަރަކާތްތައް އެއްހަމައެއްގައި ކުރިއަށް ގެންގޮސް ގުޅިގެން އިތުރު މަސައްކަތަކެއް ކުރުމަށް މި އެމްއޯޔޫގެ ދަށުން ފުރުސަތު ފަހިވެގެން ދެއެވެ.

ރާއްޖޭގެ ޤައުމީ އެއަރލައިނާއި، އެމިރޭޓްސް އެއަރލައިނާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން މިހާރުވެސް ގެންނަނީ އެމިރޭޓްސް އެއަރލައިނުން ކަމަށެވެ. އެހެން ކަމުން ދެ އެއަރލައިން ދެމެދުގައި ވެވޭ މިފަދަ އެއްބަސްވުމުގެ ސަބަބުން ދިވެހި އިޤްތިޞާދަށް ފައިދާވެ، އަދި ޔޫއޭއީއާއި ރާއްޖެއާއި ދެމެދު އިޤްތިޞާދީ ގުޅުން ހަރުދަނާ ވެގެންދާނެ ކަމަށެވެ.

މޯލްޑިވިއަން އިން ނެރުނު ނޫސްބަޔާނުގައި އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު މިހާދު ވަނީ މިއީ އައު ފުރުސަތަކަށް ހުޅުވިގެން ދިޔަ ދޮރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މޯލްޑިވިއަންއަށް ކޯވިޑަށްފަހު އެއަރލައިން އިންޑަސްޓްރީގައި ފައި ހަމަކޮށްގެން ކުރިއަށް ދިއުމަށް ކޯޑް ޝެއަރ އަދި އިންޓައެއަރލައިން އެއްބަސްވުންތައް އެހީތެރިވެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމިރޭޓްސް ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރ އަދްނާން ކާޒިމް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ދެ އެއަރލައިނަށްވެސް ފައިދާ ކުރާނެ ކަމަށެވެ. ރާއްޖެއަކީ ދުނިޔޭގެ މަޤުބޫލު ފަތުރުވެރި މަންޒިލަކަށް ވާހިނދު ރާއްޖޭގެ ސަރަހައްދުތަކަށް ކަނެކްޓިވިޓީ ލިބުމަކީ އެއަރލައިންއިން ދަތުރު ކުރާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ލުޔެއް ކަމަށެވެ. އަދި ދުބާޢީ މަގުން އެމިރޭޓްސް މެދުވެރިކޮށް 120 މަންޒިލަށް ދަތުރު ކުރުމަށް މޯލްޑިވިއަން ކަސްޓަމަރުންނަށް މި އެއްބަސްވުމުގެ ސަބަބުން ޚާއްސަ ފުރުސަތުތަކެއް ލިބޭ ކަމަށް ވިދާޅުވިއެވެ.

ޤައުމީ އެއަރލައިނުން ދުނިޔޭގެ އެންމެ މަޤްބޫލު އަދި އެންމެ ބޮޑު އެއް އެއަރލައިނާއެކު އެއްބަސްވުމަކަށް އައިސްފައިވާއިރު، ކުންފުނިން ދަނީ ޚިދުމަތް ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުންފުންޏަށް އައު ބޯޓުތައް ގެނެސް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.