ވިޔަފާރި

ރިސޯޓް ތަރައްޤީކުރަން ހުޅުވާލި ރަށްތަކަށް 20 އަށްވުރެ ގިނަ ބީލަން ހުށައަޅައިފި


ޓޫރިޒަމް ތަރައްޤީކުރުމަށް ހުޅުވާލި ރަށްތަކަށް 20 އަށްވުރެ ގިނަ ފަރާތުން ބިޑް ޑޮކިއުމަންޓް ގަތުމަށް ހުށައަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީން މިހެން ވިދާޅުވީ، އެމިނިސްޓްރީން ބޭއްވި އިންވެސްޓްމަންޓް ފޯރަމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ.

ރިސޯޓު ތަރައްޤީކުރަން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު 18 ރަށެއް ތަރައްގީ ކުރަން ހުޅުވާލިއެވެ. އަދި މިދިޔަ ޖެނުއަރީގައި އެ ލިސްޓަށް ތިން ރަށްވަނީ އިތުރު ކޮށްފައިވެއެވެ.

އިންވެސްޓްމަންޓް ފޯރަމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އަލީ ޝިނާން ވިދާޅުވީ، ބިޑް ހުށައެޅުމުގެ މުއްދަތު އިތުރުކުރީ އޮމިކްރޯން ހާލަތާއި ގުޅިގެން ގައުމުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގުޅިގެން އިންވެސްޓަރުންނަށް ހުރި ދަތިތަކާއި ގުޅިގެންކަމަށެވެ.

މިރަށްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު އިތުރުކުރީ ތަރުހީބު ނެތުމުންތޯކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ރަށްތަކަށް ތަރުހީބު އެބައޮތްކަމަށެވެ. އަދި ކޯވިޑްގެ ފަހުން މުޅި ދުނިޔެއިންވެސް އެންމެ ބާރަށް ކުރިއަރާފައިވާ ފަތުރުވެރިކަމުގެ މަންޒިލަކަށް ރާއްޖެ ހޮވުމާއި ގުޅިގެންވެސް ރާއްޖެއަށް އިންވެސްޓްކުރުމަށް ގިނަ ފަރާތްތަކަކުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް މިއަހަރު ހުޅުވާލާފައިވަނީ މާލެއާއި ދުރު ސަރަހައްދުތަކުގެ ރަށްތައް ކަމުން ޑިމާންޑް ދަށްކަމަށް ހީވެދާނެކަމަށެވެ. އެހެންނަމަވެސް ކުރީ 2 ފަހަރާއި އަޅާބަލާއިރު މިއަހަރު ބީލަން ހުށައަޅާ ފަރާތްތަކުގެ އަދަދު އިތުރުކަމަށެވެ.

ބީލަން ކާމިޔާބުކުރާ ފަރާތްތަކުން 60 ދުވަހުގެ ތެރޭ އެކުއިޒިޝަން ކޮސްޓް ހުށަހަޅަން ޖެހޭނެ އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ ބީލަން ކާމިޔާބުކުރާ ފަރާތްތަކުން ރިސޯޓް ހެދުމުގެ މަސައްކަތް ގާތްގަނޑަކަށް ތިން މަސް ދުވަހުގެ ތެރޭގައި ފެށުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އިއުލާނުކުރި ރަށްތައް ވިއްކުމުގައި 60 ޕަސެންޓް ޕޮއިންޓް ކަނޑައަޅާފައި ވަނީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށެވެ. އަދި ތިމާވެށީގެ ކަންކަމާއި މުވައްޒަފުން ތަމްރީނު ކުރުމާއި އިޔާދަކުރަނިވި ހަކަތަ އަށް އިސްކަންދޭ މިންވަރަށް ޕޮއިންޓްދޭނެއެވެ.