ކުޅިވަރު

ސައުތެމްޕްޓަން އިން ފަހަތުން އަރާ ސްޕަރސް ބަލިކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ސައުތެމްޕްޓަން އާއި ޓޮޓްނަމް ހޮޓްސްޕަރ ބައްދަލުކުރިމެޗް ފަހަތުން އަރާ ސައުތެމްޕްޓަންއިން ކާމިޔާބުކޮށްފިއެވެ. ސްޕަރސްގެ ދަނޑުގައި ކުޅުނު މިމެޗް ސައުތެމްޕްޓަންއިން ކާމިޔާބުކުރީ 3 ލަނޑު 2ލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑަކީ މެޗްގެ 18 ވަނަ މިނެޓްގައި ސައުތެމްޕްޓަންގެ ޔާން ބެޑްނަރެކް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ނަމަވެސް މިލަނޑު ޖެހިތާ ފަސް މިނެޓްފަހުން ސައުތެމްޕްޓަންއިން ވަނީ މެޗްގެ ނަތިޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު ސެއިންޓްސްއަށް ޖަހާދިނީ އާމަންޑޯ ބްރޮހާއެވެ. މިމެޗްގައި ދެވަނަ ފަހަރަށް ސްޕަރސްއިން ލީޑު ނެގީ މެޗްގެ 70 ވަނަ މިނެތްގައި ސޮން ހިއުންގ މިން ޖަހައިދިން ލަނޑުންނެވެ. މިމެޗްގައި ދެވަނަ ފަހަރަށް ސައުތުހެމްޓަން އިން އެއްވަރު ކުރީ މެޗްގެ 79 ވަނަ މިނެޓްގައި މުހައްމަދު އަލްޔުނޫސީ ޖަހައިދިން ލަނޑުންނެވެ. އަދި މިމެޗުން އެޓީމް މޮޅުވި ލަނޑު މެޗް ނިމެން 8 މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ޝޭ އެޑަމްސްއެވެ.

މިކާމިޔާބީއާއެކު ސައުތެމްޕްޓަން މިހާރުވަނީ ކުޅުނު 23 މެޗުން ލިބިފައިވާ 28 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ސްޕަރސް މިހާރު އުޅެނީ ކުޅުނު 21 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކު ތާވަލްގެ 7 ވަނައިގައެވެ.