ޚަބަރު

"ތަރައްޤީއަށް ކުރައްވާ މަސައްކަތުގެ މައުލޫމާތު އެނގިފައެއް ނޯވޭ"


ދަނޑުވެރިންނާއި މަސްވެރިންގެ ތަރައްޤީއަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ރަނގަޅު މަޢުލޫމާތު މަސްވެރިންނާއި ދަނޑުވެރިންނަށް އެނގިފައި ނޯންނަކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.އައްޑޫ ސިޓީ ހުޅުމީދޫގައި އެޅުމަށް ހަމަޖެހިފައިވާ މިފްކޯގެ މަސް ފެކްޓަރީގެ ޢަމަލީ މަސައްކަތް ފެށުމަށް ބާއްވަވާ ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެ ރަށަށް ވަޑައިގެން އެރަށުގެ ދަނޑުވެރިންނާއި މަސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު މީޑިއާއާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސަރުކާރުން ދަނޑުވެރިންނާއި މަސްވެރިންނަށް ޢަމާޒްކުރައްވައިގެން ކުރިއަށްގެންދަވާ ޕްރޮގްރާމްތަކާ ގުޅޭގޮތުން މަސްވެރިންނާއި ދަނޑުވެރިންގެ މެދުގައި އޮޅުންތައް ހުރިކަން ފާހަގަކުރެއްވިފައިވާ ކަމަށެވެ.މިނިސްޓަރ ވިދާޅުވީ މަސްވެރިންނާއި ދަނޑުވެރިންނަށް އަމާޒްކުރައްވައިގެން ކުރިއަށްގެންދަވާ ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު އެ ފަރާތްތަކަށް ފޯރުކޮށްދެއްވުމަށް އެ މިނިސްޓްރީން ޚާއްޞަ ސިސްޓަމެއް ޤާއިމްކުރައވާފައިވާ ކަމަށެވެ. އެގޮތުން އެ މިނިސްޓްރީގައި ރަޖިސްޓްރީވުމުން އެ މިނިސްޓްރީން ކުރިއަށް ގެންދަވާ ހުރިހާ ޕްރޮގްރާމްތަކެއްގެ މަޢުލޫމާތު އެސްއެމްއެސް މެދުވެރިކޮށް މަސްވެރިންނަށާއި ދަނޑުވެރިންނަށް ޙިއްޞާ ކުރައްވާނެކަމަށެވެ.މިނިސްޓަރުގެ މި ދަތުރުފުޅުގައި މާދަމާ އައްޑޫ ސިޓީ މަރަދޫ، ފޭދޫ އަދި ހިތަދޫގެ ދަނޑުވެރިންނާއި މަސްވެރިންނާ ބައްދަލްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.