ޚަބަރު

ޢުމްރާވެރިންގެ ފައިސާ ޖަމާކުރަން ކުންފުނިތަކުގެ ޚާއްސަ އެކައުންޓެއް ހުރުން ލާޒިމް!


ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ޖަމާކުރުމަށް ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ ވަކި ޚާއްސަ ބޭންކް އެކައުންޓެއް ހުޅުވަން ލާޒިމްކޮށް ޢުމްރާވެރިންގެ ހައްޤުތައް ކަށަވަރުކުރުމަށް ގިނަ ކަންކަން ހިމަނައި އާ އުޞޫލެއް އެކުލަވާލައިފިއެވެ.

ރާއްޖެއިން ޢުމްރާއަށް މީހުން ގެންދުއުމާބެހޭ އައު އުސޫލުގައި ވާގޮތުން ޢުމްރާވެރިން ފައިސާ ދެއްކުމަށް ޚާއްސަ އެކައުންޓެއް އެފަދަ ކުންފުނިތަކުން ހުޅުވަންޖެހެއެވެ. މީގެކުރިން ބައެއް ކުންފުނިތަކުން ވަނީ ޙައްޖާއި އުމްރާގެ އަޅުކަމަށް ދާން ފައިސާ ދެއްކި ބައެއް މީހުންގެ އަތުން އޮޅުވައިލައިގެން ފައިސާ ނަގައި އެއަށް ޚިޔާނާތްތެރިވެފައެވެ. އެފަދަ އެތަކެއް މައްސަލަތަކެއް މިހާރުވެސް ކޯޓުތަކުގައި އަންނަނީ ހިނގަމުންނެވެ.

އިސްލާމިކް މިނިސްޓްރީން އަލަށް އެކުލަވާލާފައިވާ "ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުޞޫލް"ގައި ވާގޮތުން ފައިސާ ޖަމާކުރުމަށް ހުޅުވާ އެކައުންޓަށް ޢުމްރާވެރިން ޢުމްރާއަށް ދިއުމަށް ދައްކާ ފައިސާ ނޫން އެހެން ފައިސާއެއް ޖަމާކޮށްގެން ނުވާނެއެވެ. އަދި ޢުމްރާވެރިޔާއާއި ކުންފުންޏާ ދެމެދު ހިންގާ ފައިސާގެ މުޢާމަލާތްތައް ހިންގަންވާނީ އެ އެކައުންޓް މެދުވެރިކޮށްކަމަށާއި ޢުމްރާއަށް ދިއުމަށް ފައިސާ ދައްކަންވާނީ އިސްލާމިކް މިނިސްޓްރީން ހުއްދަދީފައިވާ ކުންފުނިތަކުން އެކުންފުނިތަކުގެ ނަމުގައި ހުޅުވާފައިވާ ޢުމްރާއަށް ގެންދިޔުމަށް ފައިސާ ޖަމާކުރާ ޚާއްސަ ބޭންކް އެކައުންޓްތަކަށް އެކަނިކަމަށްވެސް މި އުޞޫލްގައިވެއެވެ.

މީގެ އިތުރުން އެ ކުންފުންޏަށް ފައިސާ ދެއްކިކަމުގެ ރަސީދެއް ކުންފުނީގެ ލޯގޯއާއި ތައްގަނޑު ހިމެނޭގޮތަށް ފައިސާ ދައްކާ ފަރާތްތަށް ކުންފުނިތަކުން ދީ ،އެ ރަސީދު ފައިސާ ދެއްކި ފާރާތުންވެސް ހޯދަން ޖެހެއެވެ. އަދި ހުއްދަ ދޫކޮށްފައިވާ ކުންފުނީގެ އެކައުންޓް ފިޔަވައި އެހެން އެކައުންޓަކަށް ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކިކަމުގެ ރަސީދު ނުދީ ފައިސާ ބަލައިގަތުމަކީ މަނާކަމެކެވެ.

އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދޭ ފަރާތްތަކުގެ ދަފުތަރެއް މިނިސްޓްރީގައި އޮންނަންވާނެކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އެ ދަފްތަރަށް އަންނަ ބަދަލުތައް ދުވަހުން ދުވަހަށް އަޕްޑޭޓްކުރަންޖެހޭނެކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ކުންފުންޏާއި އުމްރާއަށް ދާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއްގައި ސޮއިކުރަންވެސް ޖެހެއެވެ. އަދި އެ އެއްބަސްވުމުގައި ޢުމްރާ ދަތުރުގެ ޖުމުލަ އަގާއި ކުންފުނިން ފޯރުކޮށްދޭނެ އެންމެހައި ޚިދުމަތްތައް ހިމަނައިފައި އޮންނަންޖެހެއެވެ.

އަދި އުމްރާއަށް ގޮސް ތިބޭ ދުވަސްވަރު އެ ކުންފުންޏެއްގެ ޢުމްރާ ޕެކޭޖުގައިވާ ގޮތުގެ މަތީން ޢުމްރާވެރީންނަށް ހުރުމާއި ކެއިންބުއިމާއި އެއްގަމުގެ ދަތުރުތައް އެއްބަސްވުމުގައިވާ ގޮތުގެ މަތިން ހަމަޖައްސައިދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
އެގޮތުން ކުންފުނީގެ ބެލުމުގެ ދަށުން އުމްރާއަށް ގެންދާ މީހުންގެ ދަތުރު ހަމަޖެހިފައިވާގޮތުގެ ތަފްސީލާއި ދަތުރު ރޭވިފައިވާ ގޮތް އުމްރާއަށް ފުރުމުގެ 20 ދުވަސް ކުރިން މިނިސްޓްރީއަށް އަންގަންޖެހެއެވެ. އަދި އުމްރާއަށް ފުރުމުގެ ފަސް ދުވަހުގެ ކުރިން އުމްރާއަށް ފުރާ މީހުންގެ ހުރިހާ ތަފްސީލަކާއި، ޓިކެޓާއި، މައްކާއާއި މަދީނާގެ ހުރުމާއި ކެއުން ހަމަޖެހިފައިވާކަމުގެ ލިޔުމެއް މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ.

އަލަށް އެކުލަވާލި އުޞޫލްގައިވެސް ވަނީ ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދޫކުރާނީ ދެ އަހަރު ދުވަހުގެ މުއްދަތަށް 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް އެކަންޏެވެ. އަދި ޢުމްރާއަށް ގެންދިއުމުގެ ހުއްދައަށް އެދޭ ކުންފުނީގެ ޑިރެކްޓަރުންނަކީ ޖިނާއީ ކުށެއްގައި ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއްކަމުގައި ވެގެންނުވާނެއެވެ. ނުވަތަ އެމީހަކީ ހުއްދައަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ވޭތުވެދިޔަ 5 އަހަރުދުވަހުގެ މުއްދަތުގައި އޭނާގެ މައްޗަށް ޖިނާއީ ހުކުމެއް ސާބިތުވެފައިވާ މީހެއް ކަމުގައި ވެގެންނުވާނެއެވެ. އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ލިބޭ ކުންފުނިތަކުން، ހުއްދަ ލިބޭތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ވަކި މިންގަނޑަކަށް ފެތޭ ގޮތަށް، އުމްރާއަށް ދިޔުމަށް އެދޭ ފަރާތްތަކަށް ހިދުމަތްދޭ އޮފީހެއް ގާއިމުކުރަންޖެހެއެވެ.

މި އުސޫލުގައި ހިމެނޭ ކަންކަމަށް އަމަލު ނުކޮށްފިނަމަ ދެވޭ އަދަބުތަކުގެ ތެރޭގައި ޖޫރިމަނާކުރުމާއި ހުއްދަ ބާތިލުކުރާނެއެވެ. އަދި މައްސަލައިގެ ބާވަތާއި ކުޑަބޮޑުމިނަށް ބަލައި،އެމައްސަލައަކީ ޖިނާއީ މައްސަލައެއް ނަމަ، ފުލުހުންނަށް ހުށައަޅާނެކަމަށްވެސް އުޞޫލްގައިވެއެވެ. މީގެ އިތުރަށް އެ މައްސަލައަކީ މަދަނީ މައްސަލައެއް ނަމަ އެޓާނީ ޖެނަރަލްގެ އޮފީހަށް ފޮނުވޭނެ ކަމަށް އުސޫލުގައިވެއެވެ.