މެޗުން މޮޅުވީ ކުޅުންތެރިން ދެއްކި މޮޅު ކުޅުމުގެ ސަބަބުންކަމަށް ބަންގްލަދޭޝް ޓީމުގެ ހެޑް ކޯޗުގެ ޒިންމައާ ހަވާލުވެހުރި އެމްޑީ އިމްދާދުލް ހަގް ބުނެފިއެވެ. ޤައުމީ ވޮލީ ޓީމާއި ބަންގްލަދޭޝްގެ ޤއުމީ ވޮލީ ޓީމާއެކު މެދުގައި މިހާރު ކުޅެވެމުންދާ އެކުވެރިކަމުގެ ދެވަނަ މެޗްގައި ރޭ ބަންގްލަދޭޝް މޮޅުވީ 3 ސެޓް 1 ސެޓުންނެވެ. އެކުވެރިކަމުގެ ފުރަތަމަ މެޗް ރާއްޖެ ކާމިޔާބުކޮށްފައިވަނީ ވެސް 3 ސެޓް 1 ސެޓުންނެވެ.
މިމެޗުން ބަންގްލަދޭޝް މޮޅުވިނަމަވެސް، ރާއްޖޭގެ ޓީމްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އަދި މެޗްގައި ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. މެޗަށްފަހު ވާހަކަދައްކަމުން ބަންގްލަދޭޝް ޓީމުގެ ހެޑް ކޯޗުގެ ޒިންމައާ ހަވާލުވެހުރި އެމްޑީ އިމްދާދުލް ހަގް ބުނީ މެޗުން މޮޅުވީ ޓީމުގެ ފަރާތުން ފެނުނު މޮޅު ކުޅުމުގެ ސަބަބުންކަމަށެވެ. ފުރަތަމަ މެޗުން ބަލިވެފައިވުމުން މިމެޗަށް ބަންގްލަދޭޝް ޓީމް ނިކުމެފައިވަނީ މެޗް ކާމިޔާބު ކުރަންކަމަށެވެ. އަދި ރޭވިގޮތާއި އެއްގޮތަށް މެޗްގެ ސެޓްތައް ގޮސް ބަންގްލަދޭޝްއިން މެޗް ކާމިޔާބުކުރިއެވެ. ބަންގްލަދޭޝް ޓީމުގެ ހެޑް ކޯޗުގެ ޒިންމައާ ހަވާލުވެހުރި އެމްޑީ އިމްދާދުލް ހަގް ބުނީ މިމެޗުން ބަންގްލަދޭޝް މޮޅުވިނަމަވެސް، ރާއްޖޭގެ ޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔަކަމަށެވެ. އަދި ރާއްޖެއިން ވަނީ ބަންގްލަދޭޝް ޓީމަށް ރަގަނޅު ފައިޓެއް ދީފަކަމަށްވެސް އެމްޑީ އިމްދާދުލް ހަގް ބުންޏެވެ.
"ފުރަތަމަ މެޗުން ރާއްޖެ މޮޅުވީ ވަރަށް ރަގަނޅަށް ކުޅެގެން. ނަމަވެސް މިމެޗްގައި ރާއްޖެއަށް ވުރެއް މޮޅަށް ބަންގްލަދޭޝްއިން ކުޅުން. ރާއްޖޭގެ ޓީމުގައި ޒުވާން ކުޅުންތެރިން އެބަތިބި، އެގޮތަށް ބަންގްލަދޭޝް ޓީމްގައި ވެސް ޒުވާން ކުޅުންތެރިން ގިނަ. ބަންގްލަދޭޝް ޓީމުގައި ގިނައީ ޒުވާން ކުޅުންތެރިން، ނަމަވެސް ތަޖްރިބާކާރު ކުޅުންތެރިން މަދުންވެސް އެބަތިބި. މީގެތެރިން ބަންގްލަދޭޝްގައި ތިބި ބައެއް ކުޅުންތެރިންނަކީ އަދި އަލަށް ގައުމުން ބޭރުގައި ކުޅޭ ކުޅުންތެރިން. އެހެންކަމުން އެކުންތެރިންނަށް ވަގުތު ބޭނުންވޭ." އެމްޑީ އިމްދާދުލް ހަގް ބުންނެވެ.