ކުޅިވަރު

މެޗުން ބަލިވީ އަމިއްލައަށް ހެދި ގޯސްތަކަކުން - ސާޖިދު


މެޗުން ބަލިވީ އަމިއްލަ މިސްޓޭކްތައް ގިނަވުމުމުގެ ސަބަބުންކަމަށް ގައުމީ ޓީމުގެ ކޯޗް އިސްމާއީލް ސާޖިދު ބުނެފިއެވެ. ޤައުމީ ވޮލީ ޓީމާއި ބަންގްލަދޭޝްގެ ގައުމީ ވޮލީ ޓީމާ ދެމެދު ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗްގައި ރޭ ރާއްޖެ ބަލިވެފައިވަނީ 3 ސެޓް 1 ސެޓުންނެވެ. އެކުވެރިކަމުގެ ފުރަތަމަ މެޗް ރާއްޖެ ކާމިޔާބުކޮށްފައިވަނީ 3 ސެޓް 1 ސެޓުންނެވެ.

ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗަށްފަހު ވާހަކަދައްކަމުން ގައުމީ ޓީމްގެ ކޯޗުކަމާއި މިވަގުތު ހަވާލުވެގެން ހުރި، ތަޖްރިބާކާރު ކޯޗް އިސްމާޢީލް ސާޖިދުބުނީ މެޗަށް ނިކުތީ ދެ ކަމެއް ހާސިލް ކުރަންކަމަށެވެ. އެއީ ޓީމްގައި ތިބި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމާއި މެޗުން މޮޅުވުމަށްކަމަށެވެ. ކޯޗް ބުނީ ޒުވާން ކުޅުންތެރިންނަށް ކޮންމެވެސް ވަރެއްގެ ފުރުސަތެއް ދެވުނުނަމަވެސް މެޗުން މޮޅުވާން މަސައްކަތް ކުރި ނަމަވެސް އެކަން ހާސިލް ނުވިކަމަށެވެ. މިސރަހައްދުގެ ވޮލީގައި ބަންގްލަދޭޝްއިން މިހާރުދަނީ ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން ފާއިތުވެގެންދިޔަ 6 އަހަރުގެ ތެރޭގައި ރާއްޖެއަށް ބަންގްލަދޭޝްގެ ވޮލީ ޓީމް ބަލިކުރެވިފައެއް ނުވެއެވެ. ކޯޗް ސާޖިދުބުނީ ޖެހިޖެހިގެން ތިން މެޗުން ބަންގްލަދޭޝް ކަހަލަ ޓީމެއް ބަލިކުރުމަކީ ވަރަށް އުނދަގޫކަމެއްކަމަށާއި ނަމަވެސް ނުވާ ވަރުގެ ކަމެއް ނޫންކަމަށެވެ. ރާއްޖެ އާއި ބަންގްލަދޭޝް ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗާއި އަޅާބަލާއިރު، މިމެޗްގައި ރާއްޖޭގެ ޓީމްގެ ފަރާތުން ގިނަ މިސްޓޭކްތަކެއް ފެނިގެންދިޔައެވެ. މިކަން ކޯޗް ސާޖިދުވެސް ވަނީ ފާހަގަކޮށްފައެވެ.

"ގިނަ ޕޮއިންޓްތަކަކީ ރާއްޖެއިން އަމިއްލައަށް ދިން ޕޮއިންޓްތަކެއް. ގިނަ ޕޮއިންޓްތަކަކީ ބަންގްލަދޭޝް މާ މޮޅުވެގެން ނެގި ޕޮއިންޓްތަކެއް ނޫން. މިސާލަކަށް ސާވިސްއަކީ އަމިއްލަ އަތުގައި އޮންނަ އެއްޗެއް. މިއީވެސް އަމިއްލައަށް ދިން ޕޮއިންޓްތަކެއް. އުއްމީދަކީ ކުރިއަށް އޮތް ފަހު މެޗްގައި މިސްޓޭކްތައް ރަގަނޅުކޮށް، ބަންގްލަދޭޝް ބަލިކުރުން." ކޯޗް ސާޖިދު ބުންޏެވެ.

ޤައުމީ ވޮލީ ޓީމާއި ބަންގްލަދޭޝް ވޮލީ ޓީމާ ދެމެދު ކުޅެވޭ އެކުވެރިކަމުގެ ތިންވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރެއެވެ. މިމެޗްތައް ކުރިއަށްދަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައެވެ.