ކުޅިވަރު

ޕެނަލްޓީގައި ޔޫވީ ބަލިކޮށް ސަސްއިން ފައިނަލްގެ ދެވަނަ ޖާގަ ޔަގީންކޮށްފި


ޔޫތު ޗެންޕިއަންޝިޕްގައި ޕެނަލްޓީގައި ޔުނައިޓެޑް ވިކްޓްރީ ބަލިކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އިން މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ޔަގީންކޮށްފިއެވެ. ޔޫތް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ސަސްއިން ހޯދީ ސެމީ ފައިނަލް މެޗްގައި ޔުނައިޓަޑް ވިކްޓްރީއާއި ބައްދަލުކުރި މެޗްގެ ފުރިހަމަ ވަގުތު ހަމަވީއިރު، ދެ ޓީމުން ކުރެއް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 3 ލަނޑު 2 ލަނޑުން ކުރި ހޯދައިގެންނެވެ. މިއީ ޔޫތު ޗެންޕިއަންޝިޕްގެ ފައިނަލްގެ ޖާގައެއް ސަސްއިން ހޯދި ފުރަތަމަ ފަހަރެވެ.

މިމެޗްގައި ދެ ޓީމްގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ދެ ޓީމުން ވެސް ގޯލް ޖެހުމަށް މަސައްކަތް ކުރިއެވެ. އެގޮތުން މެޗްގެ ފުރަތަމަ ހާފްގައި ބޮޑަށް އެޓޭކްކޮށްފައި ވަނީ ޔުނައިޓަޑް ވިކްޓްރީއިންނެވެ. ސަސްގެ ކީޕަރު ޔޫސުފް މީސަމް ޢަބްދުﷲގެ ފަރާތުން މެޗްގައި މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އޭނާވަނީ ޔޫވީއިން އުފައްދަން މަސައްކަތް ކުރި ގިނަ ހަމަލާތައް ދިފާޢުކޮށްފައެވެ.

މެޗްގެ ދެވަނަ ހާފްގައިވެސް ދެ ޓީމުން ހަމަލާތައް އުފެއްދި ނަމަވެސް، އެއްވެސް ޓީމަކަށް ގޯލް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. މިމެޗްގައި ދެ ޓީމްގެ ކީޕަރުންނާއި ޑިފެންޑަރުންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މެޗްގެ ފުރިހަމަ ވަގުތުހަމަވީއިރު، އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުން، މެޗުގެ ނަތީޖާ ނެރިފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީގައި ޔޫވީގެ ފުރަތަމަ ޕެނަލްޓީ ޒައިޝާން އަޝްރަފް ފޮނުވާލި ނަމަވެސް އެ ބޯޅަ ސަސްގެ ކީޕަރު ކީޕަރު ޔޫސުފް މީސަމް ވަނީ ހުއްޓުވައިފައެވެ. ސަސްގެ ފުރަތަމަ ޕެނަލްޓީ ސާލިފް ހުސެއިން ފޮނުވާލި ނަމަވެސް ޔޫވީގެ ކީޕަރު ޢަލީ ޝައިބާން ވަނީ އެ ބޯޅަ މަތަކޮށްފައެވެ. ޔުވީގެ ދެވަނަ ޕެނަލްޓީ ކެޕްޓަން މުޙައްމަދު ޒައިން ސުޖާއު ޖެހި، ނަމަވެސް މިޕެނަލްޓީ ވެސް ވަނީ ކީޕަރު މީސަމް ވަނީ މަތަކޮށްފައެވެ. ސަސްގެ ދެ ވަނަ ޕެނަލްޓީ އިޝްއާފް މުޙައްމަދު ފިރާގު ވަނީ ގޯލަށް ވައްދާލާ، ސަސްއަށް ލީޑް ނަގައިދީފައެވެ. ޔުނައިޓެޑް ވިކްޓްރީގެ ތިންވަނަ ޕެނަލްޓީ ލަމާން ޒުހައިރު ކާމިޔާބުކުރިއިރު، ސަސްގެ ތިންވަނަ ޕެނަލްޓީ އަހުމަދު އައިހަމް މޫސާ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލްގެ އަރިމަތީ ދަނޑި ކައިރިން ބޭރަށްވެ.

ޔުނައިޓެޑް ވިކްޓްރީގެ 4ވަނަ ޕެނަލްޓީ ޒަހުވާން މުޙައްމަދު ފޮނުވާލިއިރު، ކީޕަރު މީސަމް މަތަކުރި ނަމަވެސް ޕެނަލްޓީ ފޮނުވާލުމުގެ ކުރިން މީސަމް ކުރިއަށް ޖެހިފައި ހުރުމުން ރެފްރީ ވަނީ އަލުން ޕެނަލްޓީ ޖަހަން ނިންމާފައެވެ. އެގޮތުން ދެވަނަ ފަހަރަށް ޒަހުވާނަށް ލިބުނު ޕެނަލްޓީ އޭނާ ވަނީ ކާމިޔާބުކޮށްފައެވެ. ސަސްގެ ހަތަރުވަނަ ޕެނަލްޓީ ވިޝާހު ކާމިޔާބުކުރިއިރު، ޔުނައިޓެޑް ވިކްޓްރީގެ ތިބްޔާން ފޮނުވާލި ޕެނަލްޓީވަނީ ކީޕަރު މީސަމް މަތަކޮށްފައެވެ. އެގޮތުން ސަސްގެ އެންމެ ފަހު ޕެނަލްޓީ ކާމިޔާބުކޮށް އެޓީމް ފައިނަލަށް ގެންގޮސްދިނީ ޢަލީ ޒާލިފެވެ.

ޔޫތު ޗެންޕިއަންޝިޕްގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އާދިއްތަ ދުވަހު، ފ.ނިލަންދޫ ޓާފް ދަނޑުގައެވެ. ފައިނަލް މެޗްގައި ބައްދަލުކުރާނީ ކުލަބް އީގަލްސް އާއި ސުޕަރ ޔުނައިޓަޑް ސްޕޯޓްސް ކުލަބެވެ.