ކުޅިވަރު

ޓީސީ ބަލިކޮށް އީގަލްސްއިން ފައިނަލްގެ ފުރަތަމަ ޖާގަ ޔަގީންކޮށްފި


ޔޫތު ޗެންޕިއަންޝިޕްގައި ޓީސީ ސްޕޯޓްސް ކުލަބް ބަލިކޮށް ކުލަބް އީގަލްސްއިން މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ. އެފްއޭއެމްއިން 19 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒްކޮށްގެން ކުރިއަށްގެންދާ ޔޫތު ޗެންޕިއަންޝިޕް ފުޓްބޯޅަ ސެމީ ފައިނަލް ފުރަތަމަ މެޗް ކުލަބް އީގަލްސް ކާމިޔާބުކުރީ 1 ލަނޑު 0 ލަނޑުންނެވެ.

މިމުބާރާތުގެ ފައިނަލްގައި އެންމެ ގިނައިން ކުޅެފައިވާ ކުލަބް އީގަލްސްއިން ވަނީ ޔޫތު ޗެންޕިއަންޝިޕްގެ ތަށި 4 ފަހަރު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުން ވަނީ 6 ފަހަރު ފައިނަލްގައި ކުޅެފައެވެ. މިމެޗް ފެށިގެން ރަގަނޅަށް ކުޅެފައިވަނީ ކުލަބް އީގަލްސްއިންނެވެ. ނަމަވެސް ފުރަތަމަ ހާފްގެ ވަރަށް ކުރީކޮޅުގައި ކުލަބް އީގަލްސްގެ ކުރިއަށް ކުޅޭ ޒައިން ޒަފަރާއި މުޙައްމަދު ރަޔާން މުއްސަދު މަންސޫރަށް އަނިޔާވެގެން ބަދަލު ކުރަންޖެހުނުއެވެ. މިއާއެކު އީގަލްސްއިން ވަނީ އެޓީމުގެ ކުޅުމަށް ކޮންމެވެސް ވަރެއްގެ ބަދަލްތަކެއް ގެނެސްފައެވެ. އަދި މެޗްގެ ކުރީކޮޅުގައި މުޙައްމަދު ސަމާހު މޫސާ ފަތުހީއަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭ ގޮތެއް ނުވިއެވެ.

މެޗްގެ ފުރަތަމަ ހާފްގައި ޓީސީއިން ވެސް ވަނީ ލަނޑު ޖަހާނެ ރަގަނޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ޓީސީގެ ޔޫސުފް ޝާއިފް އާއި އަހުމަދު ޒައުލް ނާޒިމަށް ލިބުނު ފުރުސަތުގެ ބޭނުން އެކުޅުންތެރިންނަށް ހިފޭ ގޮތެއް ނުވިއެވެ. އަދި ކުލަބް އީގަލްސްގެ ކީޕަރު ޝައިހާން ފަރާތުން މެޗްގައި މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

މެޗްގެ ދެވަނަ ހާފްގައި ދެ ޓީމްގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ހާއްސަކޮށް މެޗުން މޮޅުވުމަށް ދެ ޓީމުންވެސް ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅެންފެށިއެވެ. މެޗްގެ 65ވަނަ މިނެޓްގައި އީގަލްސްގެ ސަމާހުއަށް ލަނޑު ޖެހުމަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭގޮތެއް ނުވިއެވެ. ސަމާހު ބޯޅަ ފޮނުވާލުމުގެ ކުރިން ޓީސީގެ އަހުމަދު މާއިޝް ރަޝީދު ވަނީ އެބޯޅަ ކޯނަރަކަށް ބޭރުކޮށްލާފައެވެ. މި ކޯނަރުން ކުލަބް އީގަލްސްއިން މެޗްގައު ލީޑް ނެގިއެވެ. މެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކުލަބް އީގަލްސްއަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަމާހު މޫސާއެވެ.

މެޗްގައި އީގަލްސްއިން ގޯލް ޖެހުމާއެކު ޓީސީއިން ކުރިއަށް ޖެހިލައިގެން ކުޅެން ފެށިއެވެ. އަދި ގޯލް ޖެހުމަށް ފުރުސަތު ތަނަވަސް ކުރިއެވެ. އެގޮތުން މެޗްގެ 72ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަ ކުރުމަށް ހަސަން އަޒޫމް ޢަލީ އަދި ފަހުމާން ޢަބްދުލް ހަމީދަށް ލިބުނު ފުރުސަތުގެ ބޭނުން އެ ދެ ކުޅުންތެރިންނަށްވެސް ހިފޭ ގޮތެއް ނުވިއެވެ.

މެޗްގެ ފަހު ކޮޅުގައި ޓީސީއަށް ގޯލް ޖެހުމަށް ރަގަނޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން 82ވަނަ މިނެޓްގައި ޓީސީގެ މުޙައްމަދު ޒަޔާން އިސްމާއިލާއި ފަހުމާން ޢަބްދުލް ހަމީދަށް ލިބުނު ފުރުސަތުގެ ބޭނުންވެސް އެކުޅުންތެރިންނަށް ހިފޭ ގޮތެއް ނުވިއެވެ.

އެފްއޭއެމްއިން ޔޫތު ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ފަށާފައިވަނީ 2011ވަނަ އަހަރުއެވެ. މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އާދިއްތަ ދުވަހުއެވެ. އަދި އެމެޗް ކުޅުމަށް އެފްއޭއެމްއިން ނިންމާފައިވަނީ ފ.ނިލަންދޫ ޓާފް ދަނޑުގައެވެ.