ޚަބަރު

ހިޖާބުގެ މައްސަލަ ބޮޑުވެ ކަރްނާޓަކާގެ ހުރިހާ މަދަރުސާތަކެއް ބަންދުކޮށްފި


އިންޑިޔާގެ ދެކުނުގައި އޮންނަ ކަރްނާޓަކާގެ ބައެއް މަދަރުސާތަކަށް ހިޖާބުއެޅި ދަރިވަރުން ވައްދަން ދެކޮޅު ހެދުމުން އުފެދިފައިވާ ނުތަނަވަސްކަމާއި ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން ކުރިޔަށް އޮތް ތިން ދުވަހަށް އެ ސުޓޭޓުގެ ހުރިހާ މަދަރުސާތަކާއި ތަޢުލީމު އުނގަންނާދޭ މަރުކަޒުތައް ބަންދުކުރުމަށް އަންގައިފިއެވެ.

ހިޖާބުއެޅި ދަރިވަރުންނާމެދު ތަފާތުކުރުން ގެންގުޅޭކަމަށް ބުނެ ކަރްނާޓަކާގައި ނުތަނަވަސްކަން އުފެދުނީ އެ ސުޓޭޓުގެ އުޑޫޕީގެ ގިނަ މަދަރުސާތަކުން ހިޖާބުއެޅި ދަރިވަރުން ވައްދަން ދެކޮޅުހެދުމުންނެވެ. އެ މަދަރުސާތަކުން ބުނެފައިވަނީ ހިޖާބުއެޅި ދަރިވަރުން ވައްދަން ނިންމީ އެ ސުޓޭޓުގެ ސަރަޙައްދީ ސަރުކާރުގެ ތަޢުލީމާބެހޭ ވުޒާރާގެ ނިންމުމަކާ އެއްގޮތަށްކަމަށެވެ. އެއާއެކު ހިޖާބުއެޅި ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިން ކުރަމުންދާ މުޒާހަރާތައްވަނީ މީސްމީޑިޔާގެ އެކި ވަޞީލަތްތަކަށާއި ބައިނަލްއަޤްވާމީ ނޫސްތަކުގެ ސަމާލުކަމަށް އައިސްފައެވެ.

ކުރިޔަށް އޮތް ތިން ދުވަހަށް ކަރްނާޓަކާގެ ހުރިހާ މަދަރުސާތަކާއި ތަޢުލީމު އުނގަންނާދޭ މަރުކަޒުތައް ބަންދުކުރެއްވުމަށްފަހު އެ ސުޓޭޓުގެ ޗީފް މިނިސްޓަރު ބަސާވަރާޖު ބޮންމާއީ ވިދާޅުވީ ކުރިމަތިވެފައިވަނީ ނާޒުކު ދަނޑިވަޅެއްކަމަށާއި ހުރިހާ ފަރާތްތަކަކުންވެސް ޞުލްޙަ މަސަލަސްކަންމަތީގައި ތިބުމަށް އިލްތިމާޞްކުރައްވާކަމަށެވެ. ކަރްނާޓަކާގެ ސަރަޙައްދީ ސަރުކާރުން ބުނެފައިވަނީ ވަކި މިންގަނޑުތަކަކަށް ހެދުން އެޅުމަށް ޤަވައިދެއް އެކުލަވާލައި އެ ނިންމުން ހުރިހާ މަދަރުސާތަކާއި ތަޢުލީމު އުނގަންނާދޭ މަރުކަޒުތަކަކަށް އަންގާފައިވާނެކަމަށެވެ. އަދި އެ ގޮތަށް ނިންމާފައިވަނީ ފާއިތުވި ދުވަސްތަކުގައި އެ ޤައުމުގެ އެކި ސަރަޙައްދުތަކުގެ ކޯޓުތަކުން ހިޖާބުއެޅުމާ ދެކޮޅަށް ކޮށްފައިވާ ޙުކުމުތަކާ ޙަވާލާދިނުމަށްފަހުކަމަށްވެސް ކަރްނާޓަކާގެ ސަރަޙައްދީ ސަރުކާރުން ބުނެފައިވެއެވެ.

61 މިލިޔަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކަރްނާޓަކާގެ %12 މީހުންނަކީ މުސްލިމުންނެވެ. ކަރްނާޓަކާގެ މަދަރުސާތަކާއި ތަޢުލީމު އުނގަންނާދޭ މަރުކަޒުތަކަށް ހިޖާބުއަޅައިގެން ނުވަދެވޭނެކަމަށް ނިންމުމުން އެ ސުޓޭޓުގެ ވެރިރަށް ބެންގަލޫރުގައި ހުންނަ ސަރަޙައްދީ ހައި ކޯޓަށް ހިޖާބުއެޅި ދަރިވަރަކު ހުށަހެޅި މައްސަލައެއްވަނީ ބަލައިގަނެފައެވެ. ނަމަވެސް އެ މައްސަލާގައި ޙުކުމު އިއްވާނެ ތާރީޚެއް އަދި ނޭނގެއެވެ.