ޚަބަރު

ބަލިމަޑުކަމާ ދެކޮޅަށް އެޅުއްވި ފިޔަވަޅުތައް މޯދީ ދިފާޢުކުރައްވައިފި


ކޯވިޑް-19އާ ދެކޮޅަށް ފާއިތުވި ދެ އަހަރުދުވަހުގެ ތެރޭގައި އިންޑިޔާގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިފާޢުކުރައްވައިފިއެވެ.

ދުނިޔޭގައި ތަރައްޤީވެފައިވާ ޤައުމުތަކާ ޚިލާފަށް ކޯވިޑް-19އާ ދެކޮޅަށް ފާއިތުވި ދެ އަހަރުދުވަހުގެ ތެރޭގައި އިންޑިޔާގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދު ހީނަރުވެ ތަކެތީގެ އަގުވަނީ އުފުލިފައެވެ. އެ ގޮތުން ފާއިތުވި އަހަރުގެ ތެރޭގައި އިންޑިޔާގެ އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކޮށްފައިވަނީ %9.2އަށެވެ. އަދި ކުރިޔަށް އޮތް އަހަރުދުވަހު އެ ނިޞްބަތް ހުންނާނީ %8ގައިކަމަށްވަނީ ލަފާކޮށްފައެވެ.

އިންޑިޔާގެ ޤާނޫނުހަދާ މަޖިލީހުގެ މަތިގޭގައި ތަޤްރީރުކުރައްވަމުން މޯދީވަނީ ފާއިތުވި ދެ އަހަރުދުވަހުގެ ތެރޭގައި އެ ޤައުމުގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި އެ ޤައުމުގައި ދިރިއުޅޭ 800 މިލިޔަން މީހުންނަށް ހިލޭ ގޮދަން ފޯރުކޮށްދީފައިވާނެކަމަށެވެ. އަދި ދުނިޔޭގެ އެހެން ޤައުމުތަކަށްވުރެ އިންޑިޔާގެ އިޤްތިޞާދު ކުރިއަރަމުންދާ ނިޞްބަތް ބޮޑުކަން ފާހަގަކުރައްވައި މޯދީ ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ފަޤީރުންގެ ޙާލަތު އިތުރަށް ގޯސްވިޔަނުދިނުމަށްކަމަށެވެ.

އިންޑިޔާގެ އިދިކޮޅު ފަރާތްތަކުންވަނީ ބަލިމަޑުކަމާ ދެކޮޅަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާމެދު ފާއިތުވި ދުވަސްތަކުގައި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެ ގޮތުން ދުނިޔޭގެ ބަނޑުހައިހޫނުކަމުގެ ނިޞްބަތް ވަޒަންކުރާ ޗާޓުގެ 94ވަނާގައި އޮތް އިންޑިޔާ 101ވަނައަށް ވެއްޓުމަކީ ލަދުގަންނަން ޖެހޭވަރުގެ ކަމެއްކަމަށް އިދިކޮޅު ފަރާތްތަކުންވަނީ ބުނެފައެވެ. އަދި ބަލިމަޑުކަމުގެ ކުރިން ހުރި ނިޞްބަތަށް އިންޑިޔާގެ އިޤްތިޞާދު ރުޖޫޢަވެފައިނުވާކަމަށްވެސް އެ ފަރާތްތަކުންވަނީ ފާހަގަކޮށްފައެވެ.

އިންޑިޔާގެ ޤާނޫނުހަދާ މަޖިލީހުގެ މަތިގޭގައި މޯދީ ތަޤްރީރުކުރެއްވުމަށް ބޭއްވި ޖަލްސާއަށް އެ ޤައުމުގެ އިދިކޮޅު މެންބަރުން ޙާޒިރުވެފައެއް ނުވެއެވެ.