ޤަވާއިދާއި ޚިލާފަށް އެތެރެކުރި ދޫނިތައް މަރާލުމުގެ މައްސަލައިގެ ކަން ހިނގާފައިވާ ގޮތުގެ ތަފްސީލް ރިޕޯޓެއް ހަދާ ހުށައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފިޝަރީޒް މިނިސްޓްރީއަށް އަންގަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް އެންގެވީ، ޤަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރި ދޫނިތަކެއް މަރާލުމާގުޅިގެން އެކަމުގެ ކަންބޮޑުވުން ގިނަބަޔަކު ސޯޝަލް މީޑިއާގައި ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. ޤަވާއިދާއި ޚިލާފަށް އެތެރެކުރި 120 ދޫނި ފިޝަރީޒް މިނިސްޓްރީން ނައްތާލީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ ޕްލާންޓް އެނިމަލް ކަރަންޓީނު ޔުނިޓް ތެރޭގައެވެ. އެތަނުގައި އެ ދޫނިތައް ހުންނަތާ 3 ވަރަކަށް މަސް ވަނީ ވެފައެވެ.
މިކަން ހިނގި ގޮތުގެ ތަފްސީލީ ރިޕޯޓެއް ހަދާ ރައީސް އޮފީހަށް ހުށައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ފިޝަރީޒް މިނިސްޓްރީއަށް އަންގަވާފައިވާއިރު، ދޫނިތައް މަރާލުމުގައި މިނިސްޓްރީގެ އެއްވެސް މުވައްޒަފެއްގެ އިހުމާލެއް އޮތް ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގައި ފިޝަރީޒް މިނިސްޓްރީންވެސް ވަނީ ވިދާޅުވެފައެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، ނައްތާލި ދޫނިތަކަކީ މީގެ ދެ ތިން މަސް ކުރިން ރާއްޖެއަށް ގަވާއިދާ ޚިލާފަށް އެތެރެ ކުރުމުން ހިފަހައްޓާފައި ހުރި ދޫނިތަކެއް ކަމަށެވެ. އަދި އެ ތަކެތި ނައްތާލީ އެޓާނީ ޖެނެރަލްގެ ލަފާ ހޯދުމަށްފަހު ގަވާއިދުގައި އެކަމަށް އޮންނަ އުސޫލުތަކުގެ ތެރެއިންކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.
ނަމަވެސް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވެފައި ވަނީ ދޫނިތައް މަރާ ނުލައި، އެތަކެތި ގެނައި ގައުމަކަށް އަނބުރާ ފޮނުވާލުމުގެ ފުރުޞަތު އޮންނާނެކަމަށެވެ. އަދި އެކަމަށް ހިނގާ ހަރަދުގެ ޒިންމާވާންޖެހޭނީ އެ ގެނައި ފަރާތަކުންކަމަށްވެސް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވެފައިވެެއެވެ.
އީޕީއޭއިންވެސް ވަނީ ދޫނިތައް މަރާލުން ކުށްވެރިކޮށްފައެވެ. އަދި ގަވާއިދާއި ހިލާފަށް އެގޮތަށް އެތެރެކުރާ ދިރޭތަކެތި އަނބުރާ ފޮނުވާނުލެވޭނަމަ ޖެހޭނީ އެ އެއްޗެހި ރާއްޖޭގައި ބަލަހައްޓަންކަމަށް އީޕީއޭއިންވެސް ވިދާޅުވެއެވެ. އަދި ދިރޭތަކެތި މެރުމަށް ހުއްދަކޮށްފައިވާ ޤަވާއިދުތައް ބަދަލުކުރަންޖެހޭކަންވެސް އީޕީއޭއިން ފާހަގަކުރެއެވެ.
ދޫނިތައް ނައްތާލި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އެ ދޫނިތައް ނައްތާލުމުގެ ބަދަލުގައި އެތަކެތި އަނބުރާ ފޮނުވާލެވޭނެގޮތަށް ނުވަތަ އެނޫންވެސް ރަނގަޅު ގޮތްތަކެއް ޤާނޫނުން ހޯދަން ޖެހޭކަމަށް މެންބަރުން ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން އާޓިފިޝަލް ބީޗުގައި މިއަދު ހަވީރު ވަނީ ދޫނިތައް މަރާލުމާއި ގުޅިގެން އެކަމާއި ދެކޮޅަށް އެއްވުމެއްވެސް ބާއްވާފައެވެ. މި އެއްވުމުގައި ދޫނި ގެންގުޅޭ ބައެއް މީހުން ބައިވެރިވެ، ދޫނިތައް މަރާލުމާއި ދެކޮޅަށް ވަނީ އަޑު އުފުލާފައެވެ.