ޚަބަރު

ފީވަކު ބަނދަރު ބޮޑުކޮށް، ތަރައްޤީކުރުމުގެ މަސައްކަތް ނިންމައިފި


ށ. ފީވަކު ބަނދަރުގެ ދަތިކަން ޙައްލުކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުގެ މަސައްކަތް ނިންމާލައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީންނެވެ.

ށ.ފީވަކުގައި އެންމެ ފުރަތަމަ ބޭނުންކުރަމުން އައި ބަނދަރަކީ މީގެ 15 ވަރަކަށް އަހަރުގެ ކުރީގެ ބަނދަރެކެވެ. ބަނދަރުތެރޭގެ އޮއިވަރު މަޑު ރަށަކަށްވާތީ ފީވަކު ބަނދަރަކީ ކައިރި ރަށްތަކުގެ އޮޑިވެރިންވެސް، އޮޑިފަހަރު އެޅުމަށް ބޭނުންކުރަމުން އައި ބަނދަރެކެވެ. އަދި ފީވަކަކީ މަސްވެރި ރަށަކަށްވުމާއި، އޮޑި ދޯނިފަހަރު ގިނަ ރަށަކަށްވާތީ އެރަށުގައި ކުރިން ބޭނުންކުރަމުން އައި 500 ފޫޓުގެ ބަނދަރު އޮތީ ކުޑަވެފައެވެ.

ފީވަކުގެ ބަނދަރުގެ ޖާގައިގެ ދަތިކަން ޙައްލުކޮށް އާ ބަނދަރެއް ރަށުގައި ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށް، އެމަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ މެދުތެރޭގައެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ ދަށުން 40420 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 14743 ކިއުބިކް މީޓަރު ނެރުފުންކުރުމާއި، 474 މީޓަރު އެއްގަމު ތޮށި އަދި 356 މީޓަރުގެ ބޭރުތޮށި ލުން ހިމެނެއެވެ. އަދި 182 މީޓަރު ރިވެޓްމެންޓް އާއި 27 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ އިތުރުން 2320 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ޕްރޮޖެކްޓްގައި ތެރޭގައި ހިމަނައިެން ނެރުބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ. އަދި ބާޖާއި ކޮޅުވެއްޓި ކައިރިކުރުމަށް ރޭމްޕެއްވެސް ވަނީ ހަދާފައެވެ. ބަނދަރުގެ މަސައްކަތް ނިމުމާ ގުޅިގެން ފީވަކު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ހުސައިން އަޒްމީލް ވިދާޅުވީ މިއީ ރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.


"ބަނދަރެއްގެ މުހިންމުކަން ވަރަށް ބޮޑުވެފައިވަނިކޮށް ބަނދަރެއް މިލިބުނީ. ވަރަށް ޖާގަ ތަނަވަސް ބަނދަރެއް. އަދި ރަށު މޫނުމަތިވެސް ރީތިވެގެން ހިނގައްޖެ. މި ރަށަކީ ކައިރި ރަށްތަކުންވެސް އޮޑިދޯނިފަހަރު އަޅާ ރަށެއް. މަސްވެރިވެސް ރަށެއް. އަދި މިއީ ރަށުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް." ފީވަކު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ހުސައިން އަޒުމީލް ވިދާޅުވިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ފީވަކު ބަނދަރު ހެދުމުގެ މަޝްރޫއަކީ 67.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީންވަނީ ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ބަނދަރު ހެދުމާއި ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގިނަ މަޝްރޫޢުތައް ނިންމާ ކަމާބެހޭ ފަރާތާ ހަވާލުކޮށްފައެވެ.