ކުޅިވަރަކީވެސް ގައުމުތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމަށް ވަރަށް މުހިންމު ވަސީލަތެއްކަމަށް ބަންގްލަދޭޝް ވޮލީބޯޅަ ފެޑެރޭޝަންގެ ރައީސް އަދި ޑާކާގެ ނޯތު ސިޓީ ކޯޕަރޭޝަންގެ މޭޔަރު މުޙައްމަދު އަތީގުލް އިސްލާމް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްގެ ދައުވަތަކަށް ބަންގްލަދޭޝްގެ ވޮލީ ރައީސް އަތީގުލް އިސްލާމް ވަނީ ރާއްޖެ ވަޑައިގެންފައެވެ. ބަންގްލަދޭޝްގެ ވޮލީ ރައީސް އަތީގުލް އިސްލާމް ރާއްޖެ އައިސްފައިވާއިރު، ބަންގްލަދޭޝްގެ ގައުމީ ވޮލީޓީމު ވަނީ މާލެއައިސް ރާއްޖޭގެ ވޮލީ ޓީމާއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅެމުންނެވެ. އެކުވެރިކަމުގެ ތިން މެޗްގެ ތެރެއިން ފުރަތަމަ މެޗް މިހާރު ވަނީ ކުޅެފައެވެ.
މާލެއައިސް އެއާޕޯޓުގައި ހުންނަވައި އަތީގުލް އިސްލާމް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދުގައި އޮންނަނީ ވަރަށް ގާތް ގުޅުމެއްކަމަށާއި މީގެ ހަފްތާތަކެއް ކުރިން ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިހް ހަސީނާ ރާއްޖެ ވަޑައިގެން، ދިވެހި ސަރުކާރާއެކު ބޭއްވި ބައްދަލުވުންތަކުގައި ކުޅިވަރު ހިމެނޭހެން އެކި ރޮނގުރޮނގުން ގުޅުން ބަދަހިކުރުމަށް މުހިންމު އެއްބަސްވުންތަކެއްވެފައިވާ ކަމަށެވެ.
ބަންގްލަދޭޝްގެ ވޮލީ ރައީސް އަތީގުލް އިސްލާމް ވިދާޅުވީ ގައުމުތަކުގެ މެދުގައި އެކިގޮތް ގޮތުން ގުޅުން ބަދަހި ކުރަމުންދާކަމަށާއި ޑިޕްލޮމެޓިކް ގުޅުން، އިކޮނޮމިކް ގުޅުން އަދި ފޮރިން ޑިޕްލޮމެސީގެ އިތުރުން ކުޅިވަރުގެ ރޮގުންވެސް މިހާރު ގައުމުތަކުގެ މެދުގައި ގުޅުން ބަދަހި ކުރަމުންދާކަމަށެވެ. އަދި ދެ ގައުމުގެ މެދުގައި ގުޅުން ބަދަހި ކުރުމަށް ކުޅިވަރުންވެސް ބޮޑު ރޯލެއް ކުޅެވިދާނެކަމަށް ބަންގްލަދޭޝްގެ ވޮލީ ރައީސް އަތީގުލް އިސްލާމް ވިދާޅުވިއެވެ.
"އަހަންނަށް އެނގޭ ރާއްޖޭގެ ރައީސް (އިބްރާހިމް މުޙައްމަދު ސާލިހު) ވޮލީބޯޅަ ދެކެ ވަރަށް ލޯބިވާކަން. އަހަންނަށް ރާއްޖެ އައުމުގެ މި ފުރުސަތު ލިބުނީތީ ވަރަށް އުފާކުރަން. އުންމީދަކީ ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން ކުޅިވަރުގެ ތެރެއިން ވީ އެންމެ ފުރިހަމަކޮށް ބަދަހިވެގެން ދިއުން. އިންޑިވިޖުއަލީ ކުޅުންތެރިންގެ ގުޅުމަށް ވެސް ވޮލީބޯޅަ މުހިންމު ރޯލެއް ކުޅޭ. ބަންގްލަދޭޝް ކުޅުންތެރިން ރާއްޖެ އަންނަން ވީ. ރާއްޖޭގެ ކުޅުންތެރިން ބަންގްލަދޭޝަށް ވެސް ދާންވީ. ދެ ގައުމުގެ ވޮލީބޯޅައިގެ އާއިލާގެ ވެސް ގުޅުމެއްގެ ގޮތުގައި މި ފެނިގެންދަނީ. ސެންޓްރަލް ޒޯނުގައި މި އޮތް ބަންގްލަދޭޝާއި ރާއްޖެގެ އިތުރުން ސްރީ ލަންކާ، އިންޑިއާ، ކިރްގިސްތާން އަދި ތަޖިކިސްތާން ފަދަ މި ޒޯންގައި މި އޮތް ހުރިހާ ގައުމެއްގެ މެދުގައި މި އޮތީ ވަރަށް ގާތް ގުޅުމެއް." އަތީގުލް އިސްލާމް ވިދާޅުވިއެވެ.
އަތީގުލް އިސްލާމް ވިދާޅުވީ މިވަގުތު ރާއްޖެއާއި ބަންގްލަދޭޝް މެދުގައި ކުޅެވޭ އެކުވެރިކަމުގެ މެޗްތަކުން މޮޅުވާ ޓީމް ނުވަތަ ބަލިވާ ޓީމެއް ބެލުމުގެ ބަދަލުގައި މިވަގުތު އެންމެ މުހިންމީ ދެ ގައުމުގެ މެދުގައި ގުޅުން ބަދަހި ކުރުންކަމަށެވެ. އަދި އެގައުމު އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދައިރާތައް ބެލުމަކީވެސް މުހިއްމުކަމެއްކަމަށް އަތީގުލް އިސްލާމް ވިދާޅުވިއެވެ.