ކޯވިޑް-19ގެ ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯނަކީ ބަލިމަޑުކަމުގެ ނިމުމެއް ނޫންކަން ޤަބޫލުކުރަންޖެހޭކަމަށް ނިޔު ޒީލޭންޑުގެ ބޮޑުވަޒީރު ޖެސިންދާ ޢާޑަން ވިދާޅުވެއްޖެއެވެ.
ނިޔު ޒީލޭންޑުގެ ޤާނޫނުހަދާ މަޖިލީހުގައި ތަޤްރީރުކުރައްވަމުން ޢާޑަންވަނީ މި އަހަރުގެ ތެރޭގައި ކޯވިޑް-19ގެ އައު ވައްތަރުތަކެއް ފެނުމުގެ ފުރުޞަތު ބޮޑުކަން ޞިއްހީ ތަޖުރިބާކާރުން ވިދާޅުވަމުންދާކަން ފާހަގަކުރައްވައިފައެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކުރިޔަށްދެވޭނެ ގޮތްތައް އެބަހުރިކަމަށާއި އެ ގޮތްތަކަށް ޢަމަލުކުރުން މުޙިއްމުކަމަށް އޭނާވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން އޭނާވަނީ އަންނަ މަހުގެ ތެރޭގައި އެ ޤައުމުގައި ދުވާލެއްގެ މައްޗަށް 30،000 މީހުންނަށް ބަލިޖެހުމުގެ ފުރުޞަތު އެބައޮތްކަމަށެވެ.
ދުނިޔޭގައި ކޯވިޑް-19އާ ދެކޮޅަށް އެންމެ ހަރުދަނާ އަދި އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާފައިވާ ޤައުމުތަކުގެ ތެރޭގައި ނިޔު ޒީލޭންޑު ހިމެނެއެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން ފާއިތުވި ދެ އަހަރުދުވަހުގެ ތެރޭގައި ނިޔު ޒީލޭންޑުގައި ބަލިޖެހުނު މީހުންނާއި މަރުވި މީހުންގެ ޢަދަދުތައް އެހެން ޤައުމުތަކަށްވުރެ ވަރަށް ބޮޑަށް ދަށެވެ. އެ ގޮތުން ފަސް މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ނިޔު ޒީލޭންޑުގައި ކޯވިޑް-19 ޖެހިފައިވަނީ 18،000 މީހުންނަށެވެ. އަދި ބަލިމަޑުކަމުގައި މަރުވެފައިވަނީ 53 މީހުންނެވެ.
ފާއިތުވި ދެ އަހަރުދުވަހުގެ ތެރޭގައި ނިޔު ޒީލޭންޑުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ބަލިމަޑުކަމާ ދެކޮޅަށް ބޮޑެތި ކުރިއެރުންތަކެއް ހޯދި ނަމަވެސް އެ ފިޔަވަޅުތައް ދިގުލައިގެންދާތީ ޢާޑަންނަށް އޮތް ތާޢީދުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އަދި ނިޔު ޒީލޭންޑުގެ ސަރަޙައްދީ ރޮނގުތައް ފަތުރުވެރިންނަށް އަދިވެސް އޮތީ ބަންދުކޮށްފައެވެ. އަންނަ އޮކްޓޯބަރު މަހުގެ ކުރިން ނިޔު ޒީލޭންޑުގެ ސަރަޙައްދީ ރޮނގުތައް ހުޅުވުމުގެ ވިސްނުމެއް އެ ޤައުމުގެ ސަރުކާރަކުން ނުގެންގުޅެއެވެ.