ވިޔަފާރި

ރާއްޖެއަކީ ރައްކާތެރި މަންޒިލެއްކަން ދުނިޔެއަށް އަންގައިދިނީ ފަތުރުވެރިން: މައުސޫމް


ބޯޑަރުތައް އަލުން ހުޅުވާލުމުން އްޖެއަކީ ރައްކާތެރި މަންޒިލެއްކަން ދުނިޔެއަށް އަންގައިދިނީ ފަތުރުވެރިންކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ބަދަލުވަމުންދާ ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅޭ ގޮތުން ޖަރުމަނުގެ ފްރީޑްރިކް ނައުމަން ފައުންޑޭޝަނުން ބޭއްވި އްސަ ވެބިނާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ވެބިނާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ ދެ ފަރާތް ކަމަށްވާ ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް، އަދި އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމަށް ކޮށްފާނެ އަސަރާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އެންވައިރޮމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ މުޤައްރިރު ހޯރަފުށީ ދައިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ ވެބިނާގައި ވާހަކަ ދައްކަވާފައެވެ.

މި ވެބިނާ ފެށުމުގެ ގޮތުން ރާއްޖެއާއި ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެއެވެ. ވެބިނާގެ ކީނޯޓް ސްޕީކަރއެއްގެ ގޮތުގައި ވާހަކަ ދައްކަވަމުން ޖަރުމަނުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ފްރޭންކް މުލާ ރޮސެންޓްރިޓް ވިދާޅުވީ، ޖަރުމަނާއި ރާއްޖޭގެ ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށެވެ.

އޭނޭ ވިދާޅުވި ގޮތުގައި ޖަރުމަނަކީ ރާއްޖެއަށް ކޯވިޑުގެ ކުރިން ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަމުން ދިޔަ ޤައުމު ކަމަށާއި އޭރުވެސް އަހަރަކުން އަހަރަށް އެ އަދަދު ދިޔައީ އިތުރުވަމުންކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއިން ފަތުރުވެރިކަމުގެ ދައިރާގައި ހާސިލުކޮށްފައިވާ ކުރިއެރުންތަކާއި ކޯވިޑާއެކު ރާއްޖެއިން މި ސިނާޢަތް ދެމެހެއްޓުމަށް ރަނގަޅު ފިޔަވަޅުތަކެއް އަޅާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީއަށް ރާއްޖެއިން ކުރާ މަސައްކަތުގައި އާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތުގެ ޖަރުމަންވިލާތުގެ އެއްބާރުލުން ރާއްޖެއަށް ލިބެމުންދާކަނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ވެބިނާގެ ބައިވެރިން ވަނީ ފަތުރުވެރިކަމުގެ ސިނާޢަތް ރާއްޖޭގައި ކޯވިޑުގެ ހާލަތުގައި ފެށުމަށް ދިމާވި ގޮންޖެހުންތަކާއި އަދި މޫސުމީ ބަދަލުތަކުގެ ސަބުބުން ސިނާޢަތަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ.

ވެބިނާގައި ވާހަކަދައްކަވަމުން މިނިސްޓަރ އަބްދުﷲ މައުސޫމު ވިދާޅުވީ، 3 މަސްދުވަހު ބޯޑަރު ބަންދުކުރުމަށްފަހު އަލުން ބޯޑަރު ހުޅުވަން ނިންމި ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫންކަމަށެވެ. އެގޮތުން ފަތުރުވެރިންނަށް ރާއްޖެ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެއްކުމަށް ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ދުނިޔެ ޤަބޫލުކުރާ ނިޒާމެއް ފަތުރުވެރިންނަށް ދެއްކުމަށް މަސައްކަތް ކުރެވުނުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ކޯވިޑު އިންޝުއަރެންސް ނިޒާމާއި، ސިނާޢަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވެކްސިން ޕްރޮގްރާމް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިހުރިހާ ކަމުން ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ބުނެދިނީ ފަތުރުވެރިން ރާއްޖެއަށް ކުރި ޒިޔާޜަތްތަކުންކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ވެބިނާގެ ތެރެއިން އެމްއެމްޕީއާރްސީ މެނޭޖިންގް ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވީ، އެމްއެމްޕީއާރްސީގެ ހުރިހާ މަސައްކަތެއް ޑިޖިޓަލް މާކެޓިން އަށް ބަދަލު ކުރުން ގޮންޖެހުމަކަށްވި ކަމަށެވެ. ނަމަވެސް އޭރުގެ ހާލަތާއެކު އޭރު ގެންނަން ޖެހުނު ބަދަލެއް ގޮތުގައި ފާހަގަކުރައްވާ ރާއްޖޭ ޕްރޮމޯޓު ކުރުމަށް ކުރެވުނު މަސައްކަތަށް ވަނީ އަލި އަޅުވާލައްވާފައެވެ.

މީގެ އިތުރުން ވެބިނާގެ ތެރެއިން އެންމެ ބޮޑަށް ވާހަކަ ދެކެވިގެން ދިޔައީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ އަސަރުގެ ވާހަކައެވެ. މިކަމާއި ގުޅޭ ގޮތުން ހޯރަފުށީ ދައިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ފަތުރުވެރިން ރާއްޖެ އަންނަނީ ގޮނޑުދޮށްތަކާއި، މޫދު ބަލަން ކަމަށްވާއިރު، އެތަންތަން ނެތި ދިއުމުގެ ބިރު އޮތްކަން މިފަހުގެ ދިރާސާތަކުން ފެންނަން އޮތް ކަމަށެވެ. އެހެން ކަމުން ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މޫސުމީ ބަދަލުތަކަށް ވަރަށް ބޮޑު ސަމާލު ކަމެއް ދޭން ޖެހޭކަން މެންބަރު ސަލީމް ވަނީ ފާހަގަކުރައްވާފައެވެ.

މި ވެބިނާ އިންތިޒާމު ކުރި ޖަރުމަންވިލާތުގެ ފްރީޑްރިކް ނައުމަން ފައުންޑޭޝަނަކީ ސިޔާސީ އެކި ފަންތީގައި ހަރަކާތްތައް ހިންގާ ފަރާތަކެވެ. މީގެއިތުރުން ސިޔާސަތުތައް ކަނޑައެޅުމާ ގުޅޭ އެކި ފޯރަމްތައްވެސް ފައުންޑޭޝަންގެ ފަރާތުން އިންތިޒާމު ކުރެއެވެ.

މި ވެބިނާގެ މޮޑަރޭޓަރަކީ ޕިކް މޯލްޑިވްސްގެ ފައުންޑަރ ރިއާޔަތު އަބްދުލް މަޖީދުގެ.