ބައިނަލްއަގްވާމީ އެކުވެރިކަމުގެ ފުރަތަމަ މެޗުން ބަންގްލަދޭޝް ބަލިވީ ރެފްރީގެ ބައެއް ގޯސް ނިންމުންތަކެއްގެ ސަބަބުންކަމަށް ބަންގްލަދޭޝް ޓީމުގެ ހެޑް ކޯޗުގެ ޒިންމައާ ހަވާލުވެހުރި އެމްޑީ އިމްދާދުލް ހަގް ބުނެފިއެވެ. ގައުމީ ވޮލީ ޓީމް ބަންގްލަދޭޝާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ ތިން މެޗްގެ ތެރެއިން ފުރަތަމަ މެޗުން އެޓީމު ބަލިވީ 3 ސެޓް 1 ސެޓުންނެވެ.
މިމެޗްތަކަށް ބަންގްލަދޭޝް ޓީމް ރާއްޖެ އައިއިރު، އެޓީމްގެ ކޯޗު އީރާންގެ ސައީދު ލަތީފް ހުރީ ޗުއްޓީއެއްގައެވެ. މިމެޗްގައި ބަންގްލަދޭޝްގެ ކޯޗުގެ ޒިންމާއާއި ހަވާލްވެގެންހުރި، އެމްޑީ އިމްދާދުލް ހަގް ވަނީ ރެފްރީގެ ބައެއް ނިންމުންތަކާއި ދެކޮޅަށް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެމްޑީ އިމްދާދުލް ހަގް ބުނީ މެޗުން ބަލިވުމުގައި ރެފްރީންގެ ފަރާތުން ފެނުނު ކަންތަކުގެ އަސަރުވަރަށް ބޮޑަށް ޓީމަށް ކުރިކަމަށެވެ. އަދި ރާއްޖެއަށް އިތުރަށް ދެ ޕޮއިންޓް ދިންކަމަށްވެސް އެމްޑީ އިމްދާދުލް ހަގް ބުންޏެވެ. އަދި މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކަން ކުރާ ގޮތެއް ނޫންކަމަށާއި މިފަދަ ގޮތަކަށް ޕޮއިންޓްދޭތަން މީގެ ކުރިން ދުވަހަކުވެސް ނުދެކޭކަމަށް ކޯޗު ބުންޏެވެ.
"މެޗުން އަހަރުމެން ބަލިވީ ކީއްވެގެން ކަން ބަލަންތިބި އެންމެންނަށް ފެންނާނެ، އަހަންނަކަށް ނޭނގެ އެއް ފަހަރާ ދެ ޕޮއިންޓް ރާއްޖެއަށް ލިބޭ ގޮތެއް. ރެފްރީގެ ނިންމުންތަކުން މެޗު އެނބުރުނީ. އެކަމަކު، ރާއްޖެއިން ވެސް ރަނގަޅަށް ކުޅުނުކަން ފާހަގަ ކުރަން." އިމްދާދުލް ބުންޏެވެ.
ކޯޗް ބުނީ ފުރަތަމަ މެޗުން ބަލިވިނަމަވެސް ދެ ކުރިއަށް އޮތް ދެ މެޗުގައި ރަގަނޅު ކުޅުމެއް ބަންގްލަދޭޝް ޓީމްގެ ފަރާތުން ފެންނާނެކަމަށެވެ. ބަންގްލަދޭޝް ޓީމާ ދެކޮޅަށް ކުޅޭ ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާރަމާ ރޭގައެވެ. އަދި ތިންވަނަ މެޗުން ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ހުކުރު ދުވަހުގެ ރޭގައެވެ.