ޚަބަރު

ކޯވިޑުން އަރައިގަތުމަށް 4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި


ކޯވިޑް-19އިން އަރައިގަތުމަށް ސަރުކާރުން މިދިޔަ އަހަރު ނިމުނުއިރު، 4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ޢާންމުކޮށްފައިވާ "ކުއާޓަރލީ ކޯވިޑު-19 ސްޕެންޑިން" ރިޕޯޓުގައިވާގޮތުން މިދިޔައަހަރުގެ ފަހު ކުއާޓަރުގެ ނިޔަލަށް ކޯވިޑުގެ ހާލަތުން އަރައިގަތުމަށް ސިއްޙީ އަދި އިޖްތިމާޢީ މަސައްކަތްތަކަށް ވަނީ 2.2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. އަދި އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންއަށް 1.7 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މި އަދަދުތަކަކީ 2020ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި ހަމައަށް ކޮށްފައިވާ ޙަރަދުތަކުގެ ތަފާސް ހިސާބުތަކެކެވެ.

ސިއްޙީ އަދި އިޖްތިމާޢީ މަސައްކަތްތަކުގެ ތެރެއިން ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީގެ މަސައްކަތްތަކަށެވެ. އެގޮތުން އެ މިނިސްޓްރީއަށް 892.5 މިލިއަން ރުފިޔާވަނީ ހޭދަކޮށްފައެވެ.

ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭގެ މަސައްކަތްތަކަށެވެ. އެ ސެންޓަރުގެ މަސައްކަތްތަކަށް 784.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ތިންވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އައިޖީއެމްއެޗްއަށެވެ. އެ ހޮސްޕިޓަލަށްވަނީ 193.8 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

ކޯވިޑް-19އަށް ސަރުކާރުން ކުރާ ހޭދައިން އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ މިބައްޔަށް ފަރުވާ ކުރަން ބޭނުންވާ ތަކެއްޗާއި، ޓެސްޓު ކިޓާއި ޕީޕީއީ ހޯދުމަށްކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަވެއެވެ.

އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންއަށް މިހާތަނަށް 1.7 ބިލިއަން ޚަރަދުކޮށްފައިވާއިރު މިއީ ކޯވިޑާއި ގުޅިގެން މާލީ ގޮތުން ގޮންޖެހުންތައް ކުރިމަތިވަމުންދާ އާއްމު ފަރުދުންނާއި، ގޭބީސީތަކާއި، އަދި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށް ދެއްވުމަށް ސަރުކާރުން ތަޢާރަފްކޮށްފައިވާ ސްކީމެކެވެ.

އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންގެ ދަށުން ކޯވިޑް ރިކަވަރީ ލޯން ސްކީމަށް މިހާތަނަށް ވަނީ 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އަދި އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި 421 މިލިއަން ރުފިޔާ ދީފައިވާއިރު، ކަރަންޓު ބިލްތަކަށް ޑިސްކައުންޓުގެ ގޮތުގައި 172.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.