ވިޔަފާރި

މޯލްޑިވެންޗަރސްގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްފި


ޕީއެސްއެމްއާއި އެމްއެމްޕީއާރްސީ ގުޅިގެން ބާއްވާ މޯލްޑިވެންޗަރސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްފިއެވެ. މިއީ އަމިއްލަ ރަށުގައި ފަތުރުވެރިންނަށް އަމާޒުކޮށްގެން ތަނެއް ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ މުބާރާތެކެވެ.

މޯލްޑިވެންޗަރސްއަކީ ފަތުރުވެރިންނަށް ޙާއްސަ ސަރަހައްދުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީ ކުރުމަށާއި، މިފަދަ ތަންތަން ތަރައްޤީ ކުރަން ތިބި ވިޔަފާރިތަކަށް ނުވަތަ ފަރާތްތަކަށް އެކަމުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ފަތުރުވެރިކަމުގެ ހަރަކާތްތައް އިތުރުކޮށް ލޯކަލް ޓުއަރިޒަމަށް ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤްޞަދުގައި އެމްއެމްޕީއާރްސީއާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކުރިން ހުޅުވާލާފައިވަނީ ޖަނަވަރީމަހުގެ 31 ވަނަ ދުވަހާއި ހަމައަށެވެ. ނަމަވެސް މިހާރު ވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްފައެވެ.

މޯލްޑިވެންޗަރ މުބާރާތުގެ އެއްވަނައަށް ދާ ފަރާތަކަށް ހުށަހަޅާފައިވަނީ 150،000 ރުފިޔާއެވެ. ދެވަނައަށް ދާ ފަރާތަކަށް 100،000ރ. ހުށަހަޅާފައިވާއިރު، ތިންވަނައަށް ދާ ފަރާތަކަށް ހުށަހަޅާފައިވަނީ 75،000ރ. އެވެ.

އެމްއެމްޕީއާރްސީއާއި ޕީއެސްއެމްއިން ގުޅިގެން ކުރިއަށްގެންދާ މިމުބާރާތުގައި، ފަތުރުވެރިންނަށް އަމާޒުކުރެވިގެން ރަށުގައި ކޮންމެ ބާވަތެއްގެ ތަނެއް، ހިދުމަތެއް ނުވަތަ އުފެއްދުމެއް ހެދުމަށް ހުށަހެޅިދާނެއެވެ. މީގެތެރޭގައި ކަލްޗަރަލް މިއުޒިއަމް، ނޭޗަރ ޕާކް އަދި އެނޫންވެސް ފަތުރުވެރިން ޝައުޤުވެރިވާނެ ފަދަ ތަނެއް ޤާއިމު ކުރުމަށް ހުށަހެޅިދާނެއެވެ. އެގޮތުން މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ތިން ހުށަހެޅުމަކަށް ފަންޑު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތަށް ހުށަހަޅާ ޙީޔާލުތަކަކީ އަމިއްލަ ޙިޔާލުތަކަށް ވާން ޖެހޭނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. އަދި މި ޙިޔާލުތަށް ޕްރެޒެންޓު ކުރާއިރު، އެކަން ކުރެވޭނެ ގޮތް ތަފްސީލީ ގޮތެއްގައި ހުށަހަޅަން ވާނެއެވެ. މުބާރާތަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓު ކުރެވޭ ހުށަހެޅުންތައް ޖަޖުންގެ ޕެނަލަށް ހުށަހަޅާ އިރު ޕީއެސްއެމް ޗެނެލަކުން ހުށަހެޅުންތައް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ އަމިއްލަ ފަރާތްތަކާއި، ކުދި ވިޔަފާރިތަކަށް ފަތުރުވެރިކަމުގެ ވިޔަފާރީގެ ތެރެއައަށް ވަނުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެކެވެ. މިމުބާރާތުގައި 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭއިރު، ވިޔަފާރިއެއްގެ ފަރާތުން ހުށަހަޅާނަމަ ކޮންމެ ވިޔަފާރިއަކަށްވެސް ހުށަހެޅޭނީ އެއް ޕްރޮޕޯސަލްއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފޯމް ޕީއެސްއެމްގެ ވެބްސައިޓުން http://psm.mv/ ޑައުލޯންޑު ކުރެވޭނެއެވެ. މުބާރާތުގައި ބައިވެރިވުމަށް މި ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު މެއިލް ކުރުމުން މުބާރާތުގައި ބައިވެރިވެވޭނެއެވެ.