ކުޅިވަރު

މިއީ ތާރީޚީ ކާމިޔާބީއެއް - ސާޖިދު


ރާއްޖޭގެ ގައުމީ ވޮލީ ޓީމް ބަންގްލަދޭޝް ޓީމްގެ މައްޗަށް ކުރި ހޯދުމަކީ ފާހަގަކޮށްލަންޖެހޭ ވަރުގެ ބޮޑު ކާމިޔާބީއެއްކަމަށް ގައުމީ ވޮލީ ޓީމްގެ ކޯޗް މުޙައްމަދު ސާޖިދު ބުނެފިއެވެ. އެންމެ ފަހުން ރާއްޖެއިން ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދާފައިވަނީ 2016ވަނަ އަހަރުއެވެ. އެއަށްފަހު ފާއިތުވެގެންދިޔަ 6 އަހަރުގެ ތެރޭގައި ރާއްޖެއަށް ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދިފައެއް ނުވެއެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ ފުރަތަމަ މެޗް ރާއްޖޭގެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3 ސެޓް 1 ސެޓުންނެވެ. މެޗްގެ ފުރަތަމަ ސެޓް ބަންގްލަދޭޝްއިން ގެންދިޔަ ނަމަވެސް، ފަހަތުން އަރާ 3 ސެޓް ހޯދައިގެން ރާއްޖެއިން ވަނީ މެޗް ކާމިޔާބުކޮށްފައެވެ. މެޗަށްފަހު ވާހަކަދައްކަމުން ކޯޗް މުހައްމަދު ސާޖިދު ބުނީ މިއީ ރާއްޖެއިން ފާހަގަކުރަންޖެހޭ ކަމެއްކަމަށާއި މިއީ ޓީމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. ކޯޗްބުނީ މެޗްގައި ކެޕްޓަން އިސްމާޢީލް ސާޖިދާއި އާދަމް ނަސީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާކަމަށާއި ޢަލީ ހުޒާމްގެ ފަރާތުން ފެނުނު ކުޅުމާމެދު ހިތްހަމަޖެހޭކަމަށެވެ. އަދި ރާއްޖޭގެ ޓީމްގެ މުހިއްމު ބައެއް ކުޅުންތެރިންނާ ނުލައި ކުޅުނު މިމެޗްގައި ރާއްޖެއިން ކާމިޔާބު ހޯދުމަކީ މެޗްގައި ޓީމްގެ ކުޅުންތެރިން ހިތްވަރު ދޫނުކޮށް މެޗްގައި ދެއްކި ކުޅުމުގެ ނަތީޖާކަމަށް ވެސް ކޯޗް ސާޖިދު ބުންޏެވެ.

"ބަންގްލަދޭޝް ކަހަލަ ވަރުގަދަ ޓީމެއް އަތުން މޮޅުވުމަކީ ބޮޑު ކާމިޔާބެއް. ފަހަކަށް އައިސް އަހަރުމެން ނެތް ބަންގްލަދޭޝް އަތުން މޮޅުވެފައެއް. އެގޮތަށް ބަލާއިރު، މިއީ ވަރަށް ފާހަގަކޮށްލެވޭ ކާމިޔާބީއެއް. މުޅި ޓީމު ވެސް މި މެޗުގައި ވަރަށް ރަނގަޅަށް ކުޅެފި. ޝާހު (ކުޑަކާއްޓޭ) އާއި އެޑަމް އަކީ މިއީ ކޮންމެ ގަޑިއަކު ޓީމަށް ލިޔަސް ރާއްޖޭގެ ޓީމާއި ވަރަށް ގުޅޭނެ ކުޅުންތެރިން. އަނެއްހެން ފިޒިކަލީ ވަރަށް ފިޓްކޮށް ދެ މީހުންވެސް ތިބީ. ހާއްސަކޮށް އެޑަމްގެ ރަނގަޅަށް ކުޅުނު. އެހެންވީމަ އެއީ ލިބުނު ވަރަށް ބޮޑު އެޑްވާންޓޭޖެއް. ދެ ކުޅުންތެރިންވެސް ވަރަށް ޓޮޕްގަ ކުޅެފި." ސާޖިދު ބުންޏެވެ

ކޯޗް ސާޖިދުބުނީ މިމެޗުން ލިބުނު މޮޅާއެކު ޓީމަށް ވަރަށް ބޮޑު ހިތްވަރެއް ލިބިފައިވާކަމަށާއި ހާއްސަކޮށް ކުރިއަށްއޮތް ދެ މެޗުގައިވެސް ރާއްޖޭގެ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެންނާނެކަމަށް އުއްމީދު ކުރާކަމަށެވެ.