ޚަބަރު

ހިތަދޫ މާކިޅި ސަރަހައްދުގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ 12 ގަޑިއިރުން!


އައްޑޫސިޓީ ހިތަދޫގައި މާކިޅި ޗަސްބިން ސަރަހައްދުގައި ރޯވި އަލިފާންގަނޑު ގާތްގަނޑަކަށް 12 ގަޑިއިރުގެ މަސައްކަތުން ނިއްވާލައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ މި އަލިފާނުގެ ހާދިސާ އެމްއެންޑީއެފްއަށް ރިޕޯޓު ކޮށްފައިވަނީ އިއްޔެ ހަވީރު 4:10ގައި ކަމަށެވެ. އަދި މި އަލިފާންގަނޑު ނިއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް އަލިފާންގަނޑު ނިއްވާނުލެވި ދިޔައީ، ފެތުރެމުންނެވެ. އަދި ފަހުން އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް ގަން އެއާޕޯޓުގެ ފަޔަރ އެންޑް ރެސްކިއު ޓީމުންވެސް ހަރަކާތްތެރިވިއެވެ.

ހާދިސާގައި އަލިފާންގަނޑު ބޮޑަށް ފެތުރިގެން ދިޔައީ އަލިފާންގަނޑު ހިފާފައި އޮތް ސަރަހައްދަށް ވަނުމަށް ދަތިތަކެއް ހުރުމުގެ ސަބަބުންކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.

އިއްޔެ ހަވީރު ރޯވި އަލިފާން އެއްކޮށް ނިވާލެވުނީ ފުލުހުންނާއި އެމްއެންޑީއެފް، އައްޑޫސިޓީ ކައުންސިލް އަދި ގަން އެއާޕޯޓުގެ ފަޔަރ ގުޅިގެން ކުރި މަސައްކަތުންނެ ފަތިހު 4:00 ޖަހަނިކޮށެވެ. މި ހާދިސާގައި ޗަސްބިމުގެ ބޮޑު ސަރަހައްދެއް އެނދުން ފިޔައި އިތުރު ގެއްލުމެއް ލިބިފައި ނުވެއެވެ. އަލިފާނގަނޑު ކޮންޓްރޯލްކޮށް ނިއްވާލާފައިވީ ނަމަވެސް އެމްއެންޑީއެފްއިން ވިދާޅުވީ އެ ސަރަހައްދު އިތުރަށް މޮނީޓަރ ކުރަމުންދާނެ ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގައިގެން، އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދިޔައިރު، އައްޑޫގެ ގުޅިފައިވާ ރައްތަކުން ގާތްގަނޑަކަށް 2 ގަޑި އިރަށް ކަރަންޓުވެސް ކެނޑުނެވެ. ނަމަވެސް މިއީ އަލިފާނުގެ ހާދިސާއާއި ގުޅުމެއް ހުރި ކަމެއް ނޫން ކަމަށް އައްޑޫ ސިޓީއަށް ކަރަންޓް ފޯރުކޮށްދޭ ފެނަކައިން ވަނީ ޔަޤީންކަން ދީފައެވެ. އަދި ކަރަންޓު ކަނޑައިގެން ދިޔައީ ލޯޑު މަތިވެގެން އިންޖީނަކަށް ދިމާވި މައްސަލައަކުން ކަމަށް ފެނަކައިން ބުނެއެވެ.