ޚަބަރު

މީހުން ބިނާކުރުމަށް މިސަރުކާރުން މިހާތަނަށް 1.5 ބިލިޔަން ރުފިޔާ


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ހިންގާ އެންމެ ބޮޑު މަސައްކަތަކީ އެކި ދާއިރާތަކުން ޤައުމު ބިނާކުރަން ބޭނުންވާ މީހުން ބިނާކުރުމުގެ މަޝްރޫއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން އެމަސައްކަތަށް މިހާތަނަށް މި ސަރުކާރުން ވަނީ 1.5 ބިލިއަން ހަރަދުކޮށްފައެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައިވެސް މިހާތަނަށް މީހުން ބިނާކުރުމަށް އެންމެ ބޮޑު ހޭދައެއް ކުރި ސަރުކާރުކަަމަށެވެ.

މަތީ ތަޢުލީމާއި ތަމްރީންގެ ދާއިރާއިން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ފަހި ފުރުސަތު ހުޅުވާލައި، ކިޔަވަން ބޭނުންވާ ކޮންމެ ދަރިވަރަކަސް އެފުރުސަތު ފަހިކޮށް ދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ވެރިކަމަށް ވަޑައިގަނެންނެވުމުގެ ކުރިންވެސް ދެއްވާފައެވެ. މިވަޢުދާއި އެއްގޮތަށް ރާއްޖޭގަައި ހިލޭ ޑިގްރީއަށް ކިޔެވޭނެ ފުރުސަތުތަކާއި، އެކި ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރެވޭނެ މަގު ރައީސުލްޖުމްހޫރިއްޔާ ވަނީ ފަހިކޮށްދެއްވާފައެވެ.

"ހިތްވަރެއްހުރި ކޮންމެ ދަރިއަކަށް ހިލޭ ޑިގްރީއެއް ހެދޭނެ ގޮތެއް ހެދުން" މިއީ މިއަހަރަށް މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދިވެހި ކޮންމެ ކުއްޖަކަށް ދެއްވި އުންމީދީ މެސެޖެކެވެ. ތައުލީމް ހާސިލްކޮށް، ތައުލީމީ ދަރިންތަކެއް ބިނާކުރުމަކީ ސަރުކާރުގެ އެންމެބޮޑު މަޝްރޫޢަށްވާއިރު މިމަޝްރޫޢަށް މިވީ ތިން އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ 1.5 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައެވެ. މިއީ މިހާތަނަށް ސަރުކާރަކުން މީހުން ބިނާކުރުމަށް އެންމެ ބޮޑު ހޭދައެއް ކުރި ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ހަޔަރ އެޑިކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޤައުމު ބިނާކުރެއްވުމުގެ މަސައްކަތުގައި އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މީހުން ބިނާކުރެއްވުމަށް ކަމަށެވެ. އެގޮތުން މިސަރުކާރުން މިވީ ތިން އަހަރުގެ ތެރޭގައި މީހުން ބިނާކުރުމަށް ކުރި ހޭދައަކީ ރާއްޖޭގައި މިހާތަނަށް މިކަމަށް ކޮށްފައިނުވާހާ ބޮޑު ހޭދައެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ފުރަތަމަ ޑިގްރީއަށް 360 މިލިޔަނަށްވުރެގިނަ ރުފިޔާ ޚަރަދުކޮށްފިން. ސްކޮލަޝިޕްތަކަށްވެސް 371 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފިން. ސްޓޫޑެންޓް ލޯނަށް 240 އަށްވުރެ ގިނަ ފައިސާ ޚަރަދުކޮށްފިން. ޖުމްލަ އަޅުގަނޑުމެން ހިސާބު ޖަހައިފި ކަމުގައިވާނަމަ މިސަރުކާރުން މީހުން ބިނާކުރުމަށް 1.5 ބިލިޔަން ރުފިޔާ އަށްރެ ގިނަ ފައިދާ ވަނީ ޚަރަދުކޮށްފަ." މިނިސްޓަރ ވިދާޅުވިއެވެ.

މިހާތަނަށް މިސަރުކާރުން 158 ސްކޮލަޝިޕް ސްކީމް ވާނީ އިއުލާންކޮށްފައެވެ. އޭގެ ތެރެއިން ތަފާތު 432 ސްކޮލަޝިޕް އިއުލާންކުރެވި ގިނަ ދަރިވަރުން ދަނީ މިފުރުސަތުތަކުގެ ބޭނުން ހިފަމުންނެވެ. މި ސްކީމްތަކުގެ ތެރެއިން މަތީ ތައުލީމް ހާސިލް ކުރުމަށް މިހާރުވެސް 20 ޤައުމެއްގައި ދަރިވަރުން ދަނީ ކިޔަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމުގެ ކުރިން އޭރުގެ ވެރިކަމުގައި ތިއްބެވި ފަރާތްތަކުގެ އެންމެ ބޮޑު ފާޑުކިޔުމަކަށްވީ ތައުލީމީ ސިޔާޔަތަކީ މިއަދު ސިއްސައިގެންދާވަރުގެ އިންގިލާބީ ބަދަލުތަކެއް ގެނެވިފައިވާ ސިޔާސަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއަދު މިކަމުގައި އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި ބޭފުޅާ ވެރިކަމާއި ހަވާލުވެ ތައުލީމަަށް ކުރައްވަމުންދާ ހޭދަތަކަކީ ނިމިދިޔަ އެއްވެސް ސަރުކާރަކަށް ގާތްކުރެވޭ ވަރަށްވެސް ނުކުރެވޭހާ ބޮޑު ހޭދަތަކެއްކަމަށް މިނިސްޓަރ އިބްރާހިމް ހަސަން ވިދާޅުވިއެވެ.

"އަޅުގަނޑު ހަދާންވޭ 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ގިނަ ފާޑުކިޔުން ބައެއް މީހުން އަމާޒުކުރި، ޔުނިވާސިޓީ ތައުލީމު މާމައްޗަށް ހޯއްދަވާފައިހުރި ބޭފުޅެއްނޫނޭ، ކިޔައިގެން އިދިކޮޅު ފަރާތްތަކުން ވަރަށް ފޯރީގައި އެވާހަކަތަކެއް ދެއްކި. އެކަމު ބައްލަވާ މިއަދު އެމަނިކުފާނޭ މަތީ ތަޢުލީމު ދުވަހަކުވެސް ސަރުކާރަކަސް ހޭދަ ނުކުރާ ވަރަށް މިހޭދަކުރަނީ. އެމަނިކުފާނު ދިވެހި ރާއްޖެ އިލްމީ މުޖުތަމައަކަށް ހެދުމަށްޓަކައި، ދުވަހަކުވެސް ސަރުކާރަކުން މަސައްކަތް ނުކުރާ ވަރަށް މަސައްކަތް މިކުރައްވަނީ. މިނިސްޓަރ ވިދާޅުވިއެވެ.

ކޮންމެ ދަރިވަރަކަށްވެސް އެ ދަރިވަރަކު ހުރި ސަރަހައްދުން ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުމަށްވެސް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ޚާއްސަ ގޮތެއްގައި އެއްވެސް ކުއްޖަކު ބާކީނުކޮށް މަތީ ތަޢުލީމްގެ ފުރުޞަތުތައް އަންނަނީ ފަހިކޮށްދެއްވަމުންނެވެ. ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖެއަކީ ތައުލީމީ ރޮގުން ކުރިއަރާފައިވާ، އެކި ދާއިރާތަކުން ޤާބިލް ފަންނީ މީހުން ގިނަ ޤައުމަކަށް ހެދުމެވެ.