ޚަބަރު

އާބާދީ ކުޑަ ރަށްރަށުގައިވެސް ޑްރަގްގެ ވިޔަފާރި ދަނީ ފުޅާވަމުން: ހޯމް މިނިސްޓަރ


ރާއްޖޭގެ އެންމެ ބޮޑެތި އާބާދީތަކުން ފެށިގެން އެންމެ ކުދި އާބާދީތަކަށް ޑްރަގްގެ ވިޔަފާރި ފުޅާވަމުންގޮސް އެކަން ހުއްޓުވުމަށް ފުލުހުން މިހާރަށްވުރެ ބުރަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ބ.ގޮއިދޫގައި ފުލުހުންގެ ޙިދުމަތް ދިނުމަށް ޤާއިމްކުރި ފުލުހުންގެ ޕޯސްޓް ހުޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުންނެވެ.

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ކުދިކުދި ރަށްްރަށުގައިވެސް ރާވާއިގެން ހިންގާ ބޮޑެތި ކުށްތައް ފެށެނީ މަސްތުވާތަކެތީގެ ވިޔަފާރިންކަމަށާއި، ޑްރަގްގެ މި ނުބައި ވިޔަފާރި ނުހުއްޓުވައި ރަށްރަށުގައި އޮތް ސުލްހަ މަސަލަސްކަން ގާއިމް ނުކުރެވޭނެކަމަށެވެ.

މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ހިންގާ މީހުންނާއި އެތަކެތި ބޭނުންކުރާ ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ހިންގާ ހަރަކާތައް އަލިއަޅުއްވާލައްވާ ވާހަކަދަވަމުން މިނިސްޓަރ ވިދާޅުވީ މީގެކުރިން ދިވެހިންނަކީ ސުލްހަ މަސަލަސްކަމަށް ލޯބިކުރާ ބައެއްކަމަށާ، އެކަން މުޖުތަމައުން ނެތިދާން ފަށާފައި މިވަނީ އެކިއެކި ފަރާތްތަކުގެ ނުރަގަނޅު ވިސްނުންތަކުގައި އެބައެއްގެ އަމިއްލަ މަސްލަހަތާ މަޤްސަދުގައި މުޅި މުޖްތަމައުއާ ރައްޔިތުންނާ ގައުމުގެ މަސްލަހަތަށް ނުވިސްނާ ކުރަންފެށި ޑްރަގްގެ ވިޔަފާރީގެ ސަބަބުންކަމަށް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

މަސްތުވާތަކެތި ރާއްޖެއަށް އާއްމުވާން ފެށީ މީގެ 50 އަހަރު ކުރިން ކަމަށާ، އެކަންމިހާރު ފުޅާވެ އެންމެ ކުދި ރަށްތަކުގައިވެސް އެކަން ކުރިއަށްދާކަން މިނިސްޓަރ އިމްރާން ފާހަގަކުރެއްވިއެވެ. އަދި ފުލުހުން މިއަދު ފާރަވެރިވާން ޖެހޭ އެންމެ މުހިންމު މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަކަންވެސް މިނިސްޓަރ ފާޙަގަކުރެއްވިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުން ތިއްބުމުގެ މައިގަނޑު އެއް ބޭނުމަކަށް ވާންޖެހޭނީ ރައްޔިތުންނަށް ބޭނުންވާ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށާއި އެކަން ކަށަވަރު ކުރެވޭނީ މަސްތުވާތަކެތީގެ ނުރައްކާ ގައުމުން ނައްތާލައިގެންކަން މިނިސްޓަރ ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާއި ގޭންގްތަކާއި ދެކޮޅަށް ފުލުހުން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެފަދަ ކުށްތަކަށް މީހުން އަރައިގަތުން ހުއްޓުވުމަށާއި ރައްޔިތުންނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މި ރިޔާސީ ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުން ތިއްބާވާނޭކަން މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްޙޫރިއްޔާ ވަނީ ވިދާޅުވެފައެވެ.