ކުޅިވަރު

6 އަހަރަށް ފަހު ރާއްޖެއިން ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދައިފި


6 އަހަރަށް ފަހު ރާއްޖެއިން ބަންގްލަދޭޝްގެ ވޮލީ ޓީމުގެ މައްޗަށް ކުރި ހޯދައިފިއެވެ. ރާއްޖޭގެ ވޮލީ ޓީމާއި ބަންގްލަދޭޝްގެ ވޮލީ ޓީމާ ދެމެދު މިހާރު ކުޅެމުންދާ މިމެޗްތަކަކީ ދެ ގައުމުގެ މެދުގައި ކުޅިވަރުގެ ރޮނގުން ގުޅުން ބަދަހި ކުރުމުގެ ގޮތުން ކުޅެވެމުންދާ މެޗްތަކެކެވެ. މިއީ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްގެ އެހީތެރިކަމާއެ ރާއްޖެއަށް ކުޅެން ލިބުނު ތިން މެޗްއެވެ.

މިމެޗަށް ރާއްޖެ ނިކުތްއިރު، ފާއިތުވެގެންދިޔަ 6 އަހަރުގެ ތެރޭގައި ރާއްޖޭގެ ވޮލީ ޓީމަށް ބަންގްލަދޭޝް ޓީމް ބަލިކުރެވިފައެއް ނުވެއެވެ. އެންމެ ފަހުން ރާއްޖެއަށް ބަންގްލަދޭޝް ޓީމް ބަލިކުރެވިފައިވަނީ 2016ވަނަ އަހަރު އިންޑިއާގެ ގުވަހާޓީގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގައެވެ. މިމެޗް ރާއްޖެއިން ކާމިޔާބުކޮށްފައި ވަނީ ސީދާ ތިން ސެޓުންނެވެ. އޭރު ގައިމީ ޓީމަށް އިރުޝާދު ދީފައިވަނީ ތައިލެންޑުގެ ސުންޓޮން ފޮސީޓާއެވެ. އޭގެ ފަހުން ރާއްޖެއިން ތިން ފަހަރު ސެންޓްރަލް ޒޯންގައި ބަންގްލަދޭޝް އާއި ވާދަކޮށްފައިވީ ނަމަވެސް، ރާއްޖެއަށް ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދޭގޮތެއް ނުވިއެވެ.

ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި ކުރިއަށްދިޔަ އެކުވެރިކަމުގެ މެޗްތައް ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ ފަހަތުންއަރާ 3 ސެޓް 1 ސެޓުންނެވެ. މެޗްގެ ފުރަތަމަ ސެޓް ބަންގްލަދޭޝްއިން ގެންދިޔައީ 25-22އިންނެވެ. ނަމަވެސް ޖެހިގެންއައި ތިން ސެޓްވެސް ކާމިޔާބުކޮށް ރާއްޖެއިން މެޗް ކާމިޔާބުކުރިއެވެ. މެޗްގެ ފަހު ތިން ސެޓް ރާއްޖެއިން ގެންދިޔައީ 25-19، 25-20 އަދި 25-22 އިންނެވެ.

ރޭގެ މެޗްއަށް ރާއްޖޭގެ ޓީމް ނިކުތްއިރު، ޓީމުގެ މުހިއްމު ދެ ކުޅުންތެރިންކަމަށްވާ ހުސެއިން ވިޝާމް އާއި ހަސަން ނިލާމް އާއިލީ ސަބަބުތަކަށްޓަކައި މިފަހަރު ބައިވެރިވެފައެއް ނުވެއެވެ. އަދި އިސްމާޢީލް ސާޖިދާއި އާދަމް ނަސީމް ޓީމާއި ގުޅިފައިވަނީ މީގެ ތިން ދުވަސް ކުރިންނެވެ. މިދެ ކުޅުންތެރިން ތަމްރީން ކުރަމުންދިޔައީ ގައުމީ ބީޗް ޓީމާއެކުއެވެ.

ރޭގެ މެޗްގައި ބަންގްލަދޭޝް ޓީމުގެ ފަރާތުން މެޗްގެ ފުރަތަމަ ސެޓްގައި މޮޅު ކުޅުމެއްދެއްކިއެވެ. އެގޮތުން މެޗްގެ ބޮޑުބައި ލީޑްގައި އޮވެގެން ކުޅެފައިވަނީ ވެސް ބަންގްލަދޭޝް ޓީމުންނެވެ. އަދި އެޓީމްގެ ވަރުގަދަ އެޓޭކްތަކާއެކު މެޗްގެ ފުރަތަމަ ސެޓް 25-22އިން ގެންދިޔައެވެ. މެޗްގެ ފުރަތަމަ ސެޓާއި ޚިލާފަށް މެޗްގެ ދެވަނަ ސެޓްގައި ރާއްޖޭގެ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ކުޅުމަށް ބަދަލެއް ގެނެސް ރާއްޖޭގެ ޓީމްގެ ފަރާތުން މޮޅު ބުލޮކްތަކެއް ވެސް ފެނިގެންދިޔައެވެ. މިމެޗްގެ ދެވަނަ ސެޓް ރާއްޖެއިން ގެންދިޔައީ 25-19އިންނެވެ.

މެޗްގެ ފަހު ދެ ސެޓްގައިވެސް ރާއްޖޭގެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ޚާއްސަކޮށް މުޙައްމަދު ސާޖިދާއި އާދަމް ނަސީމްގެ އިތުރުން ޢަލީ ހުޒާމްގެ ފަރާތުން ގިނަ އެޓޭކްތަކެއް ފެނިގެންދިޔައިރު، ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން މޮޅު ބުލޮކްތަކެއް ވެސް ފެނިގެންދިޔައެވެ. އަދި ޚާއްސަކޮށް ބަންގްލަދޭޝް ޓީމުން ފޮނުވާލި ގިނަ ހަމަލާތަކެއް ރާއްޖެއިން ވަނީ ބުލޮކްކޮށްފައެވެ. މެޗްގެ ފަހު ދެ ސެޓްގައިވެސް ރާއްޖެއިން ބޮޑުބައި ކުޅެފައިވަނީ ލީޑްގައި އޮވެގެންނެވެ. މެޗްގެ ފަހު ދެ ސެޓް ރާއްޖެއިން ގެންދިޔައީ 25-20 އަދި 25-22އިންނެވެ.

ބަންގްލަދޭޝާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ އަދި ތިންވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭގައެވެ.