އޭޝިއަން ކަޕް ކޮލިފައިންގެ ގުރޫޕް ސްޓޭޖްގެ މެޗްތައް ރާއްޖޭގައި ބޭއްވުމަށް ބިޑްކޮށްފައިވާކަމަށާއި ޕޮމިސް ކަޕްގެ ނަމުގައި އިންވިޓޭޝަނަލް މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
ކޯވިޑް-19އާއި ގުޅިގެން އޭއެފްސީއިން ވަނީ އޭއެފްސީ ކަޕްގެ މެޗްތައްވެސް ސެންޓްރަލައިޒްކޮށް އެއް ދަނޑެއްގައި ކުޅެފައެވެ. އެގޮތުން ރާއްޖެއިން ވަނީ މާޒިޔާ ހިމެނޭ ގުރޫޕް ޑީގެ މެޗްތައް ސެންޓްރަލައިޒްކޮށް، މާލޭގައި ކުޅެފައެވެ. އަދި އޭއެފްސީއިން ވަނީ މިދިޔަ އަހަރު އޭއެފްސީ ކަޕްގެ ގުރޫޕް ސެޓޭޖްގެ ހުރިހާ މެޗެއްވެސް ސެންޓްރަލައިޒްކޮށް އެއް ދަނޑެއްގައި ކުޅެފައެވެ. މާލޭގައި ކުރިއަށްދިޔަ އޭއެފްސީ ކަޕްގެ މެޗްތައް ކުރިއަށް ދިޔައީ މިދިޔަ އަހަރުއެވެ. އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުރިއަށްދާނީ ޖޫން މަހުގައެވެ.
މިދިޔަ އަހަރު ރާއްޖޭގައި ކުރިއަށްގެންދިޔަ ސާފް ޗެންޕިއަންޝިޕްގެ ފައިނަލް މެޗަށްފަހު ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ވަނީ ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ އެހީތެރިކަމާއެކު މާލޭގައި ކޮންމެ އަހަރަކު އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމާފައެވެ. އަދި އެކަމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމަށްވެސް ރައީސް ވިދާޅުވެފައިވާކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ ރައީސްގެ އިންވިޓޭޝަނަލް މުބާރާތެއްގެ ގޮތުގައި ބާއްވާ ޕޮމިސް ކަޕް ބާއްވަން މިހާރު ގަސްދުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގައިކަމަށެވެ. މިދިޔަ އަހަރު ރާއްޖޭގައި ނިމިގެންދިޔަ ސާފް ޗެންޕިއަންޝިޕްގައި ދިވެހި ސަޕޯޓަރުން ވަނީ ވަރަށް ފުރިހަމަ ތަރުހީބެއް ގައުމީ ޓީމަށް ދީފައެވެ. ބައްސާމް ވިދާޅުވީ ގައުމީ ޓީމަށް ދޭ ތަރުހީބު، ކުލަބްތަކަށް ވެސް ބޭނުންވާކަމަށާއި ގައުމީ ޓީމް ކުރިއަރާނީ ކުލަބްތަކަށް ވެސް ސަޕޯޓަރުންގެ އެހީ ލިބިގެންކަމަށެވެ. އަދި ސެންޓްރަލައިޒްކޮށް އޭޝިއަން ކަޕް ކޮލިފައިންގެ މެޗްތައް ބޭއްވުމަށް ރާއްޖެއިން މިހާރު ބިޑްކޮށްފައިވާކަމަށާއި ޖޫން މަހު އޭޝިއަންކަޕްގެ މެޗްތަކެއް ފެންނާނެކަމަށް އުއްމީދު ކުރާކަމަށް ބައްސާމް ވިދާޅުވިއެވެ.
އަދި ޕޮމިސް ކަޕް މިއަހަރު ކުރިއަށްދާނީ ރައީސުލް ޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅޭ މުބާރާތެއްގެ ގޮތުގައިކަމަށާއި މިމުބާރާތް ކުރިއަށް ގެންދިއުމަށް މިހާރު ނިންމާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު ކަމަށް ބައްސާމް ވިދާޅުވިއެވެ. އަދި މި މުބާރާތުގައި އަށް ޓީމް ބައިވެރިކުރެވޭތޯ މަސައްކަތް ކުރާކަމަށް ބައްސާމް ވިދާޅުވިއެވެ. ބައްސާމް އިތުރަށް ވިދާޅުވީ ގައުމީ ޓީމުގެ ގިނަ މެޗުތަކެއް މިއަހަރުތެރޭ ދިވެހި ސަޕޯޓަރުންނަށް ފެނިގެންދާނެ ކަމަށެވެ. ގައުމީ ޓީމު ކާމިޔާބު ހޯދުމުގައި އަބަދުވެސް އެންމެ މުހިއްމު ރޯލެއް އަދާކުރަނީ ސަޕޯޓަރުން ކަމަށާއި ޖުމްލަކޮށް މުޅި ފުޓްބޯޅަ އަށް މި ވަގުތު މުހިއްމީ އެންމެންގެ އެއްބާރުލުން ލިބިގެން ކުރަންޖެހޭ މަސައްކަތް ކަމަށް ބައްސާމް ފާހަގަކުރެއްވިއެވެ.