ދުނިޔެ

ޖައްމޫ އާއި ކަޝްމީރުގެ ޗީފް މިނިސްޓަރ މަރުވެއްޖެ


އިންޑިއާގެ ޖައްމޫއާއިކަޝްމީރު ސްޓޭޓްގެ ޗީފް މިނިސްޓަރ މުފްތީ މުޙައްމަދު ސަޢީދު އަވަހާރަވެއްޖެއެވެ.ޢުމުރުފުޅުން 79 އަހަރުގެ ސަޢީދު އަވަހަރާވެފައިވަނީ 2 ހަފްތާއެއްހާ ދުވަހު އާލާސްކަންފުޅާ އުޅުވުމަށް ފަހު، ވެރިރަށް ދިއްލީގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ކަމަށް ޚަބަރު ލިބެއެވެ. މުފްތީ މުޙައްމަދު ސަޢީދަކީ މިހާރު ޖައްމޫއާއިކަޝްމީރުގައި ވެރިކަން ކުރަމުންދާ އެއް ޕާޓީ ކަމަށްވާ ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީ ޕީ.ޑީ.ޕީގެ ބާނީއެވެ. 2014 ވަނަ އަހަރު ބޭއްވި ޢާއްމު އިންތިޚާބުގައި އެ ޕާޓީއަށް ޤާނޫނު ހަދާ މަޖިލީހުގެ 28 ގޮނޑި ލިބުނު އިރު، މިހާރު އިންޑިއާގައި ވެރިކަން ކުރަމުންދާ ބީ.ޖޭ.ޕީއަށް ލިބުނީ 25 ގޮނޑިއެވެ. މިއާއެކު ސަޢީދާ، ބީ.ޖޭ.ޕީގެ ލީޑަރު އަދި އިންޑިއާގެ ބޮޑު ވަޒީރު ނަރަންދެރަ މޯދީ ވަނީ ޖައްމޫއާއި ކަޝްމީރުގައި ގުޅިފައިވާ ސަރުކާރެއް އެކުލަވާލާފައެވެ.ސަޢީދު އަވަހާރަވުމާ ގުޅިގެން މޯދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަޢީދު އަވަހާރަވުމަކީ އިންޑިޔާއަށާއި ޖައްމޫއާއިކަޝްމީރު ސްޓޭޓަށްވެސް ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ. ސަޢީދު އަވަހަރާވުމާ ގުޅިގެން ޖައްމޫއާއި ކަޝްމީރުގެ ޗީފް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަންނަވާނީ އޭނާގެ އަންހެން ދަރިކަނބަލުން މެހްބޫބާ މުފްތީ ކަމަށް ޚަބަރު ލިބެއެވެ.