ޚަބަރު

ބ.ގޮއިދޫގައި ފުލުހުންގެ ޕޯސްޓެއް ހުޅުވައި ޚިދުމަތް ދޭންފަށައިފި


ބ.އަތޮޅު ގޮއިދޫގައި ފުލުހުންގެ ޕޯސްޓެއް ހަދައި ރަސްމީކޮށް އެޚިދުމަތް ދޭންފަށައިފިއެވެ. މި ފުލުހުންގެ ޕޯސްޓު ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲއެވެ.

މިއީ ބ.އަތޮޅުގައި ފުލުހުންގެ ޚިދުމަތް ދޭންފެށި 5ވަނަ ރަށެވެ. މި ރަށާއެކު ޖުމްލަ 108 ރަށެއްގައި ފުލުހުންގެ ޚިދުމަތް، ސްޓޭޝަން ތަކާއި ޑެސްކްތައް އަދި ޕޯސްޓްތައް ވަނީ ޤާއިމްކޮށްފައެވެ.

ގޮއިދޫގައި ޤާއިމްކުރި ފުލުހުންގެ ޕޯސްޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތިގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ ފުލުހުންގެ ޚިދުމަތް ފުޅާކޮށް ރާއްޖޭގެ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ލިބޭނެއިންތިޒާމް ހަމަޖެއްސުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ކުރިއަށްގެންދާ ކަމެއްކަމަށެވެ. ގޮއިދޫގައި ފުލުހުންގެ ޚިދުމަތް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތްކަމަށާ އެއީ ލޯކަލް ޓުއަރިޒްމް ވިޔަފާރި ފުޅާވަމުންދާ ސަރަޙައްދަކަށް ވާތީ އެސަރަހައްދުގެ ރައްޔިތުންނާއި، ފަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމުގެ ބޭނުމުގަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައްޔިތުންނަށް އަމާންކަމާ ރައްކާތެރިކަން ކަށަވަރުކޮށްގެން މެނުވީ ރައްޔިތުންގެ އިގްތިސާދީ ފުދުންތެރިކަމާއި އިޖްތިމާޢީ ދުޅަހެޔޮކަން ނުލިބޭނެކަން މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

"ސަރުކާރުގެތެރެއިން ރައިސުލްޖުމްހޫރިއްޔާ އެންމެ އިސްކޮށް ހުންނަވައިގެން ނިންމެވީ މި ރިޔާސީ ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް. މީ ވަރަށް ބޮޑު ޒިންމާއެއް. ވަރަށް ބައިވަރު ގޮންޖެހުން ކުރިމަތިވާނެ. އެހެން ނަމަވެސް އެކަންކަން ހައްލުކޮށް ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ތިއްބަވާނެކަމުގެ ޔަގީންކަން އެބައޮތް." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގޮއިދޫ ކައުންސިލްގެ ރައީސް އަޙްމަދު ޝިޔާން ވިދާޅުވީ މި ޚިދުމަތާއެކު ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ވެގެންދާނެކަމަށެވެ. ވަކިން ހާއްސަކޮށް ގޮއިދޫގެ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށާ، ފުލުހުންނަށް ދޭނެޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ގޮއިދޫގައި ފުލުހުންގެ ޙިދުމަތް ފެށުމާ ގުޅިގެން އެކަމުގެ އަގު ވަޒަން ކުރުމުގެ ހަދާނީފިލައެއްވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. މިރަސްމިއްޔާތުގައި ފުލުހުންގެ އިސްވެރިންނާ ގޮއިދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.