އެފްއޭ ކަޕްގައި ކާޑިފް ސިޓީ އަތުން މޮޅުވެ ލިވަޕޫލުން މުބާރާތުގެ ފަސްވަނަ ބުރުން ޖާގަ ހޯދައިފިއެވެ. ރޭ ކުޅުނު މިމެޗް ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީ 3 ލަނޑު 1 ލަނޑުންނެވެ. މިމެޗްގައި ފެނިގެންދިޔަ ގޯލްތައް ފެނިގެން ގޮސްފައިވަނީ މެޗްގެ ދެވަނަ ހާފްގައެވެ. މެޗްގެ ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. މިމެޗަށް ނިކުތްއިރު، ލިވަޕޫލްގެ އެންމެ ކުރީގައި މުހިންމު ދައުރެއް އަދާ ކުރާ ދެ ކުޅުންތެރިންކަމުގައިވާ މުޙައްމަދު ސަލާޙާއި ސާޑިއޯ މާނޭ ވަނީ ނިމިގެންދިޔަ އެފްރިކަން ކަޕް އޮފް ނޭޝަންސްއަށް ދޫކޮށްފައެވެ.
މިމެޗްގެ ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް ގޯލެއް ނުޖެހުނު ނަމަވެސް، ދެ ޓީމަށްވެސް ގޯލް ޖެހުމަށް ފުރުސަތު ލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން މެޗްގެ ވަރަށް ކުރީކޮޅުގައި ލިވަޕޫލްގެ ޕޯޗުގީސް ފޯވާޑް ޑިއޯގޯ ޖޮޓާ ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަވަނީ ކާޑިފްގެ ކީޕަރު މަތަކޮށްފައެވެ. ކާޑިފްގެ ޑިފެންސަށް ކުޅެމުންދިޔަ ކުޅުންތެރިންގެ ފަރާތުން ފެނުނު މޮޅު ކުޅުމުގެ ސަބަބުން ލިވަޕޫލަށް މެޗްގެ ފުރަތަމަ ހާފްގައި މާ ނުރައްކާތެރި ހަމަލާއެއް އުފެއްދޭގޮތެއް ނުވިއެވެ.
މެޗްގެ ދެވަނަ ހާފްގެ ވަރަށް ކުރީކޮޅުގައި ލިވަޕޫލުން ވަނީ ގޯލެއްޖަހައި މެޗްގައި ލީޑް ނަގާފައެވެ. މިލަނޑު މެޗްގެ 53ވަނަ މިނެޓްގައި ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ޑިއޯގޯ ޖޮޓާއެވެ. ދެވަނަ ހާފްގައި ލިވަޕޫލުން ވަނީ މިފަހަރުގެ ޓްރާންސްފަރގައި އެޓީމާއި ގުޅުނު ކޮލަމްބިއާގެ ފޯވާޑް ލުއިސް ޑިއާޒާއި ޒުވާން މިޑްފީލްޑަރު ހާވީ އެލިއަޓް ކުޅެން އަރުވާފައެވެ. މިބަދަލާއެކު މެޗްގައި ލިވަޕޫލްގެ ކުޅުން ރަގަނޅުވިއެވެ. އަދި އެގޮތުން މެޗްގެ 68ވަނަ މިނެޓްގައި ލިވަޕޫލުން ވަނީ އެޓީމުގެ ދެވަނަ ލަނޑުޖަހައި ލީޑް ފުޅާކޮށްފައެވެ. މިލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ޓަކޫމީ މިނަމީނޯއެވެ. މެޗްގައި ލިވަޕޫލުންޖެހި 3ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ހާވީ އެލިއަޓެވެ.
މެޗްގައި ލިވަޕޫލުން ތިން ގޯލް ޖެހުމާއެކު ކާޑިފުން ގޯލެއް ޖެހުމަށް ޓީމަށް ބަދަލްތަކެއް ގެނެސް، ވަރަށް ބޮޑަށް ކުޅުން ރަގަނޅު ކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗް ނިމެން 10މިނެޓަކަށް ވެފައިވަނިކޮށް ރުބިން ކޯލްވިލް ވަނީ ކާޑިފަށް ގޯލެއް ޖަހައިދީފައެވެ.
އެފްއޭ ކަޕްގެ ގަދަ 16 ގައި ލިވަޕޫލުން ނުކުންނާނީ އަމިއްލަ ދަނޑުގައި ނޮވިޗް ސިޓީއާ ދެކޮޅަށެވެ.