ދުނިޔެ

މިދިޔައަހަރު އިސްރާއީލުން، ފަލަސްޠީނުގެ 178 މީހުން ޝަހީދުކޮށްލި


2015 ވަނަ އަހަރު އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދިން އެކި އެކި ޙަމަލާތަކުގައި ފަލަސްޠީނުގެ 178 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްޠީނުގެ ސިއްޙަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. ފަލަސްޠީނުގެ ސިއްޙަތާ ބެހޭ ވުޒާރާއިން ބުދަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ އިސްރާޢީލުގެ އަނިޔާވެރި ޙަމަލާތަކުގައި ހުސްވި އަހަރު ފަލަސްޠީނުގެ 16،200 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. މި ރިޕޯޓްގައި ބުނެފައިވަނީ އިސްރާއީލުން ޝަހީދުކޮށްލި މީހުންގެ ތެރެއިން 145 މީހުން ޝަހީދުވެފައިވަނީ އިސްރާއީލުގެ ސަލާމަތީ ބާރުތަކާ ފަލަސްޠީނުގެ ޒުވާނުންނާ ދެމެދު ދާދި ފަހުން ހިނގާފައިވާ ކުރިމަތިލުންތަކާ ބަދަލުކޮށްފައިވާ ޙަމަލާތަކުގައި ކަމަށެވެ. މި ކުރިމަތިލުންތައް ހިނގަން ފަށާފައިވަނީ މަސްޖިދުލް އަޤްޞާ މިސްކިތަށް ވަންނަ ފަލަސްޠީނުގެ ރައްޔިތުންނަށް އިސްރާއީލުން އިތުރު ހުރަސްތައް އެޅުމާ ގުޅިގެންނެވެ.2015 ވަނަ އަހަރު އިސްރާއީލުން ފަލަސްޠީނުގެ 539 މީހެއްގެ ގެދޮރު ތަޅާ ބިމާހަމަކޮށްލާފައިވާއިރު، 724 ފަލަސްޠީނު ރައްޔިތުން ނުހައްޤުން އެމީހުންގެ ގެދޮރުންވަނީ ނެރެފައިވާ ކަމަށް މި ރިޕޯޓް ބުނެއެވެ.2015 ވަނަ އަހަރު ހުޅަނގު އައްސޭރިއާ އިރުމަތީ ޤުދުސްގެ ސަރަހައްދުތަކުން ފަލަސްޠީނުގެ 6830 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފަލަސްޠީނުގެ ޤައިދީންގެ ހައްޤުގައި މަސައްކަތް ކުރާ އަމިއްލަ ޖަމާޢަތަކުން ވަނީ ހާމަކޮށްފައެވެ. މީގެ ތެރޭގައި 11 އަހަރާ 18 އަހަރާ ދެމެދުގެ 2179 ކުދިން ހިމެނޭ ކަމަށް ވެސް އެޖަމާޢަތުން މަޢުލޫމާތުދެއެވެ.