ވިޔަފާރި

ކޯވިޑާއެކު ރާއްޖޭގެ ބަދަލުވަމުންދާ ފަތުރުވެރިކަމާ ގުޅޭ ޚާއްސަ ވެބިނާއެއް މިރޭ!


ޖަރުމަނުގެ ފްރީޑްރިކް ނައުމަން ފައުންޑޭޝަނުން އިންތިޒާމު ކުރާ ކޯވިޑް-19އާއި ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ ޚާއްސަ ވެބިނާއެއް ބޭއްވުމަށް ނިންމައިފިއެވެ.

ޖަރުމަންވިލާތުގެ ފްރީޑްރިކް ނައުމަން ފައުންޑޭޝަނަކީ ސިޔާސީ އެކި ފަންތީގައި ހަރަކާތްތައް ހިންގާ ފަރާތަކެވެ. މީގެ އިތުރުން ސިޔާސަތުތައް ކަނޑައެޅުމާ ގުޅޭ އެކި ފޯރަމްތައްވެސް ފައުންޑޭޝަންގެ ފަރާތުން އިންތިޒާމު ކުރެއެވެ. މި ފައުންޑޭޝަނުން އިންތިޒާމުކުރާ ވެބިނާ އޮންނާނީ މިރޭ 9:00 ޖަހާއިރު ކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ.

މި ވެބިނާގައި ޓުއަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ބައިވެރިވަޑައިގަންނަވައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ މުޤައްރިރު ހޯރަފުށީ ދައިރާގެ މެންބަރު، އަހުމަދު ސަލީމް، މިވެބިނާގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މި ވެބިނަރގެ ކީނޯޓް ސްޕީކަރ އަަކީ ޖަރުމަނުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށްވާ ފްރޭންކް މުލާ ރޮސެންޓިޓްއެވެ.

މި ވެބިނާރގެ މޮޑަރޭޓަރއަކީ ޕިކް މޯލްޑިވްސްގެ ފައުންޑަރ ރިއާޔަތު އަބްދުލްމަޖީދުއެވެ.


އޮންލައިކޮށް ކުރިއަށް ގެންދާ މި ވެބިނާގައި ރާއްޖޭގެ ފަތުރުވެރިކަމަށް ކޯވިޑް-19އާ ގުޅިގެން ކުރި އަސަރާއި އަދި ފަތުރުވެރިކަން އިޢާދަ ކުރުމަށް ސިޔާސަތުތަކަށް ގެނައި ބަދަލާ ގުޅޭގޮތުން ވާހަކަ ދައްކާނެއެވެ. މީގެ އިތުރުން އައު މާކެޓުތަކުން ފަތުރުވެރިން ގެނައުމަށް ކުރެވެމުންދާ މަސައްކަތާ ގުޅޭގޮތުން ވެބިނާގައި އަލިއަޅުވާލާނެއެވެ.

ކޯވިޑް-19އާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދައިރާއަށް ވަރަށްބޮޑަށް މަޑު ޖެހިގެން ދިޔައެވެ. ނަމަވެސް ސަރުކާރުން ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ކުރި މަސައްކަތުން އަލުން މި ސިނާޢަތް އިޢާދަވެ، ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލުގެ މަޤާމު ފާއިތުވި ދެ އަހަރުވެސް ރާއްޖެ ވަނީ ހޯދާފައެވެ.