ޚަބަރު

ރާބިޠާގެ ސެކްރެޓަރީ ޖެނެރަލް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި


ރާބިޠަތުލް ޢާލަމިލް އިސްލާމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ޑރ މުޙައްމަދު ބިން ޢަބްދުލްކަރީމް އަލްޢީސާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރޭ ރާއްޖެ ވަޑައިގެންފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސެކްރެޓަރީ ޖެނެރަލް ޝައިޚް ޑރ އަލް-އިސާއަށް މަރުހަބާ ދެންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަޙްމަދު ޚަލީލާއި، ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.

ސެކްރެޓަރީ ޖެނެރަލް ޝައިޚް ޑޮކްޓަރ އަލްޢީސާގެ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރާއި، މިނިސްޓަރ އޮފް ޑިފެންސް އޛ މާރިޔާ އަޙްމަދު ދީދީ އާއި ބައްދަލުކުރައްވާނެއެވެ. އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްއާވެސް ބައްދަލުކުރައްވާނެއެވެ.

މުސްލިމް ވޯލްޑް ލީގް ނުވަތަ ރާބިޠަތުލް ޢާލަމިލް އިސްލާމިއްޔާއަކީ ސަޢޫދީ ޢަރަބިއްޔާގެ މައްކާގައި 1962ވަނަ އަހަރު އުފެއްދި ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ. މި ޖަމްއިއްޔާއަކީ އިސްލާމްދީނުގެ ހަގީގީ އަދި މެދުމިނުގެ އުސޫލުތައް ސާފުކޮށްދީ، ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. ދިވެހިރާއްޖޭގައިވެސް އެޖަމްއިއްޔާގެ ގިނަ ހަރަކާތްތަކެއް ހިންގާފައިވެއެވެ.