ބަންގްލަދޭޝާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗްތަކަކީ ޤައުމީ ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިންނަށް، އެކުޅުންތެރިންގެ ފެންވަރު ދައްކާލުމަށް ލިބޭ ވަރަށް ރަގަނޅު ފުރުސަތެއްކަމަށް ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) ބުނެފިއެވެ. ގައުމީ ވޮލީ ޓީމް ވަނީ ބަންގްލަދޭޝްއާއި ދެކޮޅަށް އެކުވެރިކަމުގެ 3 މެޗް ކުޅުމަށް ނިންމާފައެވެ. މިމެޗްތައް ކުޅެވޭނީ މިރޭ އާއި މިމަހުގެ 9 އަދި 11 ވަނަ ދުވަހުއެވެ. މިއީ ދެ ގައުމުގެ މެދުގައި ކުޅިވަރުގެ ރޮގުން އެކުވެރިކަން ބަދަހިކުރުމުގެ ގޮތުން ކުޅެވޭ އެކުވެރިކަމުގެ މެޗްތަކެކެވެ.
ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ޤައުމީ ސީނިއަރ ވޮލީ ޓީމަށް ބޭރު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް ބަންގްލަދޭޝާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ ތިން މެޗްގައިވެސް ރާއްޖޭގެ ޓީމް ތައްޔާރުކުރުމާއި ކޯޗުގެ ޒިންމާ ހާވާލުކޮށްފައިވަނީ ކޯޗް މުޙައްމަދު ސާޖިދާއެވެ. މެޗްގެ ކުރިން ވާހަކަދައްކަމުން ކޯޗް ސާޖިދު ބުނީ މިއީ މުބާރާތެއް ނޫންކަމަށާއި މިއީ އެކުވެރިކަމުގެ މެޗްތަކަކަށް ވުމުން، މިއީ ގައުމީ ޓީމްގައި ތިބި ޒުވާން ކުޅުންތެރިން ޓެސްޓް ކޮށްލަން ލިބޭ ވަރަށް ރަގަނޅު ފުރުސަތެއްކަމަށެވެ. އަދި ބަންގްލަދޭޝަކީ މިހާރު މިސަރަހައްދުގެ ވޮލީގައި ކުރިއެރުންތަކެއް ހޯދަމުން އަންނަ ގައުމެއްކަމަށާއި ނަމަވެސް ބަންގްލަދޭޝް ޓީމަކީ ރާއްޖޭގެ ޓީމަށް ބަލިނުކުރެވޭ ވަރުގެ ޓީމެއް ނޫންކަމަށް ކޯޗް މުހައްމަދު ސާޖިދު ބުންޏެވެ.
"މިއީ ވަރަށް ރަގަނޅު މެޗްތަކެއް. ޓީމަށް ކުރިއެރުންތަކެއް ލިބޭނެ. މިމެޗްތަކުގައި ބޮޑަށް ބޭނުން ކުރާނީ ޒުވާން ކުޅުންތެރިން. މިއީ އެކުޅުންތެރިންނަށް ލިބޭ ވަރަށް ރަގަނޅު ފުރުސަތެއް. މިއީ މުބާރާތެއް ނޫން، އެކުވެރިކަމުގެ މެޗްތަކަކަށް ވުމުން، ކުޅުންތެރިންނަށް އެއްވެސް ޕްރެޝަރެއް ނޯންނާނެ. އެހެންކަމުން ޕްރެޝަރު ނެތި ކުޅުންތެރިންނަށް ރަގަނޅު ކުޅުމެއް ދެއްކޭނެކަމަށް މިބަލަނީ. ޓީމްގައި ތިބި ޒުވާން ކުޅުންތެރިންނަށް، ތަޖްރިބާކާރު ކުޅުންތެރިންގެ ފަރާތުން މިމެޗްތަކުގެ ސަބަބުން ގިނަ ކަންތަށްތަކެއް ދަސްވާނެ. މިއީ ވަރަށް ރަގަނޅު މެޗްތަކެއް." ކޯޗް ސާޖިދު ބުންޏެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ކުރިއަށްދިޔަ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުންވަނީ ލަންކާ އާއި ދެކޮޅަށް އެކުވެރިކަމުގެ ތިން މެޗް މާލޭގައި ކުޅެފައެވެ. އަދި އެއަށްފަހު ގައުމީ ވޮލީ ޓީމުން ވަނީ އިންޑިޔާގެ ހައިދަރުއާބާދު ސްޕައިކާސްއާއި ދެކޮޅަށްވެސް އެކުވެރިކަމުގެ ތިން މެޗް ކުޅެފައެވެ.