ދުނިޔެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާ ވެސް ވެއްޓިއްޖެ


ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް  ވެއްޓިއްޖެއެވެ.މި ގޮތުން، ސާފު ނުކުރާ ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު މިވަގުތު ހުރީ 34.88 އެމެރިކާ ޑޮލަރުގައެވެ. މިއީ 11 އަހަރުގެ ތެރޭގައި ބްރެންޓް ކްރޫޑްގެ އަގު މިހާ ދަށަށް ވެއްޓުނު ފުރަތަމަ ފަހަރެވެ. އެމެރިކާގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 3.3 އިންސައްތަ ދަށްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެއްޓިފައި މިވަނީ ސަޢޫދީ ޢަރަބިއްޔާއިން އީރާނާއި އޮންނަ ސިޔާސީ ގުޅުން ކަނޑާލުމާއެކު، ތެލުގެ އަގު ކުޑަ ވަގުތުކޮޅަކަށް އުފުލުމަށްފަހުއެވެ. ތެލުގެ އަގު މިހާ ބޮޑަށް ވެއްޓިފައިވަނީ ތެޔޮ އުފައްދާ އިއްތިޙާދު އޯޕެކްގެ ޤައުމުތަކުން އުފައްދާ ތެޔޮ އާދަޔާއި ޚިލާފަށް އިތުރުވުމުން ކަމަށް ތަޖުރިބާކާރުން ދެކެއެވެ. މީގެ ކުރިން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލާއެކު އޯޕެކުން ތެޔޮ އުފައްދާ މިންވަރަށް ވެސް ބަދަލު ގެނެއެވެ. އެހެން ނަމަވެސް، 2014 ވަނަ އަހަރުގެ މެދު ތެރެއިން ފެށިގެން ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް އޯޕެކުން ވަނީ ދެކޮޅު ހަދާފައެވެ.