ކުޅިވަރު

އެކުވެރިކަމުގެ މެޗުތަކުން ޓީމަށް ކުރިއެރުން ލިބޭނެ - ޝަރީފް


ރާއްޖޭގެ ޤައުމީ އަންހެން ފުޓްބޯޅަ ޓީމުން ސީޝެލްސް އާއި ސައުދީ އަރަބިއްޔާގެ އަންހެން ފުޓްބޯޅަ ޓީމާއި ދެކޮޅަށް ކުލޭ މެޗުތަކަކީ ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ލިބޭ ވަރަށް ރަގަނޅު މެޗުތަކެއްކަމަށް އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު މުޙައްމަދު ޝަރީފް (ޑުންގާ) ވިދާޅުވެއްޖެއެވެ. ޤައުމީ އަންހެން ޓީމް މިހާރު ތައްޔާރުވަމުންދާ ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެންބަރު މަހުގައެވެ.

މިމުބާރާތަށް ތައްޔާރުވުމަށް ގައުމީ އަންހެން ޓީމް ސީޝެލްސްއާއި ސައުދީ އަރަބިއްޔާއާއެކު އެކުވެރިކަމުގެ ތިން މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު، މިމަހުގެ 15ވަނަ ދުވަހު ރަސްމީ ގަލޮޅު ބޯޅަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ބައްދަލުކުރާނީ ރާއްޖެ އާއި ސީޝެލްސްއެވެ. އަދި ދެވަނަ މެޗްގައި ރާއްޖެއިން ކުޅޭނީ ސީޝެލްސްއާއި ދެކޮޅަށެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18ވަނަ ދުވަހުއެވެ. އަދި ރާއްޖޭ ކުޅޭ ފަހު މެޗްގައި މިމަހުގެ 24ވަނަ ދުވަހު ނިކުންނާނީ ސައުދި އަރައްބިޔާއާއި ދެކޮޅަށެވެ. މިމެޗްތަކަށް ތައްޔާރުވުމަށް ގައުމީ އަންހެން ޓީމްގެ ފަރިތަކުރުންތައްފަށާފައިވަނީ މިދިޔަ މަހުގައެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު މުޙައްމަދު ޝަރީފް (ޑުންގާ) ވިދާޅުވީ މިއީ ރާއްޖޭގެ ޓީމަށް ލިބޭ ވަރަށް ރަގަނޅު މެޗްތަކެއްކަމަށާއި މިއީ ޓީމްގެ ކުރިއެރުމަށްވެސް ލިބޭ ވަރަށް ރަގަނޅު ފުރުސަތެއްކަމަށެވެ. ރާއްޖެއިން އަމިއްލަ ގައުމުގައި ތިން މެޗް ކުޅޭއިރު، އެދުވަސްވަރު ސީޝެލްސް އާއި ސައުދި އަރަބިއްޔާވެސް ރާއްޖޭގައި ތިބުމާއެކު، އެގައުމްތަކުގެ އެދުމުގެ މަތިން ސައުދި އަރަބިއްޔާ އާއި ސީޝެލްސް އެކުވެރިކަމުގެ މެޗްއެއް ކުޅުމަށް ހަމަޖެހިފައިވާކަމަށެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވައިވަނީ މިމަހުގެ 20ވަނަ ދުވަހުއެވެ.

ދާދިފަހުން އެފްއޭއެމްއިން ވަނީ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ސާބިއާގެ ކޯޗު ޑޭވޯ ބާބާ ހަމަޖައްސާފައެވެ. މިއީ ގައުމީ އަންހެން ޓީމުން ބޭރުގެ ޓީމުތަކާ ދެކޮޅަށް މާލޭގައި ގާތް ގާތުގައި މެޗުތަކެއް ކުޅޭނެ ފުރަތަމަ ފަހަރެވެ. ގައުމީ އަންހެން ޓީމުން އެންމެ ފަހުން ވާދަކުރީ މިދިޔަ އަހަރު ކުރިއަށްދިޔަ އަންހެން އޭޝިއަން ކަޕް ކޮލިފިކޭޝަންގެ މެޗުތަކުގައެވެ.